މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނު މަގުގައި ހުރި ގާޑިޔާތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ހައުސިންގ މިނިސްޓްރީން މާލޭގެ މަގުތައް ރީޑެވަލޮޕް ކުރުމުގެ މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުގައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން, ގާޑިޔާތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި 37 ގާޑިޔާ މާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ ގޮތުން ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ކާނިވާ ސަރަހައްދަށް 18 ގާޑިޔާ ބަދަލު ކުރެވޭ އިރު އަށް ގާޑިޔާއެއް މަސްވެރިންގެ މައިދާނަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އާ ސަހަރާ ފުރަގަހަށް އަށް ގާޑިޔާއެއް ބަދަލު ކުރާ އިރު ތިން ގާޑިޔާއެއް ވެސްޓް ޕާކް ސަރަހައްދަށް ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މާލޭގެ ވަށައިގެން އޮންނަ މަގު، ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާނޭކަން ސަރުކާރުން އިއުލާނުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް 5.5 ކިލޯ މީޓަރުގެ މިމަގު ގެ މަސައްކަތް ބްރިޖުގެ މަސައްކަރް ނިމޭ އިރު ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.