ރާއްޖޭގައި 130 އަށް ވުރެ ގިނަ ރިސޯޓް އޮތް އިރު އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އީސީގެ މެންބަރުން އެހީވާ ގޮތަށް ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ނިންމައިފިއެވެ
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނީ މިކަންކަން ގެޒެޓު ކުރެވިގެން ދިއުމުން ކަމަށެވެ.
ސުއޫދު ވިދާޅުވީ، ވޯޓުލުމުގައި އެހީތެރިވާނީ ކާކުކަން ނިންމުމުގެ ހައްގު ލިބެން ޖެހޭނީ ވޯޓުލާން ދާ މީހާއަށް ކަމަށެވެ. އެހެން ކަމުން ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރި ވާނީ އީސީގެ އޮފިޝަލުން ކަމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ރައްޔިތުންލަނީ ސިއްރު ވޯޓަކަށްވާ އިރު އެމީހަކު ބޭނުންނުވާ ނުވަތަ އިހްތިޔާރުނުކުރާ މީހަކަށް އެމީހަކު ވޯޓުލީ މީހާ އެނގިގެންނުވާނެ،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި މަދު ކުރި ކުރުމުގައި، ކުރިން ވެސް އަމަލު ކުރަމުން އައިގޮތަށް އަމަލު ކުރަންޖެހޭ ކަމަށާއި މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިވުމާއި ރިސޯޓުގެ އޮޕަރޭޝަނަށް ބުރޫއެރުން ފަދަ ކަންކަން ކުރިމަތިވުމަށް މަގުފަހިވާނެ ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި 40 ރިސޯޓުގައި ވަނީ ވޯޓު ފޮށި ބަހައްޓާފައިވާއިރު މި ފަހަރު އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުން ބާތިލުކުރުމަށް ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 10000 މުވައްޒަފުންނަށް ފޯޓުލުމުގެ ހައްގުން މަހުރޫމް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސެޕްޓެމްބަރު މަހު ފަހުކޮޅަކީ އާންމު ގޮތެއްގައި ރިސޯޓުތަކުގައި އޮކިއުޕެންސީ ރަނގަޅު ދުވަސްވަރެއް ކަމަށާއި އާދިއްތަ ދުވަހަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަރަށް ބުރަކޮށް އުޅޭނެ ދުވަސްވަރެއް ކަމަށް ޓީމުން ބުނެއެވެ. ސަބަބަކީ ގިނަ ބިދޭސީ މުވައްޒަފުންގެ އޮފް ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ވުމެވެ. އެމީހުންގެ އޮފް ދުވަހުގައި ދިވެހިން ވޯޓުލަން އެހެން ރަށްރަށަށް ދިއުމަކީ މަސައްކަތްތައް ހުއްޓާނުލައި ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް ޓީމުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިސޯޓްތަކުގައި ވޯޓު ފޮށިތައް ބަހައްޓާ ވަރު މަދު ކުރީ މިފާއިތުވެދިޔަ ފަހަރުތަކުގައި ބައެއް ރިސޯޓުތަކުން ވޯޓުލުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ކަމަށާއި މިބަދަލު ގެނައި ނަމަވެސް ރިސޯޓްތަކުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.