ކ. މާލެ
|
20 ޖޫން 2018 | ބުދަ 10:30
ގާސިމް އާއި ނަޝީދު: ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް ހަދާނެ ބޭފުޅަކާމެދު ކުރެވޭ ބަހުސް ދަނީ ހޫނުވަމުން
ގާސިމް އާއި ނަޝީދު: ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް ހަދާނެ ބޭފުޅަކާމެދު ކުރެވޭ ބަހުސް ދަނީ ހޫނުވަމުން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟
 
މުހައްމަދު ޝިހާބް ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ޤާސިމް އިބްރާހިމް ބޭނުންފުޅުވެ ވަޑައިގަންނަވާ
 
އިބްރާހިމް މުހައްމަދު ސޯލިހުއަށްވެސް ޤާސިމް ތާއީދެއް ނުކުރައްވާ
 
ސާފު ނޫން ކެނޑިޑޭޓަކު ނެރުއްވުމަށް ޤާސިމް ތާއީދެއް ނުކުރައްވާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެނޑިޑޭޓެއްގެ ބަހުސްއަކީ މިވަގުތު އެންމެ ގަދަޔަށްކުރެވޭ ބަހުސްއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ސަރުކާރާއި، ކޯޓުތަކުން ހާވާ ހަޑިތަކުގެ ވާހަކަދެއްކުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ މުޅި ފޯކަސް ހުއްޓިފައިވަނީ ރިޔާސީ ކެނޑިޑޭޓާ ހަމައިގައެވެ. އެންމެ ގިނަ ބަޔެއްގެ ސުވާލަކަށްވެސްވެފައިވަނީ އިދިކޮޅު ޕާޓީތަކުން ނެރޭނީ ކޮން ކެނޑިޑޭޓެއްތޯ އެވެ.

މިވަގުތު އޮތް ހާލަތަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެންމެ ގިނަ ރައްޔިިތުންގެ ތައީދު އެބޭފުޅަކަށް އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވާކަށެއް ނޫނެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ސާބިތުކާއެކު އެވެ. ހިތްވަރަށް ކުޑަވެސް ބަދަލެއް ނުގެންނަވާ އެމަނިކުފާނު ޤަބޫލުކުރައްވަނީ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވި އަމުރާއެކު އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ. އެ އަމުރަކީ ދިރިދިރި އޮތް ސައްހަ އަމުރެއް ކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އާކައިވް

ދެން ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިިމް އެވެ. ހޮނިހިރު ދުވަހު ދެއްވި މެސެޖާއެކު އޭނާއަކީ އިންތިހާބުގައި ވާދަނުކުރެވޭ ކުށްވެރިއެއްކަމަށް އަމިއްލައަށް އެ ވަނީ ގަބޫލުކުރައްވާފައޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ޤާސިމް ގަބޫލުކުރައްވާ ގޮތުގައި އޭނާއަކީވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީވެސް ސާފުު ބޭފުޅުންނެއް ނޫނެވެ. އަދި ކިޔެއްތަ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޝަރުތު ހަމަނުވާ ކެނޑިޑޭޓެއްކަމަށް ޤާސިމް ވަނީ ސާފު ބަހުން ވިދާޅުވެފައެވެ. ފަހަރުގައި ޤާސިމްގެ ނަޒަރުގައި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރަކީ ސައްހަ ނޫން އަމުރަކަށްވެދާނެ އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް ނަޝީދަށް ވާދަނުކުރެއްވޭ ހާލަތެއްގައި ގިނަ ބަޔަކު އެ މީހަކަށް ތާއީދުކުރުމަށް ތައްޔާރަށް ހުންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އަށެވެ. ނަމަވެސް ޤާސިމް ދެއްވި މެސެޖާއެކު އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދުނުކުރައްވާކަން އެނގެ އެވެ. އެހެނީ ޤާސިމްގެ ނަޒަރުގައިި އިބްރާހިމް މުހައްމަދު ސޯލިހްއަކީވެސް ސާފު ބޭފުޅެއް ނޫނެވެ. 

ޤާސިމް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި މައްސަލައެއް ފައިލްކޮށްފައި އޮތް ނަމަވެސް އަލުން ދައުވާކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއްގެ މައްސަލަ ޕީޖީގައި ފައިލްކޮށްފައިވާ ހަމައެކަނި ބޭފުޅަކީ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެހެންކަމުން ޤާސިމް ހިތްޕުޅާނުވެ އެ ދައްކަވަނީ އިބޫގެ ވާހަކަކަން އެނގެ އެވެ. 

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއެކު ޤާސިމް އިބްރާހިމް -- ފޮޓޯ: ސޯޝަލް މީޑިއާ

ޤާސިމް ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ކެނޑިޑޭޓަކަށްވާން ޖެހޭނީ ޖޭޕީގެ ބޭފުޅެވެ. އެކަމަށް ވަރަށް ބާރުލައްވައި ޤާސިމްގެ މެސެޖުގައި އޭނާ ވަނީ ވާހަކަދައްކަވާފަ އެވެ. ނަމަވެސް ޖޭޕީގެ ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ މެމްބަރުން އެއްވެސް މިންވަރަކަށް ރުހޭނެކަމަކަށް ނުބެލެވެ އެވެ. އެހެނީ ކޯލިޝަންގައި އޮތް އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ޕާޓީއަކީ އެމްޑީޕީއަށް ވާތީ އެވެ. މިއަދު މިދެކޭ އިސްލާހީ މަސައްކަތް ފެށީީ އެމްޑީޕީ ގިނިކަންޏާ ނުކުމެކަމަށްވާތީ އެވެ. 

އެހެންކަމުން ދެން އޮތް ސުވާލަކީ ޕާޓީތަކުގެ ކެނޑިޑޭޓެއްގެ ގޮތުގައި ނެރެން ބާކީ ހުންނެވީ ކޮންބޭފުޅެއްތޯ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދަށް ބަލާކަމުގައިވާނަމަ އެއީވެސް ޤާސިމްގެ ފޮތުގައި ސާފު ބޭފުޅަކަށް ނުވެ އެވެ. އެހެންކަމުން ޝާހިދަށްވެސް ޤާސިމެއް ތާއީދެއް ނުކުރައްވާނެކަމަށް ބެލެވެ އެވެ. 

އެނެއްކާވެސް އޮތް ސުވާލަކީ ދެން ކާކުހެއްޔެވެ. ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ޤާސިމް ބޭނުންވެގެން އެ އުޅުއްވަނީ ކޮން ބޭފުޅެއްތޯ އެވެ. 

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބަށް ޤާސިމް ތާއީދުކުރައްވަ އެވެ. ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ޤާސިމް ނެރެން ބޭނުންފުޅުވާ ބޭޭފުޅުންގެ ތެރޭގައި ޝިހާބު ހިމެނިވަޑައިގަންނަވަ އެވެ. 

މިވަގުތު އޮތް ހާލަތަށް ބަލާކަމުގައިވާނަމަ ޝިހާބުގެ މައްސަލައެއް ކޯޓުތަކުގެ ތެރޭގައެއް ނެތެވެ. ފުލުހުންގެ އިދާރާއަކު ނެތެވެ. އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓަރުކަންވެސް ކުރެއްވި ޝިހާބް އެ މަޤާމަށް ފުރަތަމަ ވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ޝިހާބު އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ ކޯލިޝަން ރޫޅުމުންނެވެ. އެފަހަރު އެމްޑީޕީއަށް ވަޑައިގެންނެވި ގޮތަށް މިއަދާއި ހަމައަށްވެސް ޝިހާބް ހުންނެވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގަ އެވެ. 

ނަމަވެސް ޝިހާބު ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވިއިރު، އެ މިނިސްޓްރީން ހިންގާފައިވާ މުއާމަލާތްތަކެއްގެ ފައިލް މިހާރު ސަރުކާރުން ނަގައިގެން މައްސަލައެއް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާކަން ގާސިމަށް އެނގިވަޑައިގަންނަވަ އެވެ. މިފަދަ ހާލަތެއްގައި އޮތްއިރު، ރައީސް ޔާމީން ސަރުކާރުގެ ހުދުމުޚްތާރު ސިޔާސަތުގެ ކުރިމަތީގައި "ސާފު" ކެންޑިޑޭޓެއް ދެއްކުމަކީ "ނުފޯދޭ ރުކެއްގެ އެތެއް" ހޯދުން ފަދަ ކަމެއް ކަމެއްކަން އިދިކޮޅު ފަރާތްތަކުން ދަންނަންޖެހޭނެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ބައެއް އިސްބޭފުޅުން ޖަލްސާއެއްގައި، މީގެތެރެއިން ރިޔާޒާއި ރައީސް މައުމޫން ހުންނެވީ ޖަލުގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކެނޑިޑެސީ ފޯމް އަންނަ މަހުގެ 15 ދުވަހު ބަލައިގަންނަން ފަށާއިރު، އިދިކޮޅު ފަރާތްތަކަށް ކެނޑިޑޭޓަކު ކަނޑައެޅުމަށް އޮތީ ބަކީ މަހެއްހާ ދުވަސް އެވެ. އެ މުއްދަތުގެ ތެރޭގައި އިތުރު ނަންތަކެއް އައިސް، ގޮސް ވުމަކީވެސް ހަމަވުން އެކަށީގެންވާކަމެކެވެ. 

ކެނޑިޑޭޓަކު ކަނޑަނޭޅި ޕާޓީތަކުން ކޯޅޭ ކޯޅުމުގައި މިވަގުތަށް އޮތީ ހުސް ސުވާލު އެވެ. ނަމަވެސް، ރައީސް ޔާމީންގެ ފޮތުގައި ސާފުކަމަށް ވާނެ މީހަކަށް ބަލުމަށް ކެންޑިޑޭޓަކު ކަނޑައެޅުން ލަސްކޮށްގެން ނުވާނެ އެވެ. އެއީ ގައުމުގެ މަސްލަހަތެއް ނޫނެވެ. ގައުމުގެ މަސްލަހަތަށް ވިސްނައި، ޒާތީ މަސްލަހާއި ޕާޓީ މަސްލަހަތު ފަހަތަށް ޖައްސާލަންޖެހެ އެވެ. މިކަންކަމަށް އެއްބަސްވާން ވާނީ މާޒީން އިބުރަތް ލިބި، ހަރުދަނާ ގޮތެއްގެ މަތީގަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް