ރިޔާސީ އިންތިހާބު 2018 ގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ފޮށިތައް ބެހެއްޓޭނެ ތަންތަނާއި އެކި ރަށްރަށުގައި ބެހެއްޓޭ ފޮށިތަކުގެ އަދަދު ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އެކި ސަރަހައްދު ތަކުގައި މިހާރު ބެހެއްޓުމަށް ކަނޑައަޅާފައިވަނީ 452 ވޯޓް ފޮއްޓެވެ. ނަމަވެސް ރީ-ރެޖިސްޓްރޭޝަނަށް ފަހު ވޯޓް ފޮށީގެ އަދަދު އިތުރުވާނެ އެވެ.
މިހާރު ވޯޓް ފޮށި ބަހައްޓަން ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ވޯޓް ފޮށީގެ އަދަދަށް ބަލާއިރު، މާލޭގެ ރަށްވެހިން ވޯޓްލުމަށް ޖުމްލަ 56 ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަކޮށް 72 ފޮށި ބަހައްޓާނެ އެވެ. އައްޑޫ ސިޓީގައި 31 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ރިސޯޓުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތް ފޮއްޓެކެވެ. ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ހަ ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާއިރު ޖަލުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތަރު ވޯޓު ފޮއްޓެވެ.
ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހި ވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގައި މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ރިސޯޓްތަކުގަ އެވެ. އެ އަދަދަށް މީހުން ހަމަނުވާ ކަމުގައިވާނަމަ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާތިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށާއި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެ ކޮމިޝަނުން ބުނެއެވެ.
ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައ ވޯޓު ފޮށި ބެހެއްޓޭނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ރާއްޖޭން ބޭރުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު އިނގިރޭސިވިލާތާއި ސްރީލަންކާ އާއި މެލޭޝިއާ އާއި އިންޑިއާގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނީ 200 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މި މައުލޫމާތުތައް ހާމަކޮށްފައިވާއިރު ސަރަހައްދުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ ތަފްސީލު ހާމަވެގެންދާނީ ރީ-ރަޖިސްޓްރޭޝަނަށް ފަހުއެވެ. ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވޯޓް ފޮށި ބަހައްޓާ ތަންތަނާއި އަދަދު:
- މާލޭގެ ރަށްވެހިން ވޯޓްލުމަށް މާލޭގައި: 56 ފޮށި
- މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓްލުމަށް: 72 ފޮށި
- ހއ. އަތޮޅު: 22 ފޮށި
- ހދ. އަތޮޅު: 24 ފޮށި
- ށ. އަތޮޅު: 17 ފޮށި
- ނ. އަތޮޅު: 18 ފޮށި
- ރ. އަތޮޅު: 23 ފޮށި
- ބ. އަތޮޅު: 17 ފޮށި
- ޅ. އަތޮޅު: 13 ފޮށި
- ކ. އަތޮޅު: 11 ފޮށި
- އއ. އަތޮޅު: 9 ފޮށި
- އދ. އަތޮޅު: 13 ފޮށި
- ވ. އަތޮޅު: 5 ފޮށި
- މ. އަތޮޅު: 9 ފޮށި
- ފ. އަތޮޅު: 6 ފޮށި
- ދ. އަތޮޅު: 8 ފޮށީ
- ތ. އަތޮޅު: 17 ފޮށި
- ލ. އަތޮޅު: 17 ފޮށި
- ގއ. އަތޮޅު: 13 ފޮށި
- ގދ. އަތޮޅު: 19 ފޮށި
- ފުވައްމުލައް: 10
- އައްޑޫ: 31
- ސިނާއީ ރަށްތައް: 6 ފޮށި
- ޖަލުތައް: 4
- ރިސޯޓްތައް: 7 ފޮށި
- މެލޭޝިއާ: 1 ފޮށި
- އިނގިރޭސި ވިލާތް: 1 ފޮށި
- އިންޑިއާ: 1 ފޮށި
- ސްރީ ލަންކާ: 2 ފޮށި