ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި ސިޔާސީ އިސްވެރިން ދޫކޮށްލައިފިއެވެ.
ފުލުހުން ދޫކޮށްލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ، މަޑުއްވަރީ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު އަމީތު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ މަޖީދީ މަހުގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ސިލްސިލާކޮށް ކުރިއަށްގެންދާ އެއްވުންތަކުގައި ގިނަ ބަޔަކު ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެއްވުންތަކުގައި ބައިވެރިވާ ބައެއް މަޖިލީސް މެންބަރުން ތިއްބެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.