ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 13:49
ޓީމްގެ ސެކްރެޓަރީ މައުރޫފް ޒާކިރު ރާއްޖެއެމްވީ އަށް އިންޓަވިއުދެއްވަނީ
ޓީމްގެ ސެކްރެޓަރީ މައުރޫފް ޒާކިރު ރާއްޖެއެމްވީ އަށް އިންޓަވިއުދެއްވަނީ
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ އިންތިހާބު 2018
ވޯޓު ފޮށި ބެހެއްޓޭ އަދަދު މަދު ކުރުމުން 10،000 މީހުންގެ ވޯޓު ގެއްލޭނެ: ޓީމް
މީގެ ކުރިން ވެސް އިންތިހާބުތަކުގައި ރިސޯޓް މުވައްޒަފުންނަށް ވޯޓު ލެވުނު
ދަތުރުކޮށްފައި ދިއުން ވާނީ ވަރަށް ދަތިކަމަކަށް
ވިހި ރިސޯޓުގައި 200 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން މަސައްކަތް ކުރޭ

ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 10،000 މުވައްޒަފުންނަށް ފޯޓުލުމުގެ ހައްގުން މަހުރޫމް ވާނެ ކަމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ 132 ރިސޯޓުން 18،700 މުވައްޒަފުން ވޯޓުލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 20 ރިސޯޓެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 200 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބަހައްޓަކީ 250 މުވައްޒަފުން ހަމަވާ ރިސޯޓުތަކުގައެވެ.

"ވަރަށް ގިނަ ރިސޯޓުތަކުގެ މުވައްޒަފުން ޝަކުވާ އެބަ ކުރޭ މިކަމަށް ހައްލެއް ހޯދުމަށްޓަކައި. ރިސޯޓުތަކުގައި ވަރަށް ކައިރީގައި ރަށެއް ނެތިއްޔާމު އޯލްމޯސްޓް އިމްޕޮސިބަލް ކަމެއް އެއީ ކައިރީގަ ހުރި ރިސޯޓްތަކަށް ގޮސް މީހުން ދިރިއުޅޭ ރަށްރަށަށް ގޮސް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުން،" މައުރޫފް ވިދާޅުވިއެވެ.

 މައުރޫފް ވިދާޅުވީ، ސެޕްޓެމްބަރު މަހު ފަހުކޮޅަކީ އާންމު ގޮތެއްގައި ރިސޯޓުތަކުގައި އޮކިއުޕެންސީ ރަގަޅު ދުވަސްވަރެއް ކަމަށާއި އާދިއްތަ ދުވަހަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަރަށް ބުރަކޮށް އުޅޭނެ ދުވަސްވަރެއް ކަމަށެވެ. ސަބަބަކީ ގިނަ ބިދޭސީ މުވައްޒަފުންގެ އޮފް ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ވުމެވެ. އެމީހުންގެ އޮފް ދުވަހުގައި ދިވެހިން ވޯޓުލަން އެހެން ރަށްރަށަށް ދިއުމަކީ މަސައްކަތްތައް ހުއްޓާނުލައި ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށް ހޯމަ ދުވަހު މަސައްކަތް ކުރިން. އެހެން ނަމަވެސް އިސްވެރިންނާ ބައްދަލު ކުރެވިފައެއް ނުވޭ. އެހެން ނަމަވެސް ބައެއް މުވައްޒަފުންނާ ބައްދަލުވި. އެފަރާތްތަކުން ބުނަނީ މިހާރު ނިންމާފައިވާ ނިންމުން އަދި ބަދަލު ކުރަން ނުވިސްނާ ކަމަށް،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް މިހެން ވިދާޅުވި އިރު ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމު ވިދާޅުވީ، ރިސޯޓުތަކުގައި މަދުން ވޯޓު ފޮށި ބެހެއްޓުމާ ގުޅިގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ، މިއީ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަތިވާ ގޮތަށް ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރަންވީ ސަބަބެއް އެނގި ނުލައްވާ ކަމަށާއި މި ކަމުގައި ސަރުކާރުން ވެސް އެއްޗެއް ވިދާޅުނުވާތީ ކަންބޮޑުވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ، ރިސޯޓުތަކުގެ މެނޭޖްމެންޓްތަކުން ވެސް އިސްވެ ވޯޓު ފޮށި ބެހެއްޓޭނެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ކައިރި ރަށްތަކަށް ވޯޓުލުމަށް ދިއުމުގެ އިންތިޒާމުތަކާއި ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ލީވްގެ ކަންކަން މުވައްޒަފުންނަށް ހަމަޖައްސާދިނުމަށް މެނޭޖްމެންޓްތަކުން މަސައްކަތް ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، އެކަން އެގޮތަށް ނުވެއްޖެ ނަމަ، އެދުވަހުގެ އެންމެ މުހިއްމު މަސައްކަތަކީ ވޯޓުލުން ކަމަށްވާއިރު ހުރިހާ މުވައްޒަފުން ވެސް ވޯޓުލުމަށް ދާނެ ކަމަށެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ރިސޯޓުތަކުގެ މުވައްޒަފުން ވޯޓު ލާންދާނެ ކަމަށާއި އެއީ ހުރިހާ ރިސޯޓަކުން މުވައްޒަފުން ފައިބައިގެން ދާން ޖެހުނު ކަމުގައިވީ ނަމަވެސް އެކަން ވެސް ކުރަން މުވައްޒަފުން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ މުވައްޒަފުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ގިނަ އިންތިހާބުތަކެއް ބޭއްވުނު އިރު ފަތުރުވެރިކަމުގެ ދާއިރާއަށް ލޮޅުން ނާރާ ގޮތަށް ކަންކަން އިންތިޒާފު ކުރެވިފައިވާ އިރު މި ފަހަރު ވެސް އެގޮތަށް ކަންތައްތައް ވެގެންދިއުމަށް މުވައްޒަފުން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް