މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ދިޔަ ދޯންޏެއްގެ ފާހާނާތެރެއަށް ހޭނެތިގެން ވެއްޓުނު ޒުވާނަކަށް ފަރުވާ ދިނުމަށް އެމްއެންޑީއެފުގެ ކޯސްޓް ގާޑުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ ހއ.އިހަވަންދޫގެ ހުޅަނގުން 90 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ހިޔަރޯދި" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ދިވެއްސެކެވެ. ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އެއީ ހއ އިހަވަންދޫ ޒުވާނެކެވެ.
އެ މަސްވެރިޔާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން މައުލޫމާތު ހާމަކޮށްފައި ނެތަސް، އިހަވަންދޫން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެ ޒުވާނާ ހޭނެތުނީ ދޯނީގެ ފާހާނާ ސާފުކުރަން ބޭސް އަޅާފައި ވަނިކޮށް، ފާހާނާއަށް ވަނުމުންނެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 20:05 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑިއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މި މީހާ ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައިވަނީ ހއ. ހޯރަފުށީ ސީއެމްބިއުލާންސްގައި އާދިއްތަ ދުވަހުގެ ރޭ ފަތިހު 05:44 ހާއިރުއެވެ. އެ ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.