ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުއަށް ތާއީދުކުރުމަށް ނިންމައި ޕީއެންސީއާއެކު އަދާލަތު ޕާޓީން ކޯލިޝަން ހަދައިފި
16 ނޮވެމްބަރު 2026 | ހޯމަ 14:39މި ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތާއި 2028 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކުރުމަށް ނިންމައި، ޕީއެންސީއާއެކު އަދާލަތު ޕާޓީން ރަސްމީކޮށް ކޯލިޝަން ހަދައިފި. މި ނިންމުން ނިންމީ އިސްލާމީ ދީނާއި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ތާއީދުކުރުމުގެ ގޮތުން ކަމަށް އެ ޕާޓީން ބުނޭ. މި އެއްބަސްވުމުގައި ދެ ޕާޓީގެ އިސްވެރިން މިއަދު ވަނީ ސޮއިކުރައްވާފައި


ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުއަށް ތާއީދުކުރުމަށް ނިންމައި ޕީއެންސީއާއެކު އަދާލަތު ޕާޓީއިން ކޯލިޝަން ހަދައިފި | ޕީއެންސީ
ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމައި، ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އަދާލަތު ޕާޓީ އިން ކޯލިޝަން ހަދައިފި އެވެ.
ހޯމަ ދުވަހު ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާން އެވެ.
ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު އިއްތިހާދުވުމަށް ނިންމައި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ނެރެފައި ވަނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
މި ނިންމުން ނިންމި ސަބަބުތަކަށް އަލިއަޅުވާލަމުން އަދާލަތު ޕާޓީން ބުނީ، ރައީސް މުއިއްޒުގެ ވެރިކަމުގައި އިސްލާމް ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިގުތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަކީ ވެސް މި ނިންމުން ނިންމި މުހިންމު ސަބަބެއް ކަމަށް އެ ޕާޓީން ބުނެ އެވެ.
މި އިއްތިހާދުގެ ދަށުން 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު މަސައްކަތް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމާފަ އެވެ.











