ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 16:45
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2018
އެމްޑީޕީ އިން ޕްރައިމަރީ ބޭއްވީ ގާނޫނާ ހިލާފަށް، ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން
ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ވަނީ އަމުރު ނެރެފައި
ފުލުހުން ވެސް ވަނީ ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތްކޮށްފައި
ތަފާތު އެކި ގޮތްގޮތް ބޭނުންކޮށްގެން އެމްޑީޕީން ވަނީ ޕްރައިމަރީ ބާއްވާފައި

އެމްޑީޕީގެ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށާއި އެޕާޓީން ހިންގާފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ސިޔާސީ ހަރާކާތްތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ، ގާނޫނާއި ގަވައިދުތަކާ ހިލާފަށް ސިޔާސީ ހަރަކާތްތަކެއް އެމްޑީޕީން ހިންގާފައިވާ ކަމަށާއި އެޕާޓީއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި އާދިއްތަ ދުވަހު ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމުން ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާއަކީ ޕާޓީ އުވާލުމާ ގުޅޭ މަރުހަލާތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ 49 ވަނަ މާއްދާއަކީ ޕާޓީގެ ޖޫރިމަނާ ކުރުމުގެ އުސޫލުތައް ބަޔާންކުރާ މައްދާއެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލުހުންގެ ކިބައިން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް އެދިފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީއަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ނެރުނު އަމުރުގައި ސިވިލް ކޯޓުން ވަނީ އަމުރުކޮއްފައިވެ އެވެ.

 ފުލުހުން ވަނީ ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކާއި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އެކި ސަރަހައްދުތަކަށް ގޮސް ހުއްޓުވާފައެވެ. އެގޮތުން ވޯޓު އަޅާފައި ހުރި ވޯޓު ފޮށިތަކާއި ކަރުދާސްތައް ފުލުހުން ވަނީ ގެންގޮސްފައެވެ.

އެހެން ނަމަވެސް އެމްޑީޕީން ވަނީ ޕްރައިމަރީގައި ވޯޓުލުން އެކި ގޮތްގޮތަށް ކުރިއަށް ގެންގޮސް ނަތީޖާ ވެސް އިއުލާނުކޮށްފައެވެ. ޕްރައިމަރީ ކާމިޔާބުކުރެއްވީ ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޕްރައިމަރީގައި 40،000 އަށް ވުރެ ގިން މެންބަރުން ވޯޓުލާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް