ފަސް މިނެޓުން ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ނިންމާލެވޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައ އިތުރު މޯބައިލް ސްޓޭޝަންތައް ގާއިމުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ކުރީ އަހަރުތަކަށް ވުރެ ހުޅުމާލޭގައި މިފަހަރު ބާރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން އެކަމަށް އިސްކަން ދީގެން ރީރަޖިސްޓްރޭޝަންގެ ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގައި ރީރަޖިސްޓްރޭޝަންގެ ހިދުމަތް 14 ކައުންޓަރަކުން އަންނަނީ ދެމުންނެވެ.
"ކުރިން އަހަރުތަކުގައި ދިމާވި ކިއު ދިގުވެގެންދިޔަ މައްސަލަ ދިމާވާނެ ކަމަށް ނުބެލެވޭ. މިފަހަރު ރީރަޖިސްޓްރޭޝަންގެ ކަންކަން ވަރަށް ފަސޭހަކޮށް އިންތިޒާމު ކުރެވިފައިވަނީ، ހަމަ ގައިމުވެސް ބާ ޖަމާލުއްދީންގައި ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރުމަށް ކިއުގައި ޖެހޭނެކަމަށް ގަބޫލެއް ނުކުރަން. މާލެއިން ކުރެވޭ ހުރިހާ ކަމެއް ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރުން ކުރެވޭނެ." އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުންވެސް ބަލްކު ކޮށް ފޯމު ނަގާއިރު ފޯމުތައް ހުށަހެޅުމަށް އަވަހަށް އައުން އެދޭ ކަމަށެވެ. ވެބްސައިޓުގައި ފޯމު ޑައުންލޯޑް ކުރެވޭނެކަމަށާއި މައުލޫމާތު ފުރިހަމަކޮށްގެން އައިސްފި ކަމުގައިވާނަމަ ރީރަޖިސްޓްރޭޝަނަށް ނަގާނީ ފަސްވަރަކަށް މިނެޓް ކަމަށެވެ. އެނާ ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް އަންނަ ފަރާތްތަކުން އިންތިހާބު އޮންނަ ދުވަހު ހުންނަ ތަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި އެއަށްފަހުގައި ރަޖިސްޓްރީ ވުން އެދޭ ކަމަށެވެ. އެހެން ނޫންނަމަ އިންތިހާބުގައި ވޯޓުލުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރީރަޖިސްޓްރީ ވުމަށް ފަހު އަޅުގަނޑުމެން އިއުލާނު ކުރާނަން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް. އެ ލިސްޓު ފައިނަލް ވުމަށް ފަހު އެ ލިސްޓު ބަދަލެއް ނުވާނެ. ރަޖިސްޓްރީވެފައިވާ ތަން ކަށަވަރު ވެސް ކުރަންޖެހޭ. އެބޭފުޅަކު ދެއްވާ ނަންބަރަށް ރަޖިސްޓްރީވެފައިވާތަނުގެ މައުލޫމާތުތައް އެސްއެމްއެސް ކުރެވޭނެ. އަދި ސްލިޕް ވެސް ދެވޭނެ. ސްލިޕް އަތުގައި ބޭއްވުމަކީ ވެސް އެހާ މުހިއްމު ކަމެއް. އަދި ރަޖިސްޓަރ ވުމަށް އެދޭ ފޯމު ހުށަހެޅުމަށް ހަވާލުކުރާ ފަރާތަކީ ވެސް ޒިންމާދާރު ކަމާ އެކު ރަޖިސްޓަރ ކޮށްދޭ މީހެއް ކަން ކަށަވަރު ކުރަންޖެހޭ،" އަކްރަމު ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، މާލޭގެ ކާރޫބާރޫ ބޮޑު ތަންތަނުގައި އާއި އާބާދީ ބޮޑު ތަންތަނުގައި ވެސް މޯބައިލް ސްޓޭޝަންތައް ގާއިމް ކުރެވޭނެ ކަމަށެވެ. އެގޮތުން މާލޭގައި ޕާކުތަކާއި ދައުލަތުގެ ބޮޑެތި އިދާރާތައް ކަމުގައިވާ ވެލާނާގެ ބިލްޑިންގ ފަދަ ތަންތަނުގައި ވެސް މޯބައިލް ސްޓޭޝަންތައް ބެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފެރީ ޓާމިނަލް ސަރަހައްދުގައި ވެސް ރީރަޖިސްޓްރީވުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރީރަޖިސްޓްރޭޝަނަށް ފުރުސަތު އޮންނާނީ ޖުލައި 17 އިން ފެށިގެން އޮގަސްޓް 11 ގެ ނިޔަލަށެވެ. ރީރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒަށާއި ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ އަދި ފުވައްމުލަކުގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށެވެ. ހުޅުމާލޭގައި ނަމަ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ގާއިމުކުރާ މޯބައިލް ސްޓޭޝަނުންނެވެ.
ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރު ފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.