ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް އެޗްއާރްސީއެމްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމަށް ފަހު ދެވޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުވައްޒަފުންނަށް ދެވޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށް މާބަނޑު އަންހެނުންނަށް މެންދުރު ކެއުމަށް ދެވޭ އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅުގެ ތެރެއިން "ފްލެކްސިބަލް ބްރޭކް" ގެ ގޮތުގައި އެއް ގަޑިއިރު ނެގޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެޗްއާރްސީއެމް އިން މިގޮތަށް ނިންމުމުގެ މަގްސަދަކީ ކޮމިޝަންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވަޒީފާގައި ދެމިތިބުމުގަ އާއި މަތީ ފަންތީގެ މަގާމުތަކަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ކޮމިޝަނުގެ މުވައްޒަދުންނަށް ދެވޭ އިނާޔަތްތަކުގެ ތެރޭގައި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައިދެވޭ 10 ދުވަހާއި އަންހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ހިސާބުން ފެށިގެން ދަރިފުޅުގެ އުމުރުން ދޮޅު އަހަރު ވަންދެން ދަރިފުޅަށް ގާތުން ދިނުމަށް ދެވޭ އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅާއި މުވައްޒަފުންނަށް މެންދުރު ކެއުމަށް ދެވޭ އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅު ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
އެޗްއާރްސީއެމް އިން މި ބަދަލު ގެނެސްފައިވާ އިރު އެ ކޮމިޝަނުގެ 67 އިންސައްތައަކީ އަންހެން މުވައްޒަފުންނެވެ. ހާއްސަކޮށް ކޮމިޝަނުގެ ޑިޕާޓްމެންޓްތަކުގެ އިސްވެރިންގެ ތެރެއިން 55 އިންސައްތައަކީ އަންހެނުންނެވެ.
މީގެ އިތުރުން ކޮމިޝަނުގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އަންހެން މެންބަރުންނެވެ.