ހުކުރު 18 އޮކްޓޯބަރ 2019
01 ހެއި
1441 ސަފަރު 19
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ރާއްޖެ - ޤައުމީ ދުވަސް

ޤައުމީ ދުވަސް އައިއިރު ގައުމީ ބަތަލުންގެ ޒިޔާރަތްތައް ސަރުކާރުން ދަނީ ތަރައްގީގެ ނަމުގައި ހަލާކު ކުރަމުން: ގުޅިފައިވާ ޕާޓީތައް

  • ތަރައްގީގެ ނަމުގައި ސަގާފީ ތަރިކަތައް ދަނީ ހަލާކު ކުރަމުން
  • އަދުލު އިންސާފް ގާއިމް ކުރުމުގައި ހަމަ ހަމަ ކަމެއް ނެތް
  • ގައުމީ ދުވަސް އައިއިރު ހުރިހައި ސިޔާސީ ލީޑަރުން ވަނީ ވަނީ ދިގުމުއްދަތަކަށް ޖަލަށްލާފައި

ސަހުބާން ފަހުމީ
sahubaan

ކ. މާލެ 19 ނޮވެންބަރު 2017 | އާދީއްތަ 16:08 2,358

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން - ޓްވިޓަރ

ގައުމީ ދުވަސް އައިއިރު ދިވެހި ޤައުމީ ބަތަލުންގެ ޒިޔާރަތްތައް މި ސަރުކާރުން ތަރައްޤީގެ ނަމުގައި ހަލާކު ކުރައްވަމުންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

 

ގައުމީ ދުވަހުގެ މުނާސަބަތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޤައުމީ ދުވަސް އައިއިރު ޤައުމިއްޔަތުގެ ބަހާތައް ކަމުގައިވާ އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހިންގެ ޤުދުރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ ބަދަލުގައި، ދިވެހިރާއްޖޭގައި ހުރި ސަގާފީ މިސްކިތްތަކާއި، އަލިރަސްގެފާނާއި އަދި މިދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނު ފަދަ ދިވެހި ޤައުމީ ބަތަލުންގެ ޒިޔާރަތްތައް ސަރުކާރުން ދަނީ ހަލާކު ކުރަމުންދާ ކަމަށެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ ޢަދުލު އިންސާފާ ޤާނޫނުގެ ޙުކުމް ހަމަ ހަމަ ކަމާއި އެކު ދިވެހި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް ނުބުނެވޭނެ ހާލަތަކަށް ނުފޫޒާއި ބާރުން ވަނީ ގެންގޮސްފައި ކަމަށެވެ. ހަމައެހެންމެ މިސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާ ވަނީ އިންތިހާއަށް އިތުރުވެފައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މިލްކިއްޔާތުން މެދުކެނޑުމެއްނެތި ތަރައްޤީގެ ނަމުގައި ހިންގާ ބޮޑެތި ޙިޔާނާތުގެ ސަބަބުން ދިވެހީން މިއަދު ވަނީ ދަރަނިވެރި ވެފައެވެ. ހަމަ އެހެންމެ ޚާރިޖީ ސިޔާސަތު ހަރުދަނާ ނުވުމުން ދިވެހިރާއްޖެ އާއި ދިވެހީން ބޭރުދުނިޔޭގައި ދަނީ އެކަހެރިވެ ނިކަމެތި ވަމުންނެވެ.

 

ބަޔާނުގައި ބުނެފައިވާ ގޮތުގައި ގައުމީ ދުވަސް އައިއިރު ޤައުމު އިސްލާހުކުރަން ނިކުމެވަޑައިގެން ކޮންމެ ލީޑަރެއް ވަނީ ބަންދުކުރެވިފައެވެ. ނުވަތަ އިންސާފުވެރި ނޫން ޝަރީއަތަކަށްފަހު ބޮޑެތި ހުކުމްތައް ކުރެވިފައެވެ. ހަމައެހެންމެ ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުންނަށް ދަނީ މެދުކެނޑުމެއްނެތި ބޮޑެތި އަނިޔާތައް ލިބެމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން މިދާ ސިޔާސީ އަދި މަދަނީ ޙައްޤުތައް ރައްކާތެރިކޮށް، ޤައުމު ބިނާކުރުމަށްޓަކައި ޤައުމާއި ރައްޔިތުންގެ ތަރައްޤީ ގެނައުމަށްޓަކައި ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ގެންނަންޖެހޭ ކަމަށް ގައުމީ ދުވަހުގެ މުނާސަބަތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ޤައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ޤައުމުގެ މިނިވަން ކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި ދިވެހި ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަން ހިފަހައްޓައި، ދިވެހީންގެ ޤުދުރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރިކޮށް، ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެށްޓެއް ޤާއިމްކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ހަރުދަނާކޮށް، ސިޔާސީ ލީޑަރުން މިނިވަންކޮށް ޢަދުލު އިންސާފު ކަށަވަރު ކުރުމަކީ އެންމެންގެ ޤައުމީ ވާޖިބެއް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ޤައުމުގެ މިހާރާއި މުސްތަޤްބަލަށްޓަކައި އިތުރު ޢަޒުމަކާއެކު މިސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި ނިކުތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް