ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 04:47
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
މުހައްމަދު ޝަރުހާން
ފުލުހުން ބަލަމުންދާ މައްސަލަ
މެންބަރު އަބްދުﷲ އާއި އަމީތް ވަކީލަކާއެކު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި
 
މާލެތެރޭގެ އަމަން އަމާންކަން ނަގާލައި ނުވާނެ ކަމަށް ދެ މެންބަރުން ބުނޭ
 
އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މެންދުރުފަހު 03:00ގައި
 
އަމީތު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ހެނދުނު 10:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް، ވަކީލަކާއެކު ފުލުހުންގެ އިދާރާއަށް ބުރާސްފަތި ދުވަހު ހާޒިރުވެވަޑައިގަތުމަށް އަންގައިފި އެވެ.

ވަކީލަކު އައްޔަންކުރަން އެ ދެ ބޭފުޅުންނަށް ފުރުސަތު ދީފައިވަނީ ބުދަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގަ އެވެ. އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މެންދުރުފަހު 03:00ގައެވެ.

އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައި ވަނިކޮށް، މިމަހުގެ 26 ވަނަ ދުވަހު ބަޔަކު އިސްނަގައިގެން މާލެތެރޭގެ އަމަން އަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށް، މާލެ ތެރޭގެ އެކި ސަރަހައްދުތަކަށް އެއްވެ، އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މުޒާހަރާކޮށް ފުލުހުންގެ ދައުރަށް ހުރަސްއަޅާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ފުލުހުންގެ އިދާރާއަށް ބުދަ ދުވަހުގެ ރޭ ހާޒިރުވުމަށްފަހު ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ، ވަކީލަކު ހޯދުމަކީ މިއަދު ވަރަށް އުނދަގޫ ކަމެއް ކަމަށާއި ވަކީލުންނަށްވެސް އެކި ކަހަލަ ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަމަށެވެ.

"ވަކީލަކު ލިބޭތޯ ވަރަށް މަސައްކަތް ކުރާނަން. އަޅުގަނޑަކީ ސިޔާސީ މީހެއްވީމަ ހިޔެއް ނުވޭ އަލުގަނޑުމެންނަށް ވަކީލެއް ލިބިދާނެ ކަމެއް." އަމީތު ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ، މާލެ ތެރޭގެ އަމަން އަމާންކަން ނަގާލުމަށް އެއްވެސް މަސައްކަތްތަކެއް ނުކުރައްވާ ކަމަށާއި ހައްޔަރުކުރި އިރު ހުރީ މީޑިއާތަކަށް އިންޓަރވިއުއެއް ދިނުމަށް ކަމަށެވެ. މިފަދަ ތުހުމަތުތަކެއް ކުރެވުމަކީ ސިޔާސީ ރޭވުމެއްގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން މިކުރާ މަސައްކަތް ހުއްޓުވާލުމަށްޓަކައި ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތެއް ނުހުއްޓުވޭނެއޭ،" އޭނާ ވިދާޅުވި އެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
20%
20%
20%
20%
20%
0%
ކޮމެންޓް