ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި ކުރިން އަމަލު ކުރަމުންދާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަން ރާއްޖެއެމްވީއަށް ކަށަވަރު ވެއްޖެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޖިސްމާނީ ގޮތުން ވޯޓުލުމަށް އުނދަގޫ ފަރާތްތަކަށް އެހީތެރިވުމުގައި ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް އެފަދަ ފަރާތްތަކުން އަމިއްލައަށް ކަނޑައަޅާ ފަރާތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރިވުމަށް އީސީގެ އޮފިޝަލުން ކަނޑައެޅުމަށް ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ވަނީ ވޯޓުލުމުގައި އެހީތެރިވާނީ ކާކުކަން ނިންމުމުގެ ހައްގު ލިބެން ޖެހޭނީ ވޯޓުލާން ދާ މީހާއަށް ކަމަށް ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުންވެސް ވިދާޅުވެފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުން ވޯޓުލާންޖެހޭ އުސޫލު ބަދަލުކުރަން މަޝްވަރާކުރަމުންދާ ކަމަށާއި މިކަމާ މެދު މިހަފްތާ ތެރޭގައި ގޮތެއް ނިންމިގެންދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު 23 ސެޕްޓެމްބަރުގައި ބޭއްވުމަށް ނިންމާފައިވާ އިރު ރީ-ރަޖިސްޓްރޭޝަނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.