ކ. މާލެ
|
18 ޖޫން 2018 | ހޯމަ 16:11
ޖަޕާނުގެ އޮސާކާއަށް އައި ބިންހެލުން
ޖަޕާނުގެ އޮސާކާއަށް އައި ބިންހެލުން
ބީބީސީ
ޖަޕާނު ބިންހެލުން
އޮސާކާގައި އުޅޭ ދިވެހިންގެ ހާލު ރަގަޅު: ފޮރިންގ މިނިސްޓްރީ
މި ބިންހެލުމުގައި ތިން މީހުން ވަނީ މަރުވެފައި
200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވޭ
ރާއްޖޭގެ އެމްބަސީންދަނީ ބިންހެލުމުގެ ކަންކަން ކައިރިން ބަލަމުން

ޖަޕާނުގެ އޮސާކާ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ދިވެހިން ތިބީ ރައްކާތެރިކަމާ އެކުގައި ކަމަށާއި ޖަޕާނުގެ ޓޯކިއޯގައި ގާއިމްކޮށްފައިވާ ރާއްޖޭގެ އެމްބަސީ އިން ވަރަށް ގާތުން މިކަންކަން ބަލަމުން އަންނަ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފިއެވެ.

ޖަޕާނު ގަޑިން ހެނދުނު 08:00 ހާއިރު ޖަޕާނުގެ އޮސާކާއަށް އައި ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ތިނަކަށް އަރާ އިރު އޭގެ ތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނެއެވެ. މި ކުއްޖާ މަރުވެފައި ވަނީ ސްކޫލުގައި ހުއްޓާ ބިންހެލުމުގެ ތެރެއިން ބޯ މައްޗަށް ފާރެއް ވެއްޓިގެންނެވެ. މީގެ އިތުރން އުމުރުން ދުވަސްވީ މީހަކު މަރުވެފައި ވަނީ ފާރަކާއި ފޮތް ލާފައި ހުރި ކަނބަޑެއްގެ ދެމެދުގައި ތާށިވެގެންނެވެ. އޭރު އެމީހާ ހުރީ ގޭގައެވެ. އަދި މިހާދިސާގައި 200 އަށް ވިރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ސަރަހައްދުތަކުގައި ކޮންމެވެސް ވަރަކަށް އިމާރާތްތައް ވެއްޓިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 

 މިހާދިސާގައި ގިނަ ބަޔަކު ލިފްޓްތަކުގައި ތާށިވެ ފެން ހޮޅިތައް ފަޅައިގެންދިއުމުންނާއި މަގުތައް ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތަކުގައި ވެސް  ތާށިވިއެވެ. މި ހާދިސާއާ ގުޅިގެން އެއްލައްކަ ހަތްދިހަ ހާސް ގެއިން ކަރަންޓު ކެންޑިގެންދިޔަ އިރު ލައްކައެއްހާ ގެއަށް ގޭސް ސަޕްލައި ކުރުން ހުއްޓިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 ބިން ހެލުމުގެ ސަބަބުން އެއަރޕޯޓްތަކާއި ރެއިލް ސްޓޭޝަންތައް ވެސް އެތަށް ގަޑިއިރަކަށް ބަންދުކުރަންޖެހުނެވެ. މީގެ އިތުރުން ފެކްޓްރީތަކާއި ތަކެތި އުފައްދާ ކާރުހަނާތައް ވެސް ގިނަ ވަގުތުތަކަށް މަސައްކަތް ހުއްޓާލަން ޖެހުނެވެ. މީގެ ތެރޭގައި މަޝްހޫރު ކުންފުނިތައް ކަމަށްވާ ޕެނެސޮނިކް އާއި ޑައިހަޓްސޫ ފަދަ ކުންފުނިތަކުގެ ޕްރޮޑަކްޝަނަށް ވަނީ ބުރޫ އަރާފައެވެ.

ގާތްގަނޑަކަށް 6.1 މެގްނިޓިއުޑްގެ މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ލިބިފައެއް ނުވެއެވެ.

ޖަޕާނަކީ އާންމު ގޮތެއްގައި ވަރަށް ގިނައިން ބިންހެލުންތައް އަންނަ ގައުމަކަށްވާ އިރު ދުނިޔޭގެ މިހާތަނަށް އައި ބޮޑެތި ގިނަ ބިންހެލުންތައް ވެސް އައިސްފައި ވަނީ ޖަޕާނަށެވެ. އޭގެ ތެރޭގައި 2011 ވަނަ އަަހރުގެ މާޗު 13ގައި އައި ބާރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގައި ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހަލާކުވެ 25،000 އަށް ވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުމާމް އަލީ
- ކޮމެންޓް