Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ ސަލާމަތީ މަޖިލީހަށް

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑޮނީޝިއާއިން މީގެ ކުރިން 3 ފަހަރު މެމްބަރުކަން ކުރި، އެހެންކަމުން މިފަހަރު ރާއްޖެއަށް ފުރުސަތު ދޭނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2018 | ބުދަ 22:02
އދގެ ސަލާމަތީ މަޖިލިސް

އދގެ ސަލާމަތީ މަޖިލިސް

ހުކުރު ދުވަހު ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ އިންތިޚާބުގެ ވޯޓު ރާއްޖެއިން ކާމިޔާބު ކުރާނެކަމަށާއި، އިންޑިއާގެ ވޯޓުވެސް ރާއްޖެއަށް ލިބޭނެކަމަށް ރާއްޖެއަށް މިގޮނޑި ކާމިޔާބުކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކެމްޕޭން ކުރެއްވުމަށް ނިއުޔޯކްގައި މިވަގުތު ހުންނެވި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަވައިގެން ރާއްޖެ.އެމްވީ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވީ ގޮނޑިއަށް ރާއްޖެއިން ވަރަށް ބޮޑު ކެމްޕޭނެއް ކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން މިކެމްޕޭންގައި ދެއްކި ވާހަކަތަކާއި ހުށަހެޅި ކަންކަން ޤައުމުތަކުން ބަަލައިގެންފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ހުރިހާ ބައްރަކުންވެސް ތާޢީދު އެބައޮތްކަމަށް ޝައިނީ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކުރިމަތިލާފައިވާ އޭޝިއާ ޕެސިފިކް ގޮނޑިއަށް އިންޑޮނީޝިއާވެސް ކުރިމަތިލާފައިވާތީ ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ޝައިނީ ވިދާޅުވީ ރާއްޖެއާއި އިންޑޮނީޝިއާއަކީ ގާތް ރަހުމަތްތެރި ދެޤައުމުކަމަށެވެ. އަދި އިންޑޮނީޝިއާއަކީ ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމުކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ ކެމްޕޭން ވާދަވެރިކޮށް ދިޔަނަމަވެސް ދެޤައުމުގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމަށެވެ.

ޝައިނީ ވިދާޅުވީ އދއަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ބައިވެރިވުން އޮންނަ، އެންމެ ޑިމޮކްރެޓިކް ޖަމާޢަތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށެވެ. އެހެންކަމުން ރާއްޖެފަދަ ކުޑަ ޤައުމަކަށްވެސް ފުރުސަތު ލިބެން ޖެހޭނެކަމަށް އދގެ މެމްބަރު ޤައުމުތަކުން ޤަބޫލުކުރާކަމަށާއި، އިންޑޮނީޝިއާއިން މީގެ ކުރިން 3 ދައުރެއްގައި އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އަދާކޮށްފައިވާތީ، މިފަހަރު ރާއްޖެއަށް ފުރުސަތު ދިނުމަށް ޤައުމުތަކުން ވިސްނާނެކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ސަޕޯޓް ދިނުމަށް ވަރަށް ގިނަ ޤައުމުތަކުން ވިސްނާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޝައިނީ ނިއުޔޯކަށް ވަޑައިގެން އދގެ އާއްމު މަޖިލީހުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވާ މިރޮސްލާވް ލައިޔެކްއާއި ބައްދަލުކުރެއްވި

ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި މިއަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ 5 ގޮނޑިއަށް މެމްބަރު ޤައުމުތައް އިންތިޚާބުކުރާނެއެވެ. އެއީ އެފްރިކާ، އޭޝިއާ ޕެސިފިކް، ލެޓިން އެމެރިކާ އެންޑް ކެރީބިއަން އަދި ވެސްޓަރން ޔޫރަޕް އެންޑް އަދަރ ގްރޫޕްސްގެ 5 ގޮނޑިއެވެ. އދގެ ސަލާމަތީ މަޖިލިސް އެކުލެވިފައިވާ ގޮތުން ދާއިމީ 5 މެމްބަރު ނޫން އަނެއް 10 މެމްބަރު ޤައުމުތައް ހޮވުމަށް ކޮންމެ އަހަރަކު އިންތިޚާބެއް ބާއްވާއިރު، ކޮންމެ އަހަރަކު 5 ގޮނޑީގެ އިންތިޚާބު ބާއްވައެވެ. ޤައުމުތައް ހޮވަނީ 2 އަހަރުގެ ދައުރަކަށެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ރާއްޖޭގެ އިތުރުން ކުރިމަތިލާފައިވަނީ ރާއްޖޭގެ އިތުރުން އިންޑޮނީޝިއާއެވެ. އަނެއް 4 ގޮނޑިއަށް ކުރިމަތިލާފައިވަނީ ކޮންމެ ގޮނޑިއަކަށް 1 ޤައުމުކަމުން، އެޤައުމުތައް ހޮވިގެންދާނީ ވާދަވެރިކަމެއް ނެތިއެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް އދގެ މެމްބަރު ޤައުމުތަކުގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތާޢީދު ބޭނުންވެއެވެ.

ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އެންމެ ފަހުގެ ކެމްޕޭނުގައި ނިއުޔޯކްގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވަނީ

އޭޝިއާ ޕެސިފިކް ސަރަހައްދު ފިޔަވައި އެހެން ގޮނޑިތަކަށް މެމްބަރުން ކުރިމަތިލާފައިވަނީ އެ މެމްބަރު ޤައުމުތައް ހިމެނޭ ސަރަހައްދުތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެދާއިރާތަކަށް އެހެން ޤައުމުތަކުން ކުރިމަތި ނުލާ ގޮތަށެވެ. ރާއްޖެއިން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކުރިމަތިލީވެސް ގޮނޑިއަށް މިސަރަހައްދުން ކުރިމަތިލާ ހަމައެކަނި ޤައުމުގެ ގޮތުގައެވެ. އެހެން ނަމަވެސް، ފަހުން އިންޑޮނީޝިއާއިން ޝައުޤުވެރިކަން ފާޅުކުރީއެވެ.

ޝައިނީ ވިދާޅުވީ ގޮނޑިއަށް އެންމެ ފުރަތަމަ ކުރިމަތިލީ ރާއްޖެއިންކަމަށްވީތީވެސް ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

"ރާއްޖެ މީގެ 10 އަހަރުކުރިން ވަނީ އެހެން އެއްވެސް ބަޔަކު ކުރިމަތިނުލައި އޮއްވައި ކުރިމަތިލާފައި. އޭގެ 2 އަހަރު ފަހުން އިންޑޮނީޝިއާއިން މިކަމަށް ކުރިމަތިލީ. އެހެންވީމަ އެވެސް ވަރަށް ގިނަ ޤައުމުތަކަކުން ބަލާ ބެލުމެއް. އެހެންވީމަ އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ކުދި، ބޮޑު، މިގޮތަށް ހިތަށް އެރިކަމުގައި ވިޔަސް، ޔޫއެން ތެރޭގައި އޮންނަ އަންޑަސްޓޭޑިންގ އަކީ ހުރިހާ އެންމެންނަށްވެސް އެއްވަރަކަށް ފުރުސަތު އޮންނަން ޖެހޭނެއޭ. އަނެއްކާ ރޮޓޭޝަން ބޭސިސްގައި ހުރިހާ އެންމެންނަށްވެސް ފުރުސަތު ދޭން ޖެހޭނެއޭ،" ޝައިނީ ވިދާޅުވިއެވެ.

ރާއްޖެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށްކުރާ މަސައްކަތުގައި ކުރިމަތިލާން ޖެހެނީ ހަމައެކަނި އިންޑޮނީޝިއާއާއި ނޫންކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. އެމަނިކުފާނު އިޝާރާތްކުރެއްވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށެވެ. ޚާއްސަކޮށް ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމްއާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ނަންފުޅު ޝައިނީ ފާހަގަކުރެއްވިއެވެ.

"އެނގިލައްވާނެ މިދޭތެރެއިން ނަސީމްއާއި ޑރ. ޖަމީލްއާއި މިހެން ގޮސް ބަޔަކު އައިސް މިތަނުގައި ރާއްޖެއާއި ބެހޭ ގޮތުން ކެމްޕޭންތަކެއް ކޮށްފި. އެހެންކަމުން އޭގެ ސަބަބުން އަސަރުތަކެއް ކޮންމެވެސް ވަރަކަށް ކުރާނެ."

ގިނަ ހުރަސް ތަކަކާއިއެކު މަސައްކަތްކުރިނަމަވެސް ވޯޓު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ޝައިނީ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކެނޑިނޭޅި އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައިވީނަމަވެސް، އދގެ އެހެން ގުނަވަންތަކުގެ އަމުރުތަކާއި އެންގުންތަކާއި ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން އަޅާނުލައި ތިބުމަކީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް ހުރަހަކަށް ވާނެކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ. އެހެން ނަމަވެސް ޑރ. ޝައިނީ ވިދާޅުވީ އެއީ މައްސަލައެއް ނޫންކަމަށާއި، އެއީ ރާއްޖެއަށް ހުރަހަކަށް ނުވާނެކަމަށެވެ. ޝައިނީ ވިދާޅުވީ ރާއްޖެއަކީ އދއިން އަންގާ އެންގުންތައް އަކުރުން އަކުރަށް ބަލައިނުގަންނަ ފުރަތަމަ ޤައުމު ނޫންކަމަށެވެ.

"ބަލައިގަންނަން ޖެހޭ ރިޒޮއުލިއުޝަނެއްވިއްޔާ އެކަން ނިންމާނީ ސެކިއުރިޓީ ކައުންސިލުން. އެތަނުން ފާސްކުރާ ޤަރާރަކުން. އެކަހަލަ އެއްވެސް އެއްޗެއް އަޅުގަނޑުމެންގެ މައްޗަކަށް ނެތް. އެހެންވީމަ އެއީކީއެއް އެއްވެސް އިޝޫއެއްކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން،" ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިވަގުތު ނިއުޔޯކްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޝައިނީ ވިދާޅުވިއެވެ.

ޔޫއެން ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބައެއް ޤައިދީންގެ މައްސަލައިގައި ނިންމި ނިންމުންތަކާއި، ޔޫއެން ހިއުމަން ރައިޓްސް ކޮމިޓީއިން ރައީސް ނަޝީދުގެ މައްސަލައިގައި ނިންމި ނިންމުންތަކަށް އިޝާރާތްކުރައްވަމުން ޝައިނީ ވިދާޅުވީ ތަރައްޤީވެގެން އަންނައިރު ޤައުމުތަކަށް ކަންކަން ދިމާވާނެކަމަށާއި، މިއުޅެނީ ޤައުމީ ބޮޑު މައްސަލައެއް ދިމާވެގެން ނޫންކަމަށެވެ. އަދި އެއީ ވަކި ފަރުދެއްގެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަނީ އިންޑިއާއިން ވޯޓު ދޭނެ ގޮތަކާއި މެދުއެވެ. އިންޑިއާއިން ރާއްޖެއަށް ވޯޓުދޭނެކަމަށް ކުރިން ބުނެފައިވީނަމަވެސް ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާއި ދެެމެދު ގުޅުން ގޯސްވެފައިވުމާއި، އިންޑިއާއާއި އިރުމަތީ އޭޝިއާގެ ޤައުމުތަކާއި އެކު އޮންނަ ގުޅުން ރަނގަޅުވެފައިވާތީ، އިންޑިއާގެ ވޯޓު އިންޑޮނީޝިއާއަށް ދީފާނެކަމަށް އިންޑިއާގެ ބައެއް މުހައްލިލުން ދެކެއެވެ.

ރާއްޖެއަށް ވޯޓު ހޯދުމަށް ބޭރުގައި ތިއްބެވި ސަފީރުން މަސައްކަތްކުރެއްވި

އެހެން ނަމަވެސް ޝައިނީ ދެކެވަޑައިގަންނަވާ ގޮތުގައި މި އިންތިޚާބުގައި އިންޑިއާއިން ރާއްޖެއަށް ވޯޓުދޭނެއެވެ. ޝައިނީ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ އަވަށްޓެރިކަން ދުވަހަކުވެސް ނައްތާނުލެވޭނެކަމަށާއި، އިންޑިއާއިން ވެފައިވާ ވައުދާއި ޚިލާފްވާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރައްވާކަމަށެވެ.

"އިންޑިއާގެ ފޮރިން މިނިސްޓަރ ވިދާޅުވިގޮތަށް އަޅުގަނޑުމެންގެ ތެރޭގައި މިހެން ހުންނަ ކުދިކުދި މައްސަލަ ހުރިކަމުގައިވިޔަސް ދުވަހަކުވެސް އަޅުގަނޑުމެން ދެޤައުމަކީ ވަކިވެވޭނެ ދެޤައުމެއް ނޫން. ރާއްޖެއާއި އިންޑިއާގެ ގުޅުން އެގޮތަށް އަދި ދިމާވާ ކަމެއްގެ ސަބަބުން ދުރުމުސްތަޤްބަލަށް ބަލާލާއިރުގައި އަސަރެއް ނުކުރާނެ،" ދާދިފަހުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ދެއްކެވި ވާހަކަފުޅަށާއި، ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސެން މަނިކަށް ހޯމަ ދުވަހުގެރޭ އިންޑިއާގެ ޗެންނާއީގެ އެއަރޕޯޓުން ދިމާވި ކަންތައްތަކަށް އިޝާރާތްކުރައްވައި ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރާއްޖެ އދގެ ސަލާމަތީ މަޖިލީހުގައި އޮވެގެން އިންޑިއާއަށް ކުރާނީ ފައިދާކަމަށެވެ. ސަބަބަކީ އަވަށްޓެރި ޤައުމަކަށް އެޤައުމެއްގެ އިހްސާސްތައް މާރަނގަޅަށް އެނގޭނެތީއާއި، އިންޑިއާއަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ޤައުމަކަށް ހެދުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމަކީ ރާއްޖެކަމަށް ވުމެވެ. ޝައިނީ ވިދާޅުވީ އިންޑިއާގެ ވޯޓު އެހެން ގޮތަކަށް ހިނގައިދާނެކަމަށް އެއްވެސް ވަރެއްގެ އިޝާރާތެއް ނެތްކަމަށެވެ.

އިންޑިއާގެ ވޯޓު ޔަޤީންކަމަށް ސަރުކާރުން ބުނިނަމަވެސް، ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއަށް ވަޑައިގެން އެޤައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ އާއި ބައްދަލުކުރެއްވުމުން، ޖަކާޓާއިން ވަނީ ވަރަށް ބޮޑަށް އިންޑިއާގެ ވެރިންގެ އަރިހުގައި ލޮބީކޮށްފައެވެ. އެހެންނަމަވެސް އިންޑިއާއިން ރަސްމީކޮށް މިކަމުގައި މިފަހުން އެއްޗެއް ބުނެފައެއް ނުވެއެވެ.

މޯދީ (ވ) އެންމެ ފަހުން އިންޑޮނީޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ (ކ) އާއިއެކު ޖަކާޓާގައި

ސަލާމަތީ މަޖިލީހުގެ އިންތިޚާބުގައި ވިލާތުގެ ބައެއް ޤައުމުތަކުގެ ވޯޓުވެސް ރާއްޖެއަށް ލިބޭނެކަމަށް ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ވިލާތުގެ އިއްތިޙާދަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ބުދަ ދުވަހުގެރޭ ވިދާޅުވިއެވެ. ޝިޔާން ވިދާޅުވީ ވިލާތުގެ ބައެއް ޤައުމުތަކުން އިންޑޮނީޝިއާއަށް ވޯޓުދޭނެކަމަށް ބުނެފައިވީނަމަވެސް، ރާއްޖެއިންވެސް ވިލާތުގެ ބައެއް ވޯޓު ކަށަވަރުކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އިންޑޮނީޝިއާއަށް ވޯޓުދޭނެކަމަށް ބުނެފައިވާ ބައެއް ޤައުމުތަކުގެ ވޯޓުވެސް ރާއްޖެއަށް ލިބިދާނެކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ދެކެވަޑައިގަނެއެވެ. ބުދަ ދުވަހުގެރޭ ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ލަންކާއިންވެސް ވޯޓުދޭނީ އިންޑިއާއާއި އެއްގޮތަށް ކަމަށް ޤަބޫލުކުރެވޭކަމަށާއި، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ވޯޓަކީ ޤައުމުތަކުން އެންމެ ފަހު ވަގުތު ގޮތް ނިންމާ ކަމެއްކަމަށެވެ. މުންދު ވިދާޅުވީ މިއިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެކަމަށާއި، ހަނިގޮތަކަށް ނަމަވެސް ރާއްޖެ ގޮނޑި ކާމިޔާބުކުރާނެކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ސަބަބުން ވޯޓަށް އަސަރުކުރާނެކަމަށާއި، ކުރަނީ ކިހާ ވަރެއްގެ އަސަރެއްކަމެއް އެނގިގެންދާނީ ހުކުރު ދުވަހު ކަމަށް މުންދު ވިދާޅުވިއެވެ.

ވޯޓާއި ދިމާކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއިއެކު ރާއްޖެއިން ގުޅުން ޤާއިމްކުރި

މުންދު ވިދާޅުވީ ސަރަހައްދީ ޤައުމުތަކުން އެސަރަހައްދެއްގެ ޤައުމުތަކަށް ވޯޓުދޭނެކަމަށެވެ. އާސިއާން ޤައުމުތަކުން އިންޑޮނީޝިއާއަށް ވޯޓުދޭނެފަދައިން ސާކް ޤަައުމުތަކުން ރާއްޖެއަށް ވޯޓުދޭނެކަަމަށްވެސް މުންދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެފްރިކާ، މެދުތެރޭ އޭޝިއާ އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ގިނަ ވޯޓު ރާއްޖެއަށް ކަށަވަރުވާނެކަމަށާއި، ވިލާތާއި، މެދުއިރުމަތި އަދި ދެކުނު އެމެރިކާގެ ވޯޓުތައް ބެހިގެންދާނެކަމަށް މުންދު ލަފާކުރެއްވިއެވެ.

ދިގުދެމިގެންދިޔަ ކެމްޕޭނަކަށްފަހު ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގެ ވޯޓާއި ކުރިމަތިލާއިރު، ދިވެހި ސަރުކާރުން ވަނީ ވޯޓާއި ގާތްކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ. މީގެ އިތުރުން ފަޤީރު އަދި ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުގެ ސަފީރުން ރާއްޖެ ގެނެސްގެން އެބޭފުޅުންނަށް ވޯކްޝޮޕްތަކެއް ހިންގާފައިވާއިރު، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ކެމްޕޭނަށް ރާއްޖެއިން ގޮތް ނޭނގޭ 5 ލައްކަ އެމެރިކާ ޑޮލަރު ޚަރަދުކުރިކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޑިޕްލޮމެޓުން ތުހުމަތުކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު