ކ. މާލެ
|
23 މެއި 2018 | ބުދަ 01:50
ރައީސް ޔާމިން
ރައީސް ޔާމިން
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2018
ޕްރައިމަރީއެއް ބާއްވާހާ ގަޓެއް ރައީސް ޔާމީންގެ ނެތް؟
 
ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމި ޕީޕީއެމް ކައުންސިލަކީ ރައީސް ޔާމީން ކޮންޓްރޯލްކުރައްވާ ކައުންސިލެއް
 
ޕްރައިމަރީ ބާއްވާނެކަން 2017ވަނަ އަހަރުގެ ޖުލައި މަހު ރައީސް ޔާމީން އިއުލާންކުރެއްވި
 
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކަންތައް ކައުންސިލަށް ނުނިންމޭނެ

އަންގާރަ ދުވަހުގެރޭ ގިނަ ބަޔަކު ޓީވީތަކުން އަންނަ ރަމަޟާން މަހުގެ ޚާއްސަ ޕްރޮގްރާމްތައް ބަލަން ތިއްބާ ކުއްލިއަކަށް ސަރުކާރުގެ ޓީވީން ފެނުނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބޮޑު ގްރޫޕަކާއިއެކު ކޮޅަށް ހުންނަވައިގެން ބަޔާނެއް ދެއްވަން ފެއްޓެވިތަނެވެ. ރަނގަޅަށް ބަލާލިއިރު މަޖިލިސް ބައެއް މެމްބަރުންނާއި، ބައެއް ވަޒީރުންވެސް އެތަނުގައި ތިއްބެވިއެވެ. ދެން ތިބީ މީން ޒަމާނަކު ސިޔާސީ މަސްރަހުން ބަޔަކަށް ފެނުނު ބައެއް ނޫނެވެ.

އަޑު އަހާލިއިރު އަބްދުއްރަހީމް ވިދާޅުވަނީ ރައީސް އަބްދުﷲ ޔާމީނަށް އެޕާޓީގެ ރިޔާސީ ޓިކެޓް ވެދުމަށް އަރުވާ ވާހަކައެވެ. ޕާޓީގެ ކައުންސިލްގެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާޤުން އެގޮތަށް ނިންމައިފިޔޯލައެވެ. 

އަބްދުއްރަޙީމަކީ އިންތިޚާބަކުން ނޫނަސް އެޕާޓީގެ ނައިބު ރައީސްކަން ކުރައްވާ ބޭފުޅެކެވެ. ހިތާމަޔަކީ ޕާޓީގެ އަސާސީ ޤަވާޢިދުވެސް ނުބައްލަވާކަމެވެ. އަދި ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުވެސް ހަނދުމަފުޅު ނުހުންނަކަމެވެ. އަބްދުއްރަހީމް އޭނާ ނައިބު ރައީސްކަން ކުރައްވާ ޕާޓީގެ އަސާސީ ޤަވާޢިދުގެ 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ ބައްލަވާލެއްވުން ރަނގަޅުވާނެއެވެ.

ޕީޕީއެމްގެ އަސާސީ ޤަވާޢިދުގެ 68 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ "ރިޔާސީ އިންތިޚާބުގައި ޕާޓީއިން ވާދަކުރާ ކެންޑިޑޭޓް ކަނޑައަޅާނީ، ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ބޭއްވޭ ޕްރައިމަރީގައި ނެގޭ ސިއްރު ވޯޓަކުންނެވެ". މިހެންނެވެ.

މިހާ ސާފުކޮށް ދިވެހި ބަހުން އޮތް އެއްޗެއް، އަބްދުއްރަޙީމް ފަދަ ބޭފުޅަކަށް އެނގިވަޑައިނުގަތްކަމީ ދެރަކަމެކެވެ. އަސާސީ ޤަވާޢިދުގެ 69 ވަނަ މާއްދާގައި ބުނާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ "ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްގެން، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ މެމްބަރެވެ".

އެ މާއްދާއަކު ޕާޓީގެ ކައުންސިލެއްގެ ވާހަކައެއް، މުސްތަޝާރެއްގެ ވާހަކައެއް، ކުރިން އޭނާ ކޮށްދިން ކަންތަކުގެ ވާހަކައެއް ނާދެއެވެ. ދެން އޮތީ 69 ވަނަ މާއްދާގެ (އ) އެވެ. އެމާއްދާގައި ބުނަނީ ޕީޕީއެމްގެ ޓިކެޓްގައި ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅަކު 2 ވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުނަމަ، ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދެވިދާނެކަމަށެވެ.

އެހެން ނަމަވެސް، އެގޮތަށް ޓިކެޓް ދެވޭނީ އެހެން ބޭފުޅަކު ވެރިކަމަށް ކުރިމަތިލައްވަން ޝައުޤުވެރިކަން ފާޅުނުކުރައްވާ ނަމައެވެ. ވެރިކަމަށް ކުރިމަތިލައްވަން އިތުރު ބޭފުޅަކު ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، އެކަން ކުރަން ޖެހެނީ އެޕާޓީގެ ކޮންގްރެސްއިންނެވެ. މިއިން ޒަމާނަކު ކޮންގްރެސް ބާއްވާފައެއް ނެތެވެ. 

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށް ރައީސް ޔާމީން އިއުލާންކުރެއްވީ މޫސާ މަނިކު ޕީޕީއެމްއަށް ސޮއެކުރެއްވި ރަސްމިއްޔާތުގައި

ޕީޕީއެމްގެ އަސާސީ ޤަވާޢިދު އެބޭފުޅުން އެ މާނަކުރައްވާ ގޮތަކަށް މާނަ ކުރައްވައިގެން ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމެވީއެވެ.

މައްސަލައެއް ނެތެވެ. އެކަމަކު އެހެން ހެދުމުން، އެވެއްޓެނީ ރައީސް ޔާމީންގެ އަގެވެ. އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދުތެރޭ، ޕީޕީއެމްގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ އޮންނާނެކަން އިއުލާންކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއެކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ކޮންމެ މެމްބަރަކަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މޫސާ މަނިކު އެމްޑީޕީއިން ވަކިކުރީ މޫސަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އޭރު ވިދާޅުވުމުންކަމަށް ބައެއް ފަރާތްތަކުން އޭރު ދައްކަމުން ދިޔަ ވާހަކަތަކަށް އިޝާރާތްކުރައްވައެވެ. 

މިވީ ކިހިނެއްތޯއެވެ؟ ރައީސް ޔާމީން އަކީ ވަރަށް ގަޓުހުރި ބޭފުޅެއްކަމަށް ޕީޕީއެމްއިން އަބަދުވެސް ބުނަމުން ދިޔައެވެ. އަދި ރައީސް ޔާމީން ޕްރައިމަރީ އިއުލާންކުރެއްވީ އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބުކުރެއްވޭނެކަމުގެ ޔަޤީންކަން އޮތުމުންކަމަށް ޕީޕީއެމްއިން އޭރު ބުނަމުން ދިޔައެވެ.

އެ ޔަޤީންކަން މިއަދު ކޮބައިތޯއެވެ؟ ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް ޔާމީނާއި ވާދަކޮށްލާނެހެން ކުރިން ކިރިޔާވެސް ހީވި މީހެއް ވިއްޔާ މިހާރު އެހެރީ ޖަލުގައެވެ. ކާނަލް ނާޒިމް ޖަލުގައެވެ. ފާރިސް މައުމޫން ޖަލުގައެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައެވެ. މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް ފިއްލައިގެން ރާއްޖެއިން ބޭރުގައެވެ. ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ރާއްޖެއިން ބޭރުގައެވެ. ރައީސް ޔާމީނަށް ޕްރައިމަރީއެއް ބޭއްވުމަކުން އޮތީ ކޮން ބިރެއްތޯއެވެ؟ އެކަނި ކުރިމަތިލެއްވިއްޔާ ފެންނަ ނުފެންނަ ވޯޓަކުން އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބުކުރެވޭނެ ނޫންތޯއެވެ؟ ނުވަތަ ޕްރައިމަރީއަށް އެހެން މީހަކު ކުރިމަތިލައި، އެޕްރައިމަރީ އެމީހަކު ކާމިޔާބުކޮށްފާނެތީ ގަޓު ރައީސް ބިރުފުޅުގަތީތޯއެވެ؟

ކޮންމެއަކަސް، ރައީސް ޔާމީން އަައްޔަންކުރައްވާފައިވާ ޕީޕީއެމްގެ ކައުންސިލުން، އެޕާޓީގެ އަސާސީ ޤަވާއިދާ ފުށުއަރާ ފަދަ ގޮތަކަށް ނިންމި މި ނިންމުމާއެކު، އެނގިގެންދިޔަ ކަމަކީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ކާމިޔާބު ކުރެއްވިދާނެ ކަމާމެދު ރައީސް ޔާމިން ޔަޤީންކަމެއް ނެތްކަމެވެ. ގަޓެއް ނެތް ކަމެވެ.

ދެން މި ނޫން ގޮތަކަށް މިކަން ސިފަކުރާނީ ކިހިނަކުންތޯއެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
25%
0%
0%
0%
0%
75%
ކޮމެންޓް