ސަރުކާރުން ގެންނަ އުސޫލުތަކަކީ ވަކި ބަޔަކަށް ފައިދާ ހޯދުމަށް ގެންނަ އުސޫލުތައް ކަމަށާއި މި އުސޫލުތަކަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ކުރުމަށް ގެންނަ ބަދަލުތަކެއް ނޫން ކަމަށް އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ކުރިން 24 ގަޑި އިރު ފިހާރަތައް ހުޅުވިފައި ހުރުމުން ފިހާރަތައް ރޭގަނޑު 10:00 އާއި ހަމައަށް ހުޅުވާފައި ހުންނަ ގޮތަށް ބަދަލުކޮށްފައިވަނީ މާރާމާރީތައް ގިނަވާތީ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް މިއަދު އަނެއްކާވެސް ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމުގެ އިޝާރާތެއް ސަރުކާރުން ކޮށްފައި ވާކަމަށް އަމްރު ވިދާޅުވި އެވެ.
" މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ހިއްސާވާ ތަންތަން ފާސްޓް ފުޑް ރެސްޓައުރެންޓްތައް އަދި ނުވިތާކަށް ކޮފީ ޝޮޕަކަށް ވިޔަސް މާލެތެރެ ހުޅުވާލުމުން، 24 ގަޑިއިރަށް ބަދަލުވީ ނޫންތޯ. އަޅުގަނޑުމެންނަށް އެގޭ މިކަހަލަ ހުރިހާ ކަމެއް ކުރަނީ ވަކި މީހަކަށް ފައިދާވާގޮތަށް. އެއްގޮތަކަށް ވެސް މިއީ ރައްޔިތުންނަށް ފައިދާވާގޮތަށް ކުރާ ކަންކަމެއް ނޫން. އާންމު ރައްޔިތުންނަށް ބޭނުންވެގެން އާންމު ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ކުރާ ކަންކަމެއް ނޫން މީ." އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ސަރުކާރުން ގެންނަ ބަދަލުތަކަކީ އެއްވެސް ވަރަކަށް ވިސްނާނުލާ ގެންނަ ބަދަލުތަކެއް ކަމަށާއި މިކުރާ ކަންކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
" އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި، ރޭވުންތެރިކަމެއް ނެތި، ދުރުރާސްތާ ޕްލޭނެއް ނެތި، ވަރަށް ދޯދިޔާ ސިޔާސަތެއް ސަރުކާރުން ގެންގުޅެނީ." އަމްރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި 24 ގަޑި އިރު ފިހާރަތައް ހުޅުވާލާނީ އެކަމަކީ މުހިއްމު ކަމެއް ކަމަށް ބެލުމަށް ފަހުގައި ކަމަށާއި މިކަން ކުރާނީ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭނެ ގޮތަކަށް ކަމަށެވެ.