އީޔޫ އިން ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ފްރޭމްވޯކް ހާމަކޮށްފިއެވެ.
މިމަހުގެ 16 ވަނަ ދުވަހު، ރާއްޖެއާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ފާސްކުރުމަށް ނިންމަވާފައިވަނީ، ސިޔާސީ ފައިދާތަކެއް ހާސިލް ކުރުމަށް ބަޔަކު ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމާއި އަދި މަޖިލީހުގެ ތެރެއިން ނިންމާ ނިންމުންތައް ނިންމުމަށް މަގުފަހި ކޮށްދިނުމާއި އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށް ހުރަސްތަކެއް ހުރުން ކަމަށް ބަޔާން ކޮށްފައިވެއެވެ
ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ގާނޫނުން ލިބިދޭ ބާރުތައް ހަނިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ސިޔާސީ ހަމަޖެހުން ގެނައުމަށް ހުރަސްއަލާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ވަކިވަކި މުއައްސަސާތަކާއި މީހުންނަށެވެ.
މިކަން މިހެން ހާމަކޮށްފައިވާ އިރު ފިޔަވަޅު އަޅާނެ ވަކި ވަކި އިދާރާތަކާއި މީހުންގެ މައުލޫމާތެއް އީޔޫއިން ހާމަކޮށްފައެއްނުވެއެވެ.
މިފިޔަވަޅު ތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނުވަދެވުމުގައި ޓްރާންސިޓް ނުކުރެވުމާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ފަންޑުތައް ހިފެހެއްޓޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
އީޔޫގެ މި ފިޔަވަޅުތަކުގެ އަސަރު ބޮޑު ކުރުމަށްޓަކާއި އީޔޫ މެންބަރު ގައުމުތަކުގެ އިތުރުން އީޔޫއިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ރާއްޖެއާ މެދު އީޔޫ އިން ވަކި ވަކި މީހުންނާއި އިދާރާތަކާމެދު އަޅާނެ ފިޔަވަޅު ތައް އެޅުމަށް ބާރުއަޅާނެ ކަމަށް އީޔޫއިން ބުނެއެވެ.
މިފިޔަވަޅުތައް 17 ޖުލައި 2019 ވަނަ ދުވަހާއި ހަމައަށް އެޅިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އެޅުމުގެ ފްރޭމްވޯކް ހާމަކޮށްފައިވާ އިރު މިދިޔަ ހޯމަ ދުވަހު ވަނީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ފަރުދުންނާއި، ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ
މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާ ސީދާ ގުޅިގެން ނިންމުނު ނިންމުމެއް ކަމަށް ފޮރިން އެފެއާޒް ކައުންސިލުން ބުނެއެވެ.