Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކްރިމިނަލް ކޯޓް

މައުމޫނަށް ކުރި ޙުކުމަށް ވެސް ފާޑު ކިޔަނީ ކިޔަން ޖެހޭތީ!؟

ވަކީލުން އައްޔަން ކުރަން އެކަށީގެންވާ ވަގުތެެއް ނުދޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 16 ޖޫން 2018 | ހޮނިހިރު 13:58
ކުރީގެ ރައީސް މައުމޫނު ފުލުހުންގެ ބެލުމުގެ ދަށުން ލޯންޗުން ބާލަނީ

ކުރީގެ ރައީސް މައުމޫނު ފުލުހުންގެ ބެލުމުގެ ދަށުން ލޯންޗުން ބާލަނީ

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމާއެކު މުޅި ދުނިޔެއިން އެކަމަށް އެބަ ފާޑު ކިޔައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ޙުކުމާއެކު ދުނިޔޭގެ އެކި ޤައުމުތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން ކީ ފާޑު ކިޔުންތައް އަނެއްކާ ވެސް ތަކުރާރު ވަނީއެވެ. ސުވާލަކީ ރައީސް މައުމޫނާއި މެދު ހިންގި ޝަރީއަތުގައި ފާޑު ކިޔަން ޖެހޭ ވަރުގެ ކަމެއް ހިނގި ހެއްޔެއެވެ. ނޫނީ އަދުލު އިންސާފުން ހިންގި އެ ޝަރީއަތުގެ ކަންކަން އޮޅުވާލައި، ބަޔަލު ސިޔާސީ މަޤުޞަދެއްގައި އެ ވާހަކަ ދައްކަނީ ހެއްޔެވެ؟

ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ޤާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ އެ ބޭފުޅުން ގެންގުޅުއްވި ފޯނެއް ފުލުހުންނަށް ނުދިން ކަން ސާބިތުވާ ކަމަށްބުނެއެވެ. މި ރިޕޯޓުގައި ބަލާލާނީ މީގެ ތެރެއިން ރައީސް މައުމޫނުގެ މައްޗަށް ހިންގި ޝަރީއަތާއި، ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި ޝަރީއަތުގެ އަޑުއެހުންތަކަށް ފަހު ފާހަގަ ކުރެވުނު ނުކުތާތަކަށެވެ. މި ކަންކަމަކީ ފަހަރެއްގައި ރައީސް މައުމޫނަށް ކޮށްފައިވާ ޙުކުމް ކިޔާލުމުން ނޭނގި އޮވެދާނެ ވާހަކަތަކެވެ. އަދި މިއީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ވެސް ނުހިމެނޭ ބައިތައް ކަމަށް ވެދާނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫނު ދިރިއުޅުއްވާ އެންދެރިމާގެއަށް ފުލުހުން ގޮސް އެ ގޭގެ ދޮރު ވައްޓާލައިގެން ވަދެ އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދިނުމަށް އެދުނުއިރު ސަރުކާރުން އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައި އޮތް ފުލުހުން އަމަލު ކުރަން ޖެހޭ އެއްވެސް ޤަވާއިދެއް އޭރު ސަސްޕެންޑް ކޮށްފައެއް ނެތެވެ. އެހެން ކަމަށްވާއިރު މީހުންގެ ގެދޮރަށް ވަނުމުގެ ކުރިން ކޯޓު އަމުރެއް ނުހޯދާ ފުލުހުންނަށް ވަނުން އޭރު ވެސް ހުއްދަ ނޫން ކަމަށް ބުނެ ރައީސް މައުމޫނު ޝަރީއަތުގައި ނެންގެވި ނުކުތާއަށް ވީ ގޮތެއް ނޭނގެއެވެ. ކޯޓު އަމުރެއް ނެތި ފުލުހުންނަށް އެންދެރިމާގެއަށް ވަދެވުން ހުއްދަ ވީގޮތެއް ގާޒީ މައްސަލަ ނިންމެވިއިރު ފާހަގަ ކުރައްވާފައެއްނުވެއެވެ.

އެންދެރިމާގެއަށް ވަދެ، ރައީސް މައުމޫނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަން އަންގައި، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެދުމުން އެމަނިކުފާނުގެ ޖީބުގައި އަތްޖައްސަވާ ފޯނު ނެތް ކަމަށް އިޝާރާތް ކުރައްވައި، ގާތުގައި އެ ވަގުތު ތިއްބެވި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާއިމާއި، ދަރިކަނބަލެއްގެ ގާތުގައި ފޯނު ހޯދައި ދިނުމަށް އެދުނުކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެއެވެ.

ހެކިންގެ ހެކިބަހުން ސާފުވި އެއް ކަމަކީ ރައީސް މައުމޫނު، އަތްޕުޅުގައި ފޯނު ބާއްވަވައިގެން ފޯނު ނުދެއްވުމަށް މަސައްކަތް ނުކުރައްވާކަމެވެ. އަދި ބަހަކުންވިއަސް ފޯނު ދެއްވުމަށް އެމަނިކުފާނު އިއުތިރާޒް ކުރައްވާފައިނުވާކަން ފޯނުދޭން އެދުނު ފުލުހުންގެ ހެކިބަހުން ސާފުކޮށް އެނގެއެވެ. ފުލުހުންވެސް އެންދެރިމާގެ އެއްކޮށް ބަލައި ފާސްކޮށް އެ ފޯނު ނުފެނުނު ކަންވެސް ކޯޓުގައި ހެކިބަސް ދިން މި މީހުންގެ ހެކިބަހުން އެނގެއެވެ. ނަމަވެސް ޙުކުމް އައީ ހެކިންގެ ހެކިބަހުން އެމަނިކުފާނު ފޯނު ނުދެއްވީ ގަސްތުގައި ކަން ސާބިތުވާ ކަމަށެވެ. އެ ގަސްތު ސާބިތުވާނީ ކިހިނެތް ކަމެއް ނޭނގެއެވެ.

ރައީސް މައުމޫނުގެ އަރިހުން ފޯނުދޭން އެދުނުއިރު ގާތުގައި ދުންޔާ މައުމޫނު ހުންނެވި ކަމަށާއި ފޯނު ނުފެނު ކަމަށް އޭނާވެސް ވިދާޅުވިއޭ ކިޔައި، ﷲ ގަންދީ ހެކިބަސް ދިން މީހާގެ ހެކިބަސްވެސް ކޯޓުން ޤަބޫލުކުރިއިރު، އޭރު ރައީސް މައުމޫނުގެ ގާތުގައި ހުންނެވީވެސް ޔުމްނާ މައުމޫނެވެ. ދުންޔާ މައުމޫނު އެތަނުގައި އެވަގުތު ނުވެސް ނެތެވެ. ނަމަވެސް އެކަންވެސް ދައުލަތުން ކަށަވަރު ނުކުރާކަން އެނގެނީ ޙުކުމާއި ހަމައަށްވެސް އެކަން ފާހަގަ ކޮށްފައި ނެތުމުންނެވެ. ހެކިބަސްތަކުގައި ފުށު އެރުންތަކެއް ހުރިކަން ކްރިމިނަލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކިޔާ މީހަކަށް ވެސް ނޭނގިދާނެއެވެ. އެކަން އެނގޭނީ އަޑުއެހުމަށް ވަން މީހުންނަށެވެ.

ރައީސް މައުމޫނުގެ ފޯނުދޭން ފުލުހުން އެދުނީ އެމަނިކުފާނުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ އިތުރު މެމްބަރުނަށް ރިޝްވަތު ދޭން އުޅުނުކަމަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ޙުކުމްތައް ނެރެން މަސައްކަތްކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހެކި ހުންނާނެ ކަމަށް ޤަބޫލު ކުރެވިގެން ކަމަށް ދައުލަތުންވެސް، އަދި ހެކިބަސް ދިން ދެ ފުލުހުންވެސް ބުނެއެވެ. އެކަން ސާބިތުކުރަން ދައުލަތުން ހުށައެޅި އެއް ހެއްކެއް ބުނާ ގޮތުން އޭނާގެ ފޯނު މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައީސް މައުމޫނާއި ވާހަކަފުޅު ދައްކަވާފައި އެބަ ހުއްޓެވެ. ރައީސް މައުމޫނު އެންމެ ފަހު އަޑުއެހުމުގައި ވެސް ވިދާޅުވި އެއް ވާހަކައަކީ އެހެން ކަމަށްވާނަމަ އެ ހެކިވެރިޔާގެ ފޯނުން ގުޅާފައި ހުރިކަން ސާބިތުކުރަން ދައުލަތުން ކޯޓަށް ހެކީގެ ގޮތުގައި އެ ފޯނު ހުށަނޭޅީ ކީއްވެތޯއެވެ.

ދެން އޮތީ ސިއްރު ހެކިންނާއި ބެހޭ ގޮތުން ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި ޤަބޫލު ކުރެވޭ އެއްޗެއް ނޫން ކަމަށެވެ. އަދި ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘުންވެސް ސިއްރު ހެކިބަސް ޤަބޫލު ކުރެވިދާނެ ކަމަށް ސާބިތުނުވާއިރު ދީނީ އިލްމްވެރިންގެ ތެރެއިން އެއްވެސް މީހަކު ސިއްރު ހެކިބަސް ޤަބޫލު ކުރެވިދާނެ ކަމަށް ބުނެފައިވޭތޯ ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވިއެވެ.

ދައުލަތުގެ ވަކީލު އެ މައްސަލައިގައި ދިން ފިނި އަދި ކުރު ޖަވާބަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ސިއްރު ހެކިބަސް ނެގޭނެ ވާހަކަ އޮތުމުން އެއީ އިސްލާމް ދީނާ ޚިލާފު ކަމެއް ނޫންކަން އެނގޭ ކަމަށެވެ. އެއާއެކު ރައީސް މައުމޫނު ވިދާޅުވި އެހެން ވާހަކައެއް ވެސް އޮވެއެވެ. ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ހެކިވެރިޔާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތައް ހެކިބަސް ނެގޭނެ ވާހަކަ އޮތުމަށްފަހު ސިއްރު ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ޤާނޫނުގައި ބަޔާން ކުރާ ގޮތައް ކަމަށް ބުނެފައި އޮންނަ ވާހަކައެވެ. ނަމަވެސް ހެއްކާ ބެހޭ ޤާނޫނުގައި ސިއްރުން ހެކިބަސް ނަގާނެ ގޮތް އެއްވެސް ތާކު ނޯންނަ އިރު ދައުލަތުގެ ވިސްނުމުން ބެލި ނަމަވެސް ހެކިބަސް ނުނެގޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ޚުލާސާ ގޮތެއްގައި ދެއްކެވި "ބޮޑެތި ވާހަކަތަކާމެދު" ގޮތެއް ނިންމަވައި ޙުކުމް ކުރެއްވުމަށް ގާޒީއަށް ބޭނުންވީ ފަސް މިނެޓެވެ. ފަސް މިނެޓަށް ޝަރީއަތް މެދު ކަނޑާލެއްވުމަށް ފަހު ދެން އިއްވެވީ ޙުކުމެވެ. ރައީސް މައުމޫނު ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތް ކޮށްފައިނުވާކަން ޙުކުމުން އެނގެއެވެ.

ރައީސް މައުމޫނަށް ދިފާއީ ވަކީލުންގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިނުވާއިރު އެ ފުރުސަތު ދިން ކަމަށް ޝަރީއަތުން ބުނި ހަމައަކީ އިންސާނުންގެ ބުއްދިއަށް ޤަބޫލު ކުރެވޭ ހަމައެއް ނޫނެނެވެ.

ރައީސް މައުމޫނުގެ ވަކީލުން މައްސަލަ ދޫކޮށްލެއްވުމުންވެސް ހަމަ އެރޭވެސް ޝަރީއަތް ކުރިއަށް ގެންދެވީ ވަކީލުން އައްޔަން ކުރުމަށް އަބަދުވެސް ފުރުސަތު އެބަ އޮތް ކަމަށްވިދާޅުވެއެވެ. އަދި ވަކީލުން އައްޔަން ކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވުމުންވެސް ޖެހިގެން އައި ރެއަށް މައްސަލަ ތާވަލު ކުރުމަށްފަހު، ރަސްމީ ވަގުތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ދެ ގަޑިއިރެވެ. އަދި އާ ވަކީލުން އައްޔަން ކުރުމަށްފަހު ހެކި ހުށައެޅުއްވުމަށް ލިބިވަޑައިގެންނެވީ ދޮޅުގަޑިއިރެވެ. އެއީ ވެސް ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ދިނުން ކަމަށް ގާޒީ ނިންމެވި ނަމަވެސް، ރާއްޖެއިން އަމަލު ކުރަން އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ މުއަހާދާތަކަށް ބަލާއިރު އެކަން ޤަބޫލެއް ނުކުރެވެއެވެ.

ރޯދަ މަހުގެ ރޭގަނޑާއި ދުވާލު މި މައްސަލައިގައި އަޑުއެހުންތައް ތާވަލުކުރި އިރު އެތައް އަހަރެއް ވެފައި ހުރި މައްސަލަތައް ކްރިމިނަލް ކޯޓުގައި ފުނި ޖެހިފައި އެބަ ހުއްޓެވެ. ރައީސް މައުމޫނުގެ މައްސަލަ އާދަޔާ ޚިލާފު ދުވެލީގައި ގެންގޮސް ޙުކުމް ކުރީ ދައުލަތުންވެސް ޚުދު ރައީސް މައުމޫނަށް އެކަށިގެންވާ ފުރުސަތު ދިނުމަށް އިއުތިރާޒް ނުކުރާ ކަމަށް ބުނަމުން ދަނިކޮށެވެ. ހަމަ އެކަނި އިއުތިރާޒް ކުރުމުގެ އިތުރުން، އެ ޙައްޤުދޭން އެދުމުން ގާޒީގެ ޖަވާބަކަށްވީ މައްސަލަ ބަލަނީ ގާޒީ ކަމަށެވެ.

ރައީސް މައުމޫނަށް ޙުކުމް ކުރެއްވި ގާޒީ ހަސަން ނަޖީބަށް ފަނޑިޔާރު ކަމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ:- ފޮޓޯ: މިހާުރު

ރައީސް މައުމޫނުގެ މައްޗަށްކުރި ދައުވާގައި ހުރި ހަމަ ނުޖެހޭ، އަދި ތާކުންތާކު ނުޖެހޭ ކަންކަމާއި ޝަރީއަތުގައި ހިންގި ބޭ އިންސާފު ގޮތްތައް ފަހަރެއްގައި ގާޒީ އިއްވި ޙުކުމުގައި ނުފެނިދާނެއެވެ. ފާޑު ކިޔަނީ ފާޑު ކިޔަންވެގެންކަން މިކަންކަން އެނގުނީމަ ޤަބޫލު ކުރެވެއެވެ. މިއީ ރައީސް މައުމޫނުގެ ޝަރީއަތުން ފާހަގަ ކުރެވުނު ބައެއް ކަންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

02 މެއި 2018
އެކަކަށް ތަބާވާންޖެހޭ ނިޒާމަށް ކިޔަނީ ޑިކްޓޭޓާޝިޕް!

އެކަކަށް ތަބާވާންޖެހޭ ނިޒާމަށް ކިޔަނީ ޑިކްޓޭޓާޝިޕް!

24 އެޕްރީލު 2018
ނެތް ނުކުރާކަ ކަމެއް މަދަރިންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ

ނެތް ނުކުރާކަ ކަމެއް މަދަރިންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ

22 އެޕްރީލު 2018
ފާރިސް ހައްޔަރުކުރަން ފަތިހު އަމުރު ނެރުއްވި ގާޒީ އަށް ފާޑުކިޔުން، އެތައް ސުވާލެއް!

ފާރިސް ހައްޔަރުކުރަން ފަތިހު އަމުރު ނެރުއްވި ގާޒީ އަށް ފާޑުކިޔުން، އެތައް ސުވާލެއް!

27 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު