މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަށް ބަދަލުތަކެއް އައިސްފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މިންވަރަކީ 4861.15ރ. ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ޖޫން 03 ވަނަ ދުވަހުން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވެސް ވަނީ މުދަލު ޒަކާތުގެ ނިސާބަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒަކާތުގެ ނިސާބު 5033.70ރ. އަށް އޭރު ވަނީ އިތުރުކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ނިސާބު ހުރީ 4950.4ރ. ގައެވެ.
މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ
2016 ވަނަ އަހަރުގެ ޖޫން 01 ކުން ފެށިގެން، މުދަލު ޒަކާތް ބަލައިގަންނަނީ، ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މުދަލު ޒަކާތް ދެއްކުމަށް ވަކި ހާއްސަ ފޯމެއް މީރާ އިން ވަނީ ކަނޑައަޅާފައެވެ. މި ފޯމު މީރާގެ ވެބްސައިޓުންނާއި މީރާގެ ސަރވިސް ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން މުދަލު ޒަކާތް ދެއްކޭނެއެވެ.
މިރާގެ ބްރާންޗެއް ނެތް ނަމަ ރަށްރަށުގެ ކައުންސިލް އިދާރާ އިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މުދަލު ޒަކާތާ ގުޅޭ ދީނީ މައުލޫމާތު އޮޅުން ފިލުމުވުމަށް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ވަކި ފޯނު ނަންބަރެއް ކަނޑައަޅާފައެވެ.
މީރާ އަށް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 14.6 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 63.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.