ކ. މާލެ
|
28 ފެބްރުއަރީ 2018 | ބުދަ 19:53
ތާނަ އަކުރުގައި ސުކުން ކުރެވެނީ ފަސް އަކުރެއްގަ އެވެ
ތާނަ އަކުރުގައި ސުކުން ކުރެވެނީ ފަސް އަކުރެއްގަ އެވެ
އަހްމަދުﷲ ޖަމީލް
ސުކުންކުރެވޭ ހަމަތައް
ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
 
ދިވެހި ބަހުގައި ސުކުން ކުރެވޭ ހަމަތަކުގެ ތެރެއިން، ތާނަ ލިޔުމުގައި ސުކުންކުރެވެނީ ފަސްއަކުރުގައެވެ.

ދިވެހި ބަހުގައި ސުކުން ކުރުމަކީ ނުވަތަ ތާނަ ލިޔާއިރު ފިލިޖެހުމުގައި އުނދަގޫތަކެއް އުފުލަންޖެހޭ ކަމަށް ލިޔުންތައް ކިޔަމުންދާއިރު ފާހަގަކުރެވެއެވެ. މިހެން މިދެންނެވީ ފިލިޖެހުމަށް އެކުލަވާލައިފައިވާ ދިވެހި ބަހުގެ ޤަވާޢިދުގައިވާ ގޮތަށް ސަމާލުކަން ދިނުން ކުޑަވެފައި ފަރުވާތެރިކަން ބަހައްޓަތަން ނުފެންނާތީއެވެ. ދުނިޔެއަށް އަންނަ ތަރައްޤީއާއެކު ދިވެހިބަހުގެ ޤަވާޢިދުތަކަށް ވެސް ބަދަލު އަންނަނީ ކަމުގައި ޤަބޫލުކުރަނީ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ތިމާއަށް ނޭނގޭތީ އެއީ މުހިއްމުކަމެއް ކަމަށް ޤަބޫލު ނުކުރެވެނީ ތޯއްޗެކެވެ. ނުވަތަ ފަރުވާ ކުޑަވުމުގެ ސަބަބުން ތަކުރާރުކޮށް ލިޔުނު އެ ލިޔުން ކިޔާލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ނުދެކެނީ ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ފިލިޖެހުން ޚާއްޞަކޮށް ސުކުންކުރުމަކީ މިހާރު ދެން މާމުހިއްމު ކަމަކަށް ދެކޭހެނެއް ހީއެއް ނުވެއެވެ.

މިހެން މިކަން އޮތްއިރު ދިވެހި ބަހުގެ ޤަވާޢިދާ ގުޅޭގޮތުން މާގިނަ ދިރާސާތަކެއް ހެދިފައި ނެތްނަމަ ވެސް ދިވެހި ބަހުގެ ކުރީގެ ބަސްވާރުން ވަނީ ދިވެހި ބަހުގެ ޤަވާޢިދުގެ ގޮތުގައި ފޮތް އެކުލަވާލައްވާފައެވެ. އެގޮތުން އެއްމެ ކުރީގެ ފޮތެއްގެ ގޮތުގައި ފާހަގަކުރެވެނީ އިބްރާހިމް ރުޝްދީ. (1355ހ) 1934 ގައި ލިޔުއްވި ސުއްލަމުލް އަރީބު ކިޔާ ފޮތެކެވެ. މި ފޮތުގައި ވެސް ދިވެހި ބަހުގެ ޤަވާޢިދުގެ ބައިތަކުގެ ތެރެއިން ތާނަ ލިޔުމުގައި ސުކުންކުރެވޭ ހަމަތަކުގެ މައްޗަށް އަލިއަޅުވައި ލައްވައިފައި ވެއެވެ. މީގެ އިތުރުން ދިވެހިބަސް: "ދަރިވަރުންގެ އެހީތެރިޔާ" ގެ ނަމުގައި  މުޙައްމަދު އަމީން 1947 ލިޔުއްވާފައިވާ ފޮތާއި، މުޙައްމަދު ޖަމީލު 1968 އަދި 1979 ގައި ލިޔުއްވާފައިވާ ފިޔަވަޅު 1،2،3. އާއި، ބަހުގެ ހަމައިގެ އަތްމަތީ ފޮތުގެ ނަމުގައި ޢަބުދުޞާދިޤު 1993 ލިޔުއްވާފައިވާ ފޮތުގައި ވެސް ސުކުންކުރުމާ ގުޅޭގޮތުން ލިޔުއްވާފައި ވެއެވެ. މީގެ އިތުރުން ދިވެހި ގްރޭޑް-3 ދަރިވަރުންގެ ފޮތުގައި ވެސް ސުކުންކުރުމުގެ ހަމަތަކާ ގުޅޭގޮތުން ލިޔުއްވާފައި ވެއެވެ. މި ފޮތްތަކުގައި ތާނާގައި ސުކުން ކުރެވޭ ހަމަތަކާއި ގުޅޭގޮތުން އެއްމެހައި ބޭފުޅުން ވެސް މައިގަނޑުގޮތެއްގައި ލިޔުއްވާފައި ވަނީ ދާދި އެއްވާހަކަ ތަކެކެވެ. އެއް ހަމަތަކެކެވެ.

މުޙައްމަދު ޖަމީލު (1968) "ދިވެހިބަހުގެ ޤަވާޢިދު- ފިޔަވަޅު1" ގައި ލޔުއްވާފައި ވެއެވެ. ދިވެހި ބަހުގައި ސުކުން ކުރެވޭ ހަމަތަކުގެ ތެރެއިން، ތާނަ ލިޔުމުގައި ސުކުންކުރެވެނީ ފަސްއަކުރުގައެވެ. އެއީ އ.ސ.ނ.ތ.ށ. ނުވަތަ ބައެއް ލިޔުންތަކުގައި ލިޔެފައިވާ ދައިން "އާސީނު ތަށި" މި އަކުރުތަކުގައެވެ. މިހެން އޮތް ނަމަވެސް ބޭރުގެ ބަސްބަހުން ދިވެހި ބަސްބަހަށް ވަދެފައި ހުންނަ ބައެއް ލަފުޒު ލިޔާއިރު ކުރިން ދެންނެވި ފަސް އަކުރުގެ އިތުރުން އެހެނިހެން އަކުރުތަކުގައި ވެސް ސުކުން ކުރެވޭނެކަމުގައެވެ. އަދި ދިވެހި ގްރޭޑް-3  ދަރިވަރުންގެ ފޮތު (2006 ، 2003) ގައި ވާ ގޮތުން ވެސް ދިވެހިބަހުގައި ސުކުން ކުރެވެނީ މައިގަނޑު ފަސްއަކުރެއްގައެވެ. އެއީ އ.ސ.ށ.ނ.ތ މި އަކުރުތަގައެވެ. އެހެންނަމަވެސް ޙުސައިން ޞަލާހުއްދީން (1934) ވިދާޅުވާގޮތުގައި ސުކުން ކުރެވޭ އަކުރުތަކުގެ ޢަދަދަކީ ހަތަރެކެވެ. އެއީ "އުނިތޮށި" މި ލަފްޒުގައި ހިމެނޭ "އ.ނ.ތ.ށ." ގައެވެ. މިހެން ވިދާލުވި ނަމަވެސް "ސ" ގައި ވެސް ސުކުންކުރެވޭ ކަމުގައި ވިދާލުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި "ސ" އަކީ ދިވެހިބަހުގައި ސުކުން ކުރެވޭ އަކުރެއް ނަމަވެސް ދިވެހި ބަހުގައި އެއަކުރުގައި ފިލިޖެހޭ ގޮތާއި، ޢަރަބި ލިޔުމުގައި ވެސް "ސ" ގައި ސުކުންކުރެވޭ ގޮތާ ވަކި ތަފާތެއް ނެތްކަމުގައެވެ.

މިހެން ވުމުން މި އަކުރުތަކުގައި ސުކުންކުރެވޭ ހަމަތަކަށް ބަލާއިރު އެ ހަމަތައް ބަސްވާރުން ގެންނަވާފައި ވަނީ ތިރީގައި އެވާގޮތަށެވެ. "އ" ގައި ސުކުން ކުރެވެނީ ދެހަމަ އަކުންނެވެ. އަދި "ށ" ގައި ސުކުން ކުރަން އޮންނަނީ އެއްމެ ހަމައެކެވެ. "ނ" ގައި ސުކުން ކުރެވެނީ ވެސް ތިންހަމައަކުންނެވެ. ނޫނު ސުކުން ކިޔޭގޮތަށް ކިޔޭ ހ.ނ.އ.މ. މިއިން ކޮންމެ އަކުރެއްގެ ކުރިޔަށް އ.ށ ސުކުން އަތުވެއްޖެނަމަ ކިޔޭނީ ނޫނު ސުކުން ކިޔޭގޮތަށެވެ. ހަމަ އެގޮތަށް އަދި ސ. ތ. މިއިން ކޮންމެ އަކުރެއްވެސް ސުކުން ކުރެވެނީ އެއް ހަމައެއްގައި ކަމަށް ފޮތްތަކުގައި ބަސްވާރުން ވިދާޅުވެފައި ވެއެވެ. ދެން މިގެނެސްދެނީ ވަކިވަކި އަކުރުތަކުގައި ސުކުން ކުރުމުގެ ހަމަ ކަމުގައި ފޮތްތަކުގައި ލިޔުއްވާފައިވާ ހަމަތަކެވެ.

އަލިފު ސުކުން (އް)

ހ. އަލިފުސުކުން ޖެހޭ ފުރަތަމަ ތަނަކީ ޢަރަބި ބަހުގައި އޮންނަ ތަޝްދީދަށް ކިޔާގޮތަށް ދިވެހި ކިޔޭކަމުގައި ވެފައިމެ، އެ ސުކުން އޮތްތާ ފިއްޔެއް ޖެހޭ ނަމަ ޖެހޭނީ ކޮން އަކުރެއްގައި ކަން ނޭނގޭ ތަންތަން ކަމަށް އިބުރާހީމް ރުޝްދީ (1934) އާއި މުޙައްމަދު އަމީން (1947) އާއި މުޙައްމަދު ޖަމީލު (1979) އާއި ޢަބުދުޞާދިޤު (1993) ލިޔުއްވާފައިވެއެވެ.

މިސާލު: މިޘާލުތަކަކީ، އުއްދަޑި، ފުއްލާ، ބައްތި، ހިއްތަން، ދިއްލުން، ފަދަ މިޘާލުތަކެވެ.

ށ. ބަހުގެ ބައެއް ބަސްވާރުން ހާމަކުރައްވާފައިވާ ގޮތުގައި، ސުކުން ޖެހިފައި އޮންނަ އަކުރުގައި ފިއްޔެއް ޖަހާ ހިނދު އެކުނުގެ ބަދަލުގައި ކާފެއްގައި ފިލިޖެހޭ ތަންތަނެވެ.

މިސާލު: އެއްފަހަރު، އެކެއް ފަހަރު. އަކުރެއްގައި، އަކުރެކޭ. އުނގެނުމެއްގައި، އުނގެނުމެކޭ. ހެލުމެއްގައި، ހެލުމެކޭ. މިފަދަ މިޘާލުތަކެވެ.

މިހެން މިބޭފުޅުން ލިޔުއްވާފައި ވާއިރު ޙުސައިން ޞަލާޙުއްދީން (1926) ބަޔާންކުރައްވާފައިވާ ގޮތުގައި "އަލިފު ސުކުނަކީ ލަފުޒުގެ މެދުތެރެޔަށް ނޫނީ ވަންނައެއްޗެއް ނޫނެވެ" މިސާލު: އައްޑަނަ، ފައްޓަރު، ކައްޗޭ، ބައްދަލު، ފަދަ މިސާލުތަކެވެ.

ސީނު ސުކުން (ސް)

ދިވެހިބަހުގައި ސީނުގައި ސުކުން ކުރުމުން ކިޔޭނީ އެހެނިހެން ބަސްބަހުގައި ވެސް ސީނު ސުކުން ކިޔޭ ގޮތަށެވެ.'' މިހެން މުޙައްމަދު ޖަމީލު ވިދާޅުވެފައި ވެއެވެ. ސުކުން ކިޔާއިރު ސީނުގެ އަޑު އަންނަ ކޮންމެ ތަނެއްގައި ކުރެވޭނީ ސީނު ސުކުނެވެ.

މިސާލު: ރަސްދޫ ، އިސްކުރު މިއެވެ.

ރާމިޒު ޢަލީ، ސީނު ސުކުން ކުރެވޭ ހަމަކަމުގައި ވިދާޅުވެފައި ވަނީ ސުކުން ކުރެވޭ އަކުރުގެ ބަދަލުގައި އެހެން އަކުރެއްގައި ފިއްޔެއްޖަހާ އިރު ''ހ'' (ހާ) އެއްގައި ފިލިޖެހޭ ކޮންމެ ތަނެއްގައި ޖަހަންޖެހޭނީ "ސ" ސުކުނެވެ.

މިސާލު: ގަސް - ގަހެއް ، މަސް - މަހެއް މިއެވެ.

ނޫނު ސުކުން (ން)

"ނ" ސުކުންކުރެވެނީ ޢަރަބިބަހުގައި ވެސް ނޫނު ސުކުނަށް ކިޔާ ގޮތަށެވެ. ދިވެހިބަހުގައި ނޫނު ސުކުން ކުރެވޭ 3 ހަމައެއް އޮވެއެވެ. މުޙައްމަދު ޖަމީލު (1979) ބަޔާންކުރައްވާ ގޮތުގައި އެހަމަތަތަކަކީ:

1- ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި، ސުކުނުގެ ބަދަލުގައި ފިއްޔެއްޖަހާނަމަ ޖެހޭ އަކުރެއް ނެތްތަންތާނގައެވެ.

މިސާލު: ކުންނާރު، މަންޑި.

2- ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި، ސުކުނުގެ ބަދަލުގައި ފިއްޔެއްޖެހޭތޯ ބަލާއިރު ނޫނު ގައި ފިލިޖެހޭ ތަންތާނގައެވެ.

މިސާލު: ރަން- ރަނޭ ؛ ދޮން - ދޮނޭ ؛ ފެން - ފެނޭ ؛ އިން - އިނޭ.

3- ނޫނު ސުކުން ކިޔޭގޮތަށް ކިޔޭކަމުގައި ވެފައި ސުކުނުގެ ބަދަލުގައި ފިއްޔެއް ޖެހޭތޯ ބަލާއިރު "މ" ގައި ފިލިޖެހޭ ތަންތާނގައެވެ.

މިސާލު: ޅެން - ޅެމޭ ؛ ހުން - ހުމޭ ؛ ބިން - ބިމޭ .

ތާ ސުކުން (ތް)

ތސުކުން ކިޔެނީ ޢަރަބި ބަހުގައި ޔާގެ ތަޝްޖީދަށް ކިޔޭގޮތަށް ކަމަށް މުޙައްމަދު ޖަމީލު (1979) ބަޔާންކުރައްވައެވެ. ނުވަތަ ދިވެހި ބަހުގައި "ޔ" ގެ ކުރިއަށް ސުކުނެއް ގެނެސްގެން ކިޔޭ ގޮތަށެވެ.

މިސާލު: ނިތްކުރި، ފިތްގަނޑު، ފޮތްގޮނޑި.

ތާސުކުން ކުރެވޭ ޢާއްމު ޤަވާޢިދަކީ ތާސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހަން ބަލާއިރު ތާގައި ފިލިޖެހޭ ކޮންމެ ތަނެއްގައި ތާ ސުކުން ކުރުމެވެ. މިސާލު: ފޮތް - ފޮތޭ ، އަތް - އަތޭ މިއެވެ.

ހަމަ އެފދައިން "ތ" ގައި ސުކުން ކުރަންޖެހޭ ޚާއްޞަ ތަންތަން އެބަހުއްޓެވެ. އެއީ ވ،ކ،ގ،ފ މިހަތަރު އަކުރުން ކުރެ އަކުރެއްގެ އިބިފިއްޔަށް ހުއްޓިފައިވާ ކޮންމެ ނަމަކާއި ކަމެކެވެ.

މިސާލު: ގޮފި - ގޮތްޕެއް ؛ ސޫފި - ސޫތްޕެއް ؛ ރަކި - ރަތްކެއް .

ހަމައެހެންމެ ބގެ އިބިފިއްޔަށް ހުއްޓޭ ނަންވެސް ހިމެނެއެވެ.

މިސާލު: އަނބި- އަނތްބެއް، އޮބި- އޮތްބެއް، ބޮނބި- ބޮނތްބެއް.

ށަވިޔަނި ސުކުން (ށް)

ށަވަނި ސުކުންވެސް ކިޔެނީ އަލިފު ސުކުންވެސް ކިޔާގޮތަށެވެ. އެހެންވެ ހަމައެކަނި އަލިފު ކިޔާގޮތަށް ނުވަތަ ސުކުނުގެ އަޑުއަންނަ ގޮތަށް ވިސްނައިގެން މި ސުކުން ކުރަން އުޅެފިނަމަ ބައެއް ފަހަރު މިސުކުން އޮޅިގެން ނުބައިކޮށް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފޮތްތަކުގައި ށަވިޔަނި ސުކުން ކުރުމަށް ދެ ހަމަ އޮންނަ ކަމަށްވެސް ލިޔުއްވަފައި ވެއެވެ. ނަމަވެސް ގިނަފޮތްތަކުގައި ވާ ލިޔުންތަކުން އެނގުނީ ށަވިޔަނި ސުކުން ކުރެވެނީ އެއްމެ ހަމައެއްކަމެވެ. އެއީ: ސުކުނުގެ ބަދަލުގައި ފިއްޔެއްޖަހަން ބަލާއިރު ށަވިޔަނީގައި ފިލިޖެހޭ ކޮންމެ ތަނެއްގައިމެ، ށަވިޔަނި ސުކުން ކުރުމެވެ. މީގެ މިސާލަކީ، ކުށް – ކުށެއް، ފަސްޖެހުމަށް - ފަސްޖެހުމަށޭ، މަދަރުސާއަށް - މަދަރުސާއަށޭ މިފަދައިންނެވެ.

ށަވިޔަނި ސުކުންޖެހޭ ހަމައާ މެދު ވާހަކަދައްކަމުން އިބުރާހީމް ރުޝްދީ (1934) އާއި، މުޙައްމަދު އަމީން (1947) އާއި، މުޙައްމަދު ޖަމީލު (1979) އާއި، ޢަބުދުޞާދިޤު (1993) ލިޔުއްވާފައިވާ ގޮތުގައި ސުކުންޖެހިފައި އޮތް އަކުރުގެ ބަދަލުގައި ށަވިޔަނީގައި ފިލިޖެހޭ ކޮންމެތަނަކީ، ށަވިޔަނީގައި ސުކުން ކުރަންޖެހޭ ތަނެކެވެ.

މިހެން މިކަން އޮތް ނަމަވެސް ޙުސައިން ޞަލާޙުއްދީން (1926) ހާމަކުރައްވާފައިވާ ގޮތުގައި ށަވިޔަނި ސުކުނަކީ އޭގެ އަޞްލުގައި ލަފުޒުގެ ފަހަތަށް ނޫނީ އަންނަ އެއްޗެއް ނޫނެވެ.

މިސާލު: ބަދިގެއަށް، މަށަށް، މިއެވެ. އެހެންނަމަވެސް، އެ ސުކުން ކުރެވޭ ށަވިޔަނީގައި އުބުފިލި ޖެހި ނަމަވެސް ބަހުގެ މާނައަށް ބަދަލު ނާންނާނޭ ގޮތަށް ދޭދޭ ލަފުޒު އެކުވެގެން އުފެދިފައި ހުންނަ ނަންތަކުގައި ލަފުޒުގެ މެދަށް ށަވިޔަނި ސުކުން ކުރެވޭކަމުގައި ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައި ވެއެވެ.

މިސާލު: ރަށްދެބައިމަގު، އަށްއަޑުބާ ފަދަ މިޘާލުތަކެވެ

(ނުނިމޭ)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
6%
25%
0%
13%
0%
56%
ކޮމެންޓް
21 މެއި 2021 | ހުކުރު 18:16
3232
ވަށައް މައުލޫމާތުވެރި!