ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 16:13
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕްރެސް ކޮންފްރެންސް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕްރެސް ކޮންފްރެންސް
ފާތިމަތު ޝަނާ މުހައްމަދު
ކުއްލި ނުރައްކަލުގެ ޙާލަތު
ރޭގެ އެއްވުން ވަރަށް ކާމިޔާބު، މިރޭވެސް އެއްވުން އޮންނާނެ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ރޭގެ އެއްވުމުގައި ދަތިތަކާ ކުރިމަތިވި
ކުރިއަށް އޮތްތަނުގައި އެއްވާމީހުން ވާނީ އިތުރު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުންތައް ދާނީ ކުރިއަށް

ހުއްޓުވަން ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުން ވަރަށް ކާމިޔާބު ކަމަށާއި މިރޭވެސް މަޖީދީ މަގާއި ޗާންދަނީ މަގު ސަރަހައްދަށް އެއްވުން އޮންނާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވީ، ވަރަށް ގިނަ ދަތިތަކާ އެކުވެސް، ގިނަ އަދަދެއްގެ ބަޔަކު އެއްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެއްވުން ރޫޅާލުމަށް އެތަށް ފަހަރެއްގެ މަތިން ފުލުހުން މަސައްކަތް ކުރި ނަމަވެސް، 02:30 އާއި ހަމައަށް އެއްވުން ކުރިއަށްގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ކުރުމަކީ ވަރަށް ބޮޑު ކާމިޔަބީއެއް ކަމަށެވެ.

"އަޅުގަނޑުމެން ޔަގީން ކުރަނީ މިރޭވެސް އެތަށް ހާސް ރައްޔިތުން މަގު މައްޗަށް އެއްވާނެ ކަމަށް.  އަޅުގަނޑުމެން މިކުރާ ކަމަކީ، ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަންކަން އިސްލާހު ކުރުން. ދެން އަޅުގަނޑުމެންގެ އިހްތިޖާޖުތައް ކުރިއަށްދާނީ. ރައްޔިތުންނެއް ފަހަތަކަށް ނުޖެހޭނެ." ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް އެއްވުންތަކުގައި ބައިވެރިވާ މީހުން ދާނީ އިތުރުވަމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ރޭގެ އެއްވުމުގައި ވަރަށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ވެސް ބައިވެރިވެފައިވާ ކަމަށާއި ވަރަށް ކެރިވަޑައިގެން އެބޭފުޅުންގެ އަޑުއުފުލި ކަމަށެވެ.

" ރޭގެ އެއްވުން ވަރަށް ސުލްހަވެރިކޮށް ދިޔައީ. ގަޔަށް އަތްލާ އަނިޔާކުރަމުންދިޔަ އިރުވެސް ފުލުހުން އަންގި ގޮތަށް އަމަލުތައް ކުރެއްވީ. މި އިހްތިޖާޖު ކުރިއަށްގެންދަންޖެހޭ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަންދެން" ހުސައިން ރަޝީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށްގެންދާ އެއްވުންތައް ހުއްޓުވޭނީ، ސަލާމަތީ ހިދުމަތްތައް ނުކުމެ، ރައީސް އަބްދުﷲ ޔާމީން ހުއްޓުވި ހިނދަކުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރު ތަންފީޒު ކުރަންޖެހޭ ކަމަށާއި އެކަންކަން އިސްލާހު ކުރަންދެން އެއްވުންތައް ކުރިއަށްގެންދާނެ ކަމަށެވެ.

" މިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ ކުރުން ހުއްޓާލަންޖެހޭ. ޖުޑިޝަރީ މިނިވަން ކުރަންޖެހޭ. މިރޭވެސް އަބްﷲ ޔާމީންގެ ވައްކަމާއި ފަސާދަ ހުއްޓާލުމަށް ގޮވާލުމަށް ހުރިހާ ފަރާތްތަކުންވެސް ނުކުތުމަށް އެދެން" އަލީ ނަޒީރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ، އިސްލާމްދީނުގައި ރައްޔިތުންނަށް ދެވިފައިވާ ހައްގުތައް ހިފަހައްޓައިގެން ތިބެ އިސްލާމްދީނޭ ކިޔައިގެން ވާހަކަ ދައްކަމުން ދަނީ ރައްޔިތުންނަށް މަލާމާތް ކުރުމަށް ކަމަށެވެ.

"ރާއްޖޭގައި ހުރިހާ ބާރުތައް ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަންޖެހޭ އިރު އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރު ވަނީ ނިގުޅައިގަނެފައި. އުއްތަމަ ފަނޑިޔާރު ވަނީ ހިފާ ހައްޔަރުކޮށްފަ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ހަދާފައި" ވަހީދު ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި 141 މީހެއް ހައްޔަރު ކުރި އިރު އޭގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި 139 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި 26 އަންހެނަކާއި 113 ފިރިހެނުން ހިމެނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް