ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި އެކަނި ވެސް ވޯޓުލުމުގެ ހައްގު ލިބޭ 400 މީހުން އެބަ ތިބި ކަމަށާއި އެކަމަކު ވޯޓު ފޮއްޓެއް ނެތް ކަމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.
ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް ބަލާއިރު ފަޅު ތެރޭގައި އޮތް މަޑިވަރު ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނާ އެކު ޖުމްލަ 500 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި 500 މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ނެތް. އެންމެ ކައިރީގައި އޮތް ރަށަށް ވެސް ދެވޭނީ ގަޑިއެއް ހާއިރު ފަހުން. ކިހިނެތްތޯ އެދުވަހު އެ 500 މީހުން ކައިރި ރަށަށް ގެންގޮސް ގެނެސް ހަދާނީ،" މައުރޫފު ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ހަތް ރިސޯޓުތަކުގައި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 2,000 މުވައްޒަފުން ކަމަށާއި މުޅި ޖުމްލަ ރިސޯޓުތަކުގައި 18700 މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. އެހެން ކަމުން މިކަމުގެ ސަބަބުން ގިނަ މުވައްޒަފުންތަކަށް ވޯޓުލުމަށް ތަކްލީފުތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އަމަލަކީ ރިސޯޓުގެ މުވައްޒަފުންނަށް ވޯޓުލުމުގެ ހައްގު ހަނިވެގެންދާ ކަމެއް ކަމަށާއި މީގެ ކުރިން އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުގައި ކުރިމަތިވި ކަންކަމާ ގުޅިގެން މުވައްޒަފުން އޭގެ ތަކްލީފު އުފުލަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.
"ގިނަ ރިސޯޓް އޯނަރުންނަކީ ސިޔާސީ ކޮންމެވެސް ޕޮލިޓިކަލް ޕާޓީއަކާ އެފިލިއޭޓްވެގެން މަސައްކަތް ކުރާ ބައެއް. އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ރިސޯޓްތަކުގެ ބައެއް މެނޭޖްމެންޓްތަކުން ވަކި މީހަކަށް ވޯޓުލުމަށް ނުފޫޒު ފޯރުވި މަންޒަރު ވެސް. އެހެންނަމަވެސް މުވައްޒަފުންނަށް އެގޮތަށް މަޖުބޫރެއް ނުކުރެވޭނެ. އެގޮތަށް ވޯޓުލަން މުވައްޒަފުން ބޭނުމެއް ނުވޭ،" މައުރޫފް ވިދާޅުވިއެވެ.