މުހައްމާ ފުލުސް އޮފީހަށް ހާޒިރުވުމުން އަނެއްކާ ވެސް ބުދަ ދުވަހު ހާޒިރުވުމަށް އަންގާ އިތުރު ޗިޓެއް ފުލުހުން ހަވާލުކޮށްފި އެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ( މުހައްމާ) ވިދާޅުވީ، ފުލުސް އޮފީހަށް ހާޒިރުވުމުން އެއްވެސް ސުވާލެއް ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް ބުދަ ދުވަހު ހާޒިރުވުމަށް ކަމަށް ބުނެ އިތުރު ޗިޓެއް ހަވާލު ކުރި ކަމަށެވެ. ބުދަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ހެނދުނު 10:30 އަށެވެ.
މުހައްމާގެ މައްޗަށް ކުރާ ތުހުމަތަކީ އެކެއް ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެއިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅާ އެ މުވައްޒަފުންގެ ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ކަންތައްތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެވެ.
މުހައްމާ ވިދާޅުވީ، މާރޗު 11 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޗިޓެއް ހަވާލު ކުރި އިރު ބުރުޒުމަގުން ދަނިކޮށް އާދައިގެ ހެދުމުގައި ތިބި ދެމީހުން އައިސް ފޯނު އަތުލީ ކަމަށާއި އެއަށް ދިވެހި ބަހުން ކިޔާ އުޅެނީ ފޭރުން ކަމަށެވެ. ފޯނު އަތުލާފައިވަނީ ފުލުހުންކަމެއް ނޭނގޭ ކަމަށާއި ފުލުހުންނޭ ބުނެ ފޯނު އެގޮތަށް މަގުމަތިން ޖަހައި ގަނެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މުހައްމާގެ ފޯނު އަތުލާފައިވާ އިރު، ފޯނު އަތުލުމުގައި ކަންކަން ކުރައްވާފައިވަނީ އެއްވެސް ހަމައެއް ލަމައެއް ނެތް އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާދައިގެ ޕްރައިވެޓް ކާރެއްގައި ފުލުހުންގެ އިދާރާއަށް ގެނެވުނީ. ފުލުހުންގެ އިދާރާއަށް ގެނައުމާ ހަމައަށް، އަޅުގަނޑު އިންނަންޖެހުނީ އެއީ ފުލުހުން ބާވައޭ، މިގެންދަނީ ކޮންތަނަކަށް ކަމާމެދު ވެސް ސުވާލު އުފެދިފައި. މި މުޖުތަމައުގައި އެބަހުރި، ކާރަކަށް އަރުވައިގެން މީހުން ގެއްލުވާލާފައި. ރިލްވާން ވެސް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ވާހަކަ ދެކެވެނީ." މުހައްމާ ވިދާޅުވި އެވެ.
ފުލުހުން އެމީހުންގެ މަސައްކަތް އެއަށްވުރެ ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަމަށާއި، މަގުމަތިން ފޭރިގަންނަ އުސޫލުން ކަންކަން ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މުހައްމާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވީ، މިއަދު ފެނިގެންދަނީ އެސްއޯއީގެ ދަށުން ތާކުން ތާކުން ނުޖެހޭ ދައުވާތައް މީހުންނާ މެދު އުފުލާ މަންޒަރު ކަމަށާއި ބޮޑެތި ތުހުމަތުތައްކޮށް ބިރުދެއްކުމުގެ އަމަލުތައް ކުރަމުންދާ މަންޒަރު ކަމަށެވެ.
އާންމު ރައްޔިތުން އިނދަޖައްސާލުމަށް މިކުރާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ހަނި ކުރަމުން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މުހައްމާ ވިދާޅުވި އެވެ.
ސަރުކާރު ހިންގުމުގައި މިއަދު ތިބި ފަރާތްތަކުން ވެސް ރައްޔިތުންނަށް ގެއްލެމުންދާ ހައްގުތަކުން ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ގާނޫނު އަސާސީއާއި ގާނޫނުގެ އިމުގެ ތެރެއިން މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގޮތުން މުހައްމާ ވިދާޅުވީ، ވަކި ވަކި މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް މިފަދަ ބިލެއް ފަރުވާ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއްވެސް ގާނޫނެއް ވަކި ބަޔެއް ދުއްވާލުމަށް އެކުލަވާލުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.