"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން"
30 މެއި 2018 | ބުދަ 20:41ދީނީ އިލްމްވެރިޔާ ބުނެފައިވަނީ ސަލާހް އަށް އަނިޔާވީ ރޯދަ ދޫކޮށްލުމުން ކަމަށް
ކުވޭތުގެ ދީނީ އިލްމްރިޔާ މުބާރަކް އަލް ބަތާލީ (ކ) | ރާއްޖެއެމްވީ
މި ދިޔަ ހޮނިހިރު ދުވަހު ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި މިސްރަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ސަލާހް އަށް އަނިޔާވީ ކޯފާ އެއްގެ ސަބަބުން ކަމަށް ކުވޭތުގެ ދީނީ ފަތުވާދޭ އިލްމްވެރިއަކު ބުނެފިއެވެ.
ހޯމަ ދުވަހު މުބާރަކް އަލް ބަތާލީ އަރަބި ބަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލިވަރޕޫލްގެ ތަރި ސަލާހް އަށް އަނިޔާވީ އެދުވަހު އޭނާ ރޯދަ ދޫކޮށްލުމުގެ ސަބަބުން ކުރިމަތިވި ކޯފާ އެއްގެ ސަބަބުން ކަމަށެވެ.
ދީނީ އިލްމްވެރިޔާ ބުނެފައިވަނީ ސަލާހް އަށް ރޯދަ ދޫކޮށްލެވޭނެ ހުއްދަ ގޮތަކީ އޭނާ ކުރި ދަތުރުގެ ސަބަބުން ކަމަށާއި ނަމަވެސް އޭނާ ރޯދަ ދޫކޮށްލީ މެޗް ކުޅުމަށް ކަމަށް ވާތީ އެކުރީ ފާފަ އެއް ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރިއަލް މެޑްރިއަޑް އާ އެކު ކުޅުނު މެޗުގައި ސަލާހް އަށް ކުޅެވުނީ އެންމެ 31 މިނެޓްއެވެ. ޔޫއެފްއާ ޗެމްޕިއަންސް ލީގުގުގެ އެ މުހިންމު މެޗްގައި ސަލާހް އަށް ދަނޑުން ފައިބަން ޖެހުނީ ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ސަލާހް ރޯދަ ދޫކޮށްލުމުން ދީނީ އިލްމްވެރިޔާ ސަލާހަށް ފާޑުކީ ނަމަވެސް ސަލާހްގެ ކިބައިގައި ހުރި ރަނގަޅު ކަންކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
އަލްބަތާލީ ބުނެފައިވަނީ، ސަލާހް އަކީ ހުޅަނގުގައި މުސްލިމުންނާ މެދު ދެކޭ ގޮތް ބަދަލު ކުރުމަށް ހުރި ސަފީރެއްގެ ގޮތުގައި ދެކޭ ކަމަށާއި، އޭނާގެ ޓީމުގެ ކުޅުންތެރިން ބަނގުރާ ބޭނުން ކުރާ ހާލަތުގައި އެތަނުގައި ނުހުރެ ސަލާޙް އެތަނެއް ދޫކޮށްދާ ކަމަށެވެ.
އަލްބަތާލީ ބުނެފައިވަނީ ސަލާހް އަށް މި ލިބުނީ ރަނގަޅު ފިލާވަޅެއް ކަމަށް އޭނާ ދެކޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ގެ ކުޅަދުންވަންތަ ކަމުން ކަމަށް އިތުރަށް ދެނެގަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.









