ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 15:55
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް، މީގެ ކުރިން ބޭއްވި ކޮމެޓީގެ ބައްދަލުވުމެއްގައި (މެދުގައި)
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް، މީގެ ކުރިން ބޭއްވި ކޮމެޓީގެ ބައްދަލުވުމެއްގައި (މެދުގައި)
މުހައްމަދު ޝަރުހާން
މަޖިލިސް ކޮމެޓީ
އައްޑޫ ކަރަންޓް މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ވެރިން ހާޒިރު ކުރާ ކޮމެޓީ މާދަމާ ބާއްވަނީ
ކޮމެޓީގެ ބައްދަލުވުން އޮތީ ބުދަ ދުވަހު 13:00 ގައި
ކަރަންޓްގެ މައްސަލައިގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި

އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވަމުންދާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް، އެ ކޮމެޓީގެ ބައްދަލުވުން ބުދަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންގެ އިސް ވެރިން ހާޒިރުކުރާ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުން ބުދަ ދުވަހުގެ މެންދުރު 13:30އަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދަށް އެޑްރެސް ކުރައްވާ ހުށަހަޅާފައިވާ ސިޓީގައި ވަނީ އައްޑޫ ސިޓީގައި ތަކުރާރުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެ ކޮންމެ ދުވަހަކުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ތަކުރާރުކޮށް ކަރަންޓް ކެނޑެމުން ދިއުމުގެ ސަބަބުން ރައްޔިތުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވަމުންދާތީ ރަށުގެ ރައްޔިތުން ކަންބޮޑުވާ  ކަމަށެވެ. މީގެ އިތުރުން ފެން ލިބުމުގައި ދަތިވެ، ކޮންމެ ދުވަހަކު އެތައް ގަޑި އިރުތަކެއް ރައްޔިތުން އަނދިރީގައި އުޅެންޖެހޭ  ކަމަށް މި ސިޓީގައި ބަޔާން ކުރައްވަފައިވެ އެވެ.

މި ދުވަސްވަރަކީ އޯ ލެެވެލް އިމްތިހާނު ކުރިއަށްދާ ދުވަސްވަރަށްވެފައި ކަރަންޓް ނެތުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ .އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ބާރު އެޅުމަށާއި މިފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ހާޒިރުކޮށް ސުވާލު ކުރުމަށް އެދޭ ކަމަށް ސިޓީގައި ބަޔާން ކުރައްވާފައިވެ އެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައިވާއިރު މިދިޔަ ހަފްތާގައި ސްޓެލްކޯ އާއި ފެނަކައާއި އެމްޑަބްލއިުއެސްއީ ގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް  ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު ބޮޑުވާ މައްސަަލައަށް ހައްލެއް ހޯދުމަށް އެފަރާތްތަކުގައި އެދިފައިވެއެވެ. އެ ބައްދަލުވުމުގައި ކަމާބެހޭ އިދާރާތުގެ އިސްވެރިން ވިދާޅުވީ ރަށްރަށުގައި ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ބޮޑުވާ މައިގަނޑު ސަބަބަކީ ޚިދުމަަތް ފޯރުކޮށްދިނުމުގައި ޚަރަދު ބޮޑުވުމާއި ޚިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް