ރީރަޖިސްޓްރީ ކުރުން ސަރުކާރު އޮފީސްތަކުގައި ހިނގާތީ މުވައްޒަފުންގެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.
ސަރުކާރު ބައެއް މިނިސްޓްރީތަކުގައި މަސައްކުރާ މުވައްޒަފުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި، އޮފީހުގެ ތެރެއިން ރީރަޖިސްޓްރޭޝަން ކަންކަން ކުރުމަށް ބާރު އަޅައި، ފޯމު ފުރުވައި، ނަންނޯޓް ކުރަމުންދާ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، އެގޮތަށް އޮފީހުގެ ތެރެއިން ރީރަޖިސްޓްރޭޝަނަށް ބާރު އަޅަމުންދާތީ ގިނަ މުވައްޒަފުން ހިތްހަމަނުޖެހޭ ކަމަށާއި އެކަން ކުރަމުންދަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނުފޫޒުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.
އެސްޓީއޯގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ވަނީ ރީރަޖިސްޓްރީ ކުރުމުގެ ކަންކަން އޮފީހުން ކުރިއަށް ގެންދާތީ އެކަމަކީ އެހާ ގަޔާވާ ކަމެއް ނޫން ކަމަށް ބުނެފައެވެ.
މީގެ އިތުރުން ސަރުކާރުގެ އެހެން މިނިސްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، "މެޑަމް ކެމްޕެއިން އޮފީހުގައި މަސައްކަތް ކޮށްލަން ދާންޖެހިދާނެ" ކަމަށް އޮފީސް މެނޭޖްމެންޓުން އެންގި ކަމަށެވެ. އެކަމާ ގިނަ މުވައްޒަފުންތަކެއް ހިތްހަމަނުޖެހުން ފާޅު ކުރިކަމަށް ވެސް އެނާ ބުންޏެވެ.
އެހެން މުވައްޒަފަކު ބުނީ މުވައްޒަފުންނަށް މީގެ ކުރިންވެސް ޖަލްސާތަކަށް ދިއުމަށާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރު އަޅަމުންދާ ކަމަށާއި އެހެންނަމަވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެރިކަމާހުރެ ބައިވެރިވާން ބޭނުން ނުވި ނަމަވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެއް މުވައްޒަފު ވަނީ ބުނެފައެވެ.
އެކަމާ ގުޅޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް ވިދާޅުވީ، މިކަންކަމާ ގުޅިގެން މުވައްޒަފުންގެ ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށެވެ. މުވައްޒަފުންގެ މަސައްކަތުގެ ވަގުތުތަކުގައި މިފަދަ ކަންކަން ކުރެވޭނެ ކަމާ މެދު ސުވާލު ކުރެއްވުމުން ޝަމީމު ވިދާޅުވީ ޖެހޭނީ ގަވައިދު ރަނގަޅަށް ބަލާލަން ކަމަށާއި ކުއްލިއަކަށް އެކަމާ ގުޅޭ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް ސިވިލް ސަރވިސް ގަވައިދުގައި ބުނެފައި ވަނީ ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފެއް، އެ މުވައްޒަފެއްގެ ރަސްމީގަޑީގައި ވަޒީފާގެ މަސްއޫލިއްޔަތުން ބޭރު އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ކުރުވައިގެންވެސް ނުވާނޭ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކަށާއި، އާންމުންނަށް ޖަވާބުދާރީވެ އަދި، އެ ހިނދަކު ވެރިކަން ހިންގުމާ ހަވާލުވެ އޮތް ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައާއި، އެ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އިހްލާސްތެރިކަމާ އެކު އެހީތެރިވެދޭން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ގަވައިދުގައި ވަރަށް ސާފުކޮށް މިހެން ބަޔާންކޮށްފައިވާ އިރު ޝަމީމް ވަނީ ގަވައިދުގައި އޮތް އެއްޗެއް ވިދާޅުވުމަށްފަހުގައި ނޫނީ، މިކަމާ ގުޅިގެން އެއްޗެއް ވިދާޅުވަން ނޭންގޭނެ ކަމަށް ވިދާޅުވެފައެވެ.