ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!
15 ސެޕްޓެމްބަރު 2026 | އަންގާރަ 14:51އާރްޑީސީގެ 1200 އެއްހާ މުވައްޒަފުން އަލަށް އުފެއްދި އައިޑީއެސް ކުންފުންޏަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. މި ބަދަލާއެކު ކުންފުނީގެ އައު އޮނިގަނޑާއި މުސާރަ ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު، މުވައްޒަފުންނަށް ޕީއެންސީއަށް ސޮއިކުރުމަށް މަޖުބޫރުކުރާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި


އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި | އާރްޑީސީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައިޓް ސައިޒް ކުރުމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލުމަށްފަހު 1200އެއްހާ މުވައްޒަފުން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)އަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ކިޔާދިން ގޮތުގައި، އާރްޑީސީގައި މަތިފަޑީގައި ތިއްބެވި ހުރިހާ ބޭފުޅުން އައިޑީއެސް އިސް މަގާމުތަކަށް ބަދަލު ކުރާނެ ކަމަށާއި، ސަރުކާރުގެ ޕާޓީ ޕީއެންސީއަށް ސޮއިކުރާ މުވައްޒަފުން ވެސް އެކުންފުންޏަށް ބަދަލުކުރާނެ ކަމަށެވެ.
އެގޮތުން މިހާރު ވެސް 1000 އާއި 1200 މުވައްޒަފުން އައިޑީއެސްއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެފަރާތުން ބުނީ، ހޯމަ ދުވަހު ކުންފުނީގެ ސްޓްރަކްޗަރ ފާސްކޮށްފައިވާ ކަމަށާއި، އަންގާރަ ދުވަހު މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އަށް ވެސް ފޮނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ހަރަދު ކުޑަ ކުރުމުގެ ނަމުގައި އާރްޑީސީ އުވާލައި، އެ ކުންފުނީގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން އެހެން ކުންފުންޏަކަށް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، އައިޑީއެސްއަކީ ރައީސް މުއިއްޒު 2025 ވަނަ އަހަރު އުފައްދަވާފައިވާ އައު ކުންފުޏެކެވެ. މި ކުންފުންޏަށް 2026 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 20,000,000 (ވިހި މިލިއަން) ދިވެހި ރުފިޔާ ކަމަށްވާއިރު، މިއަހަރުގެ ބަޖެޓުގައި މި ކުންފުންޏަށް ސީދާ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެއް ނުވެ އެވެ.
ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މީހުން ގިނަ ސަރަހައްދުތަކާއި އަދި އެހެނިހެން ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. ސަރުކާރުގެ އިގުތިސާދީ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން، މި ކުންފުނިން ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި، ކާސްޓިން އަދި އެއާއި ގުޅުންހުރި މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ.
ނަމަވެސް އާރްޑީސީ އާއި ފެނަކަ އުވާލުމަށް ސަރުކާރުން ދެއްކި އެއް ވާހަކައަކީ އެއް މަސައްކަތެއް ކުރާ ކުންފުނިތަކެއް ތަކުރާރުވެފައިވުމުން ދައުލަތުގެ ހަރަދު ބޮޑުވުމެވެ.








