ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:40
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ހާއްސަ އިނާމް
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ހަތަރު ގިންތި އަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައި
އިނާމަށް ކުރިމަތިލުން މެއި 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ހާއްސަ އިނާމަށް ފޯމް ރައީސް އޮފީހުން ލިބޭނެ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހާއްސަ އިނާމާބެހޭ ކޮމިޓީން އަންގާރަ ދުވަހު އެ އިނާމަށް ކުރިމަތިލުމަށް ހުޅުއްވައިލައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

 އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުމާއި މަތީ ތައުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުމާއި ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވުން ހިމެނެ އެވެ. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން، ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކޮށްފައިވުން ހިމެނެ އެވެ.

ހާއްސަ އިނާމާބެހޭ މައުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ބުނެ އެވެ.

ހާއްސަ އިނާމަށް ނަން ހުށަހަޅުމުގެ އެންމެފަހު ތާރީހަކީ އަންނަ މެއި މަހުގެ 31 ވާ ބުރާސްފަތި ދުވަހެވެ. މިއަހަރު ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް