ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 09:09
އެއްވުމުގައި ބައިވެރިން ފުލުހުން ދުރަށް ޖައްސަނީ
އެއްވުމުގައި ބައިވެރިން ފުލުހުން ދުރަށް ޖައްސަނީ
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި ރައްޔިތުންގެ ގިނަ ބަޔަކު އަޑު އުފުލައިފި
މުޒާހަރާ ފަށާފައިވަނީ 08:30 ގައި
އެއްވުން ނިމުނީ 02:15 ހާއިރު
މަޖީދީ މަގުގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެފައިވޭ

ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް "ހުއްޓުވާ" ނަމުގައި ރޭ ބޭއްވި އެއްވުމަށް ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، ގަދަބާރުން ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައިފިއެވެ. 

މަޖީދީމަގުގައި އެއްވެފައި ތިބި މީހުން ދުކުރަން ފުލުހުން މަސައްކަތް ކުރަނީ

 

މުޒާހަރާ ފެށުމުގެ ކުރިން ޗާންދަނީ މަގާއި މަޖީދީ މަގު ޖަންގްޝަނުގައި ބެރިކޭޑް ޖަހައި ފުލުހުން ބަންދުކުރިއިރު، މީހުން އެއްވާން ފެށުމާއެކު، 9:00 ހާއިރުން ފެށިގެން އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ބާރު ބޭނުންކުރަން ފަށާފައެވެ.

އެ ގޮތުން އެކި ފަހަރުމަތިން ފުލުހުން ނުކުމެ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެއްވުމުގެ ބައިވެރިންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި އެއްވުން ރޫޅާލި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް މީހުން އެއްވެ ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވަމުން ދިޔައެވެ. މުޒާހަރާގެ ބައިވެރިން އެއްވި ސަރަހައްދުތަކުގެ ތެރޭގައި މަޖީދީމަގު 70 ނަމްބަރު ހިމެނޭ ސަރަހައްދާއި، އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅޭ ސަރަޙައްދާއި، މާވެޔޮމަގާއި މަޖީދީމަގު ގުޅޭ ސަރަޙައްދު ހިމެނެއެވެ.

މަޖީދީމަގުގައި އެއްވެފައި ތިބި މީހުން

 

މުޒާހަރާ އެންމެ ބޮޑަށް ވަރުގަދަވެގެން ދިޔައީ 70 ނަމްބަރު ފިހާރަ ސަރަޙައްދުގައެވެ. އެސަރަޙައްދަށް ގިނަ ބަޔަކު ޖަމާވެ، އަޑު އުފުލަން ފެށީ 12:00 ޖެހިފަހުންނެވެ. ގިނަ ބަޔަކު އެތަނަށް އެއްވެ އަޑު އުފުލަން ފެށިއިރު، ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުންނަށްވުރެ ބޮޑަށް ހަރަކާތްތެރިވަމުން ދިޔައީ ބްލޫސް ޔުނިފޯމުގައި ތިބި، އެންމެ ފަހުން ތަމްރީނުކުރި ފުލުހުންގެ ބެޗެވެ. މެންދަމު މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުންގެ ގްރޫޕެއް ނުކުތީ މޫނު ނިވާކޮށްގެން، މުގުރު ވެސް ހިފައިގެންނެވެ. ނަމަވެސް އެ ވަރުންވެސް އަޑު އުފުލުން މައިތިރިކުރަން ފުލުހުންނަށް އުނދަގޫވިއެވެ.

މުޒާހަރާގެ ތެރެއިން މަޖިލިސް މެމްބަރުންނާއި ސިޔާސީ ބޭފުޅުންނާއި ޕާޓީތަކުގެ އެކްޓިވިސްޓުން ހައްޔަރުކުރިއިރު، މުޒާހަރާއިން ބޭރުން ބުދަ ދުވަހުގެރޭ އެސްޕީޖީގެ ތިން މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު، ގިނަ ބަޔަކު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ބުދަ ދުވަހުގެރޭ މެންދަމު 2:15 ހާއިރު މުޒާހަރާ ނިންމާލީ، ބުރާސްފަތި ދުވަހުގެރޭވެސް އެއްވުން ބާއްވާނެކަމަށް ބުނުމަށްފަހުއެވެ.

ބުދަ ދުވަހުގެރެއަކީ ސިލްސިލާކޮށް މާލޭގައި މުޒާހަރާ ކުރަމުންދާތާ 42 ވަނަ ރެއެވެ. ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާއިރު، ގުޅިފައިވާ ޕާޓީތަކުން ބުނަމުންދަނީ ބޮޑު އެއްވުމުގެ ކުރިން މާލެއަށް ޖަމާވެ، އަޑުއުފުލުމަށް އެދޭ ކަމަށާއި ސަރުކާރުން ކުރަމުން ގެންދާ ޣައިރުގާނޫނީ އަމަލުތަކާ ދެކޮޅަށް ވަރަށް އަވަހަށް ކާމިޔާބު ލިބޭނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް