ކ. މާލެ
|
26 މާރޗް 2018 | ހޯމަ 16:05
ޓީބީ ނައްތާލުމަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީ
ޓީބީ ނައްތާލުމަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީ
ހެލްތު މިނިސްޓްރީ
ޓީބީ ނައްތާލުން
ޓީބީ ނައްތާލުމަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެއިން އަމާޒު ހިފާފައިވަނީ 2022 ވަނަ އަހަރުގައި ޓީބީ ނައްތާލުމަށް
ސްޓިއަރިންގ ކޮމިޓީގައި ސަރުކާރުގެ މުއައްސަސާތަކުން ހިމެނޭ

ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތު ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޓިއުބަރކްލޯސިސް ނުވަތަ ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެއިންވެސް އެކަމަށް މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖެއިން ޓާގެޓް ކުރަނީ 2022 ވަނަ އަހަރުގެ ނިއަލަށް މި ބަލި ނައްތާލުމަށް ކަމަށެވެ. މިކަން ހާސިލްވެއްޖެ ނަމަ ރާއްޖެވާނީ މި ސަރަހައްދުން މި ބަލި ނައްތާލި ފުރަތަމަ ގައުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ޓީބީ ނައްތާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ސްޓިއަރިންގ ކޮމިޓީން ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަމަށް ލަފާ ލިބިގެންދާނެ ކަމަށާއި ޕްލޭންގެ ކަންކަން ބަލަހައްޓާނީ މި ކޮމިޓީން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ޓީބީ މި ބަލި ނައްތާލުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެހެން ނަމަވެސް ޓީބީ މި ބަލި މަދުކޮށް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ކަންތައްތަކެއް ވަނީ ހާސިލް ކުރެވިފައި. އަޅުގަނޑުމެންގެ ގައުމަށް އަވަށްޓެރި ގައުމުތަކުން އެކި އެކި ފަރާތްތައް ޒިޔާރަތް ކުރަމުންދާއިރު މީގެ ތެރެއިން ބައެއް ގައުމުތަކަކީ ޓީބީގެ ހާލަތު ރާއްޖެއާ އަޅާ ބަލާ އިރު އެހާ ރަނގަޅު ގައުމުތަކެއް ނޫން." މިނިސްޓަރ ވިދާޅުވި އެވެ.

އެކި ގައުމުތަކުން ގިނަ ބަޔަކު ރާއްޖެއަށް އަންނަ އިރު މިގޮތަށް އަންނަ ފަރާތްތަކުގެ ފަރާތުންވެސް ޓީބީ ފެތުރުމަށް މަގުފަހިވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޓީބީ ނައްތާލުމަށް އެކުލަވައިލާފައިވާ ސްޓިއަރިންގ ކޮމިޓީގައި ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އިމިގްރޭޝަނުގެ އިތުރުން ކަމާ ގުޅޭ މުއައްސަސާތަކުންވެސް ބައިވެރިވެފައިވެ އެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސްޓިއަރިންގ ކޮމިޓީގެ މެންބަރުންނަށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް