ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރިރަޖިސްޓްރީ ކޮށްދޭނެ ތަންތަން އިއުލާނުކޮށްފި އެވެ.
ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރިރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، މުއްދަތު ހަމަވާނީ އޮގަސްޓް 11 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރިރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒަށާއި ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ އަދި ފުވައްމުލަކުގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށެވެ. ހުޅުމާލޭގައިނަމަ ހުޅުމާލޭ ޔޫތު ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ގާއިމުކުރާ މޯބައިލް ސްޓޭޝަނުންނެވެ.
ރިރަޖިސްޓްރީކުރުމުގެ ފޯމާއެކު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެ އެވެ.
ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.