ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 19:30
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
މުހައްމަދު ފަޒީން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދައުވާ ކުރަންޏާ ހުރިހާ ފަނޑިޔާރުން ވެސް ހިމަނަންޖެހޭ: އަލީ ނިޒާރު
ދައުވާ ކުރުމުގައިވެސް އިންސާފުވެރިކަމާ އެކު އަމަލު ކުރަންޖެހޭ
މިނިވަން މުއައްސަސާތަކަށް އައްޔަނު ކުރެވޭ ފަރާތްތަކުގެ މިނިވަން ކަމާ މެދު ސުވާލު އުފެދޭ
ގާނޫނާ ހިލާފު އެތައް އަމަލެއް ދަނީ ކުރަމުން

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ދައުވާ ކުރެވޭ ކަމުގައިވާ ނަމަ، ހަމައެކަނި އެކަމުގެ ދައުވާ ކުރަން ޖެހޭނީ ދެ ފަނޑިޔާރުންނަށް ނޫން ކަމަށާއި ހުރިހާ ފަނޑިޔާރުންނަށް ވެސް ދައުވާ ކުރަން ޖެޙޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

 ރާއްޖެޓީވީގެ މިރައީސް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އަލީ ނިޒާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދައުވާ ކުރެވޭ އިރު ދައުވާ ކުރެވިގެންދާ މަންޒަރު ފެންނަނީ އެންމެ ދެ ފަނޑިޔާރުންނަށް ކަމަށާއި ހުކުމާ ގުޅޭ މައްސަލައެއް ނަމަ އަނެއް ތިން ފަނޑިޔާރުންނަށް ވެސް ދައުވާ ކުރެވެންވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން ބަންދު ކުރެވޭ އުސޫލުތަކަށް ބަލާ އިރު މީގެ އެއްވެސް ކަމެއް ހިނގާ ކަށެއް ނުޖެހޭ. ރާއްޖޭގައި ކުއްލި ހާލަތަށް ގެނެސްގެން ފެނިގެންދިޔަ ކަންތައްތަކަށް ބަލާ އިރު އެއްގޮތަކަށް ވެސް ފަނޑިޔާރުން އެގޮތަށް ހައްޔަރު ކުރުމަށް ރައީސަށް ގާނޫނު އަސާސީގައި ބާރު ލިބިފައެއް ނެތް. ހުރި މާއްދާތަކެއް ސަސްޕެންޑް ކުރުމަށް ފަހު ހިތު ހުރި ގޮތަކަށް ވެރިކަމެއް ނުކުރެވޭނެ." އަލީ ނިޒާރު ވިދާޅުވި އެވެ.

 އަލީ ނިޒާރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ އެއްވެސް ވަރަކަށް ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށާއި ވެރިޔަކު މިހާ ބޮޑަށް ގާނޫނު އަސާސީއާއި ހިލާފު ވުމުން، ރައްޔިތުންނަށް އިހްތިޖާޖު ކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އެހެން ނަމަވެސް އިހްތިޖާޖު ކުރުމުގެ ފުރުސަތުވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ފޯޑިއަމް ތަކުގައި ފާޅުގައި ތާއީދުކޮށް ރައީސް ޔާމީނަށް ސަނާކިޔުއްވި ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރި މަންޒަރު ފެނުމުން ކުރިއަށް އޮތް  ރިޔާސީ އިންތިހާބަކީ ދެފުއް ފެންނަ މިނިވަން އިންތިހާބަކަށް ވާނެކަމާ މެދު އެއްވެސް އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ، ރިޔާސީ އިންތިހާބެއް ބޯމަތިވެފައިވާ ވަނިކޮށް ރައީސަކު ކަންކަން ކުރައްވަން ޖެހޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރު ނުފެންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 މާރޗް 2018 | ހޮނިހިރު 13:11
ފަސީ
އަދިކިރިޔާ މީހަކަށް ރަނގަޅު އެއްޗެއް އެވިދާޅުވެވުނީ