ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދް ގާސިމަށް ދައުވާ ކުރިއިރު، އެ މައްސަލާގައި ސިޔާދާ ދެކޮޅަށް ބޭނުންކުރާ އެންމެ މުހިންމު ހެކި މިހާތަނަށް ވެސް ދައުލަތަށް ނުލިބޭ ކަން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހާމަވުމުން، ނުފޫޒު ފޯރާފައި ނެތް ފަނޑިޔާރު ގެއަކުންނަމަ މައްސަލައާ ގުޅިގެން ބަންދުގައިހުރި ފަރާތް މިނިވަންކޮށް، މައްސަލަ ކުރިއަށް ގެންދާނޭ ތަނެއް ނެތްކަމަށް ކަނޑައަޅަންޖެހޭނެކަމަށް ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެެ ފަރާތުން ހެކީގެ ގޮތުގައި މެލޭޝިޔާގެ "ސައިބަރޖަޔާ" އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްތަކެއް ވަނީ ހުށައަޅައިފަ އެވެ. އެޕާޓްމެންޓްތަކަށް ފައިސާ ދެއްކިކަން ސާބިތުކުރަން ހުށަހަޅާ ލިޔުމަކީ ކިތައް ސޮފުހާގެ ލިޔުމެއްތޯ ސިޔާދުގެ ވަކީލުން ސުވާލު ކުރުމުން ދައުލަތުން ފުރަތަމަ ބުނީ ދިފާއު ބިނާ ކުރުމަށްޓަކައި ސޮފުހާގެ އަދަދު މުހިންމު ނުވާނެ ކަމަށެވެ. ނަމަވެސް ސޮފުހާގެ އަދަދު ހާމަކުރުމަށް މައްސަލަ ބައްލަވާ ގާޒީ އެންގެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ލިޔުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ލިޔުން އަދި ދައުލަތަށް ނުލިބޭ ކަމަށެވެ.

ހެކި ލިބިފައިނުވާކަމަށް ދައުލަތުގެ ފަރާތުން ކޯޓުގައި ބުނި ބުނުމާއި ގުޅޭގޮތުން މަހުފޫޒްގެ އަމިއްލަ ބްލޮގްގައި އޭނާ ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި "ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލަންވާނީ، އެ ކުށާ ގުޅޭ ގޮތުން ފުރިހަމަވާންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެން" ކަމަށެވެ. މި މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން މުޅި ޤާނޫނުގެ އެކި މާއްދާތަކުގައި ތަފްސީލުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުފޫޒް ވިދާޅުވީ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ މައްސަލައެއްގެ ދަޢުވާ އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ހެއްކަކާ އެކުގައިކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި 77 ވަނަ މާއްދާގައި ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަޙްޤީޤުކުރާ ޖިނާއީ ކުށެއްގެ ތަޙްޤީޤު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ފޮނުވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކަމުގައި ބަޔާންކޮޮށްފައިވާކަންވެސް މަހުފޫޒް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވޭއިރުވެސް، މައްސަލައިގެ ތަޙްޤީޤް އޮންނަންވާނީ ފުރިހަމަވެފައިކަން އެނގޭކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުން މިއަދު ކޯޓުގައި ކުރި ސަމާސައިން އެނގުނީ، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު ހެކި ދައުލަތަށްވެސް އަދި ފެނިފައިނުވާކަމެވެ. އެއީ ލިޔުމެއްކަން ކޮންމެވެސް ގޮތަކުން ދައުލަތަށް އޮތީ އެނގިފައެވެ. އެހެންނަމަވެސް އެ ލިޔުން އޮތް ތަނަކާއި، އެ ލިޔުން ލިބޭނޭ ދުވަހެއް، ނުވަތަ ލިބޭނޭ ކަމެއްވެސް ދައުލަތަށް ނޭނގެއެވެ. ކުރެވެނީ އުއްމީދެކެވެ. މައްސަލައިގެ ކޮންމެވެސް ހިސާބަކުން އެ ބުނާ ހެއްކެއް ލިބިދާނޭ ތޯއްޗެކެވެ."

މަހުފޫޒް ވިދާޅުވީ ހެކި ލިބިފައިނެތްކަމަށް ދައުލަތުން ބުނިބުނުމާއެކު ދައުލަތުން ހުށަހަޅާ ސިއްރު ލިޔުންތަކާމެދު އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. ޝަރީޢަތެއްގެ ހުރިހާ ވާޤިއާއެއް ސިއްރު ލިޔުންތަކާއި، ސިއްރު ހެކިތަކުގެ މައްޗަށް ބިނާކުރާއިރު، އެ ހެކިތައް ޙަޤީޤަތުގައި ލިބިފައި ނެތްކަންވެސް އެނގެނީ މަދު މައްސަލައެއްގައިކަން އޭނާ ފާހަގަކުރެއްވި އެވެ. މަހުފޫޒް ވިދާޅުވީ އެއާއެކު ކޯޓުގައި ސިއްރު ހެކިތަކާއި ސިއްރު ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހިންގަމުން ގެންދާ ޤަޟިއްޔާތަކުގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދޭކަމަށެވެ.
"ކުރިމިނަލް ކޯޓުގެ ނަންބަރު 252/Cr-C/2018 ޤަޟިއްޔާގެ ދަޢުވާލިބޭފަރާތާ ދެކޮޅަށް ހެކި ލިބިފައިނުވާކަމަށް ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފަކީ، އެ މައްސަލައިގެ ދަޢުވާ ލިބޭ ފަރާތް ބަންދުގައި ހުންނަ ހުރުމަށް ވަގުތުން ނިމުން ގެންނަން ޖެހޭނޭ ކަމެކެވެ. ބަންދުގައި ބަހައްޓާފައި ހުންނަ އެއް ސަބަބަކީ ހެކި ނައްތާލަފާނޭކަމަށް ބެލެވުން ކަމަށްވާއިރު، އެ ހެކި އަދި ހޯދިފައިވެސް ނުވާކަމަށް ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވުމުން، ބަންދުގައި ބެހެއްޓި ސަބަބު ރަނގަޅު ނޫންކަން ހާމަވީމެވެ."

މަހުފޫޒް ވިދާޅުވީ ނުފޫޒު ފޯރާފައި ނެތް ފަނޑިޔާރު ގެއަކުންނަމަ ޢަމަލުކުރަންޖެހޭނޭ ގޮތަކީ މައްސަލައާ ގުޅިގެން ބަންދުގައިހުރި ފަރާތް މިނިވަންކޮށް، މައްސަލަ ކުރިއަށް ގެންދާނޭ ތަނެއް ނެތްކަމަށް ކަނޑައެޅުންކަމަށެވެ. އަދި ދައުލަތަށް ކޮންމެވެސް ދުވަހަކުން ހެއްކެއް ލިބިދާނޭކަމުގެ އުއްމީދުގައި މީހަކު ބަންދުގައި ބެހެއްޓުމަކީ އިންސާފުވެރި ފަނޑިޔާރުގެއަކުން ފުރުޞަތު ދީގެންވާނޭކަމެއް ނޫން ކަމަށާއި، މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުން ދައުލަތަށް ސަމާސަކަމަކަށް ވިޔަސް، ދަޢުވާލިބޭ މީހާގެ ޙައްޤުތަކަށް ޝަރީޢަތުން ރައްކާތެރިވާންޖެހޭކަމަށް މަހުފޫޒް ވިދާޅުވި އެވެ.