ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 17:00
ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަނަސް: އެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ
ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަނަސް: އެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ
ފޭސްބުކް
އަނަސް މަރުގެ މައްސަލަ
އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުން ބުނަނީ އޭރު މާލޭގައި ވެސް ނޫޅޭ ކަމަށް؟!
 
ތިން މީހެއްގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ
 
ހަތަރު މީހެއްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލުމުގެ ދައުވާ
 
އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ

ރ. މީދޫ ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުން އޭރު މާލޭގައި ވެސް ނޫޅޭ ކަމަށް ބުނެ ދައުވާ ލިބޭ ފަސް މީހަކު ދައުވާއަށް އިންކާރުކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި އަނަސް އަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އަނަސް އަށް ހަމަލާދީ މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ މީހުންނަކީ:-

  • ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން
  • މ. ދިމިޝްގު، އުސްމާން ޝަރީފް
  • ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒް
  • މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒު

އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ލިޓަސް ސާވީސް ސެންޓަރު ކައިރިއަށް ސައިކަލުގައި ގޮސް ހަމަލާ ދިނުމަށް ފަހު އެ މީހުން ގޮވައިގެން ސައިކަލުގައި އެ ސަރައްދުން ދިޔަ ކަމަށް ބުނެ އަނަސް މަރާލުމުގެ ބައިވެރިވިކަމުގެ ދައުވާ ތިން މީހެއްގެ މައްޗަށް ކޮށްފައިވެއެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ މީހުންނަކީ:-

  • ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲ
  • ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް
  • ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ

ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވީ ނަމަވެސް ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އޭގެ ތެރެއިން ފަސް މީހެއްގެ މައްސަލަ އެވެ.  ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މަހްފޫޒްގެ ވަކީލް ޗުއްޓީގައި ހުރުމުންނާއި ދައުވާ ލިބޭ ޒަޔާންގެ ވަކީލް ސަސްޕެންޝަންގައި ހުރުމުން އެ ދެ މީހުންގެ މައްސަލަ ހޯމަ ދުވަހު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އަނަސް އަށް ހަމަލާ ދިން މީހެއް ކަމަށް ދައުލަތުން ތުހްމަތުކުރާ އަފްރާހު ބުނީ އެ ހާދިސާ ހިނގި ދުވަސްވަރު އޭނާ އުޅުނީ ރަހުމަތްތެރިންތަކަކާ އެކު ހުޅުމާލޭގައި ކަމަށެވެ. އަދި އަނަސް އަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ދިޔަ ކަމަށް ދައުލަތުން ބުނާ ޖުނައިހް ބުނީ އަނަސް މަރާލި އިރު އޭނާ މާލޭގައި ނޫޅޭ ކަމަށެވެ. ހަމަ އެހެންމެ އަނަސް އަށް ހަމަލާ ދިން މީހެއް ކަމަށް ދައުލަތުން ތުހްމަތުކުރާ ޝާޒް ބުނެފައި ވަނީ އެ ހާދިސާ ހިނގި ވަގުތު އޭނާ އެސަރައްދަށް ނުވެސްދާ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އަނަސްއަށް ހަމަލާ ދިންއިރު ދައުވާ ލިބޭ ބައެއް މީހުން ތިބީ މޫނު ނިވައި ނުކޮށް ކަމަށެވެ. އަދި ހަމަލާދިން ވަގުތު މޫނު ނިވައިކޮށްގެން ބައެއް މީހުން ތިބި ނަމަވެސް އެ މީހުން ހަމަލާދޭން އައި މަގުމަތީގައި ވަކި ހިސާބަކަށް އައީ މޫނު ނިވައިނުކޮށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ލިޓަސް ތެރޭގައި އަނަސް އަށް ހަމަލާދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ވެސް ބައެއް މީހުންގެ މޫނުތައް ފެނެއެވެ.

އެމީހުން ދައުވާއަށް އިންކާރުކޮށްފައިވާއިރު އެމީހުންގެ ދިފާއީ ވަކީލުން ވެސް ވަނީ އެ ދައުވާއަކީ އެމީހުންގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އަދި ދިފާއީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާ މެދު ވެސް ގިނަ ސުވާލުތަކެއް އުފައްދާފައެވެ. 

 

އަނަސްގެ މަރަަށް އިންސާފު ހޯދަ ދިނުމަށް ގޮވާލައި ބޭއްވި އެއްވުމުގައި މީހަކު އަނަސްގެ ފޮޓޯ ހިފައިގެން:- 

ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާފައި ވާތީ އެ ރިޕޯޓް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުން ބުނީ އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ލިޔެފައި އޮންނަ އޮތުމަކީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ކަންކަން ނުނިންމޭނެ ވާހަކަ ކަމަށާއި އެހެން ހެކިތަކުން ބާރު ލިއްބައިދޭ ހާލަތުގައި، ގަރީނާއެއްގެ ގޮތުގައި އެފަދަ ރިޕޯޓެއް ބަލައިގަނެވިދާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ މައުލޫމާތު ހާމަވެދާނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ ރިޕޯޓް ސިއްރުކޮށްފައެވެ. ސިއްރު ހެކިވެރިންގެ ނަންތައް އުނިކުރުމަށް ފަހު ވެސް ދައުވާ ލިބޭ ފަރާތަށް އެ ރިޕޯޓް ދިނުމަށް ދައުލަތުން ދެކޮޅު ހެދިއެވެ.

އަނަސްއަށް ބަޔަކު ހަމަލާދީ އޭނާ މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފައިވާއިރު ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ކުރަނީ ކީއްވެގެންތޯ ދިފާއީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ މީހުން އެ އަމަލު ހިންގާފައި ވަނީ މެރުމުގެ ގަސްދު ނޫން އެހެން ގަސްދެއްގައި ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި މަރުވި މީހާއާއަކީ އަސްލު ހަމަލާދޭން ބޭނުންވި މީހާ ކަމަށް ނުވުމަކީ މެރުމުގެ ގަސްތު ނެތްކަން އަންގައިދޭ ސަބަބެއް ނޫން ކަމަށް ދައުލަތު ވަކީލު ވިދާޅުވިއެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ހަވާލާދީފައިވާ ގާނޫނުގެ ދަށުން ދައުވާ ކުރަން ޖެހޭ މުއްދަތު ހަމަވި ފަހުން ކަމަށް ފަސް މީހުންގެ ވަކީލުން ވެސް ވަނީ ފާހަގަ ކޮށްފައެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހޭނެ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރިއެވެ.

ނަމަވެސް އެ ވާހަކަތަކަށް ރައްދުދެއްވައި، ދައުލަތުގެ ވަކީލު ވަނީ އެ ގާނޫނުގެ ދަށުން ޚާއްސަ ހާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށް ދެވިދާނެ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ހާލަތަށް ބަލައި އެ މައްސަލާގެ ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވާ ބާރުގެ ދަށުން އެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ދައުލަތުގެ ވައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ފާހަގަކުރި ކަންކަމަށް ބަލައި ދެން އޮންނަ އަޑުއެހުމެއްގައި މި ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅުއެވާނެ ކަމަށް މި މައްސަލަ ބައްލަވައި ގާޒީ އާދަމް އާރިފު ވިދާޅުވިއެވެ. އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެ ކުއްޖާގެ ޝަރީއަތް ޖުވެނައިލް ކޯޓުގައި ދަނީ ހިނގަމުންނެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް