ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އަމީންއާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވުން ހިމެނެއެވެ.
އަމީންއާންމުގެ މުސާރައިގެ ގޮތުގައި އިނާޔަތްތަކާ އެކު 50000ރ. ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ.
އޭރުގެ އަމީންއާންމު އަހުމަދު މުހައްމަދު އެމަގާމުން އިސްތިއުފާދެއްވާފައި ވަނީ މަގާމުގައި 12 އަހަރާއި 6 މަސް ދުވަހަށް ފަހުއެވެ.
އަމީން އާންމު މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނިކޮށް އެއީ ބާތިލް ކަމެއް ކަމަށް ސުޕްރީމް ކޯޓުން އަމަރު ނެރެފައިވި ދަނޑިވަޅުގައެވެ