ހޯމް ސްކޫލިންގ ކޮންސެޕްޓް ގެނައުމުގެ ސަބަބުން ވަރަށް ގިނަ ކުދިން ތައުލީމީ ނިޒާމުގެ ތެރެއިން ބާކީވެގެންދާނެ: އިހުސާން
3 ނޮވެމްބަރު 2026 | އަންގާރަ 08:25ތައުލީމީ ޤާނޫނަށް ހުށަހަޅާފައިވާ ހޯމް ސްކޫލިންގ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެއީ ކުދިންގެ އިޖުތިމާއީ ތަރުބިއްޔަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ގޭގައި ތައުލީމު ދެވޭނެ އިންތިޒާމު މިހާރުވެސް އޮތްއިރު، މި އިސްލާހުގެ ފަހަތުގައި ފޮރުވިފައިވާ މަޤްސަދުތަކެއް ހުރި ކަމަށް ބެލެވޭ ކަމަށް


އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން | ރާއްޖެ އެމްވީ
ހޯމް ސްކޫލިންގ ކޮންސެޕްޓް ގެނައުމުގެ ސަބަބުން ވަރަށް ގިނަ ކުދިން ތައުލީމީ ނިޒާމުގެ ތެރެއިން ބާކީވެގެން ގޮސް އެހެން ދިމަދިމާއަށް މިސްރާބު ހިފާތަން ފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އިހުސާން ވަނީ ސަރުކާރު ފަރާތުން ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޯމް ސްކޫލިންގ ކަމަށް އިހުސާން ވިދާޅުވި އެވެ.
ދުނިޔޭގެ ތައުލީމީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން ފޫހިވުމަށާއި ތަދުވާން ވެސް ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އެހެން ކުދީންނާއި ޖެހޭ މައްސަލަތައް ހައްލުކުރަން ވެސް ދަސްކޮށްދޭން ޖެހޭ ކަމަށާއި އެހެން ކުދީންނާއެކު އުޅޭއިރު ރުޅިއައީމަ ރުޅި ކޮންޓްރޯލް ކޮށްދޭން ވެސް ދަސްކޮށްދޭން ޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެހެންކަމުން ސްކޫލްއަށް ކުއްޖާ ގެންދިޔުން އަދި ކޮމިއުނިޓީގައި ކުއްޖާ ބައިވެރިކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
ދަރިވަރުން ސްކޫލްއަށް ނުގެނެސް ދަރިވަރުންނަށް ތައުލީމު ދެވޭނެ އިންތިޒާމްތަކެއް މުޅި ދުނިޔޭގައި ހަމަޖެހިފައި އޮތިސް ފޮތެއް ބަލައިގެން ނުވަތަ ވީޑިއޯއެއް ބަލައިގެން މީހަކަށް ފަތަން ދަސްކުރެވޭ ނަމަ، މީހަކަށް ވީޑިއޯއެއް ބަލައިގެން ނުވަތަ ފޮތެއް ކިޔައިގެން ފަތަން ދަސްކުރެވޭނަމަ ތިޔަ ވިދާޅުވި ނިޒާމް މިތާ އޮތީހީ ކިހިނެއްތޯ ވީޑިއޯއެއް ބަލައިގެން ފޮތެއް ކިޔައިގެން ފަތަން ދަސްކުރާނީ. އޭނައަށް ފަތަން ހަދަން ޖެހޭ ގޮތްތައް ކިޔާ ދެވިދާނެ އަތުގެ މޫވްމަންޓްސް ގެންގުޅެން ޖެހޭނީ މިހެންނޭ ބުނެދެވިދާނެ އެހެން ނަމަވެސް އޭނާ މޫދަށް ލައިފި ކަމުގައި ވަަންޏާ މޫދުގައި ފަތަން ޖެއްސީމަ އޭނައަށް ފެތޭނެތޯއޭމުހައްމަދު އިހުސާން
އިހުސާން ވިދާޅުވީ އެއްވެސް ގޮތަކަށް އެންދުމަތިން ނުތެދުވެވޭ ފަދަ ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ހާއްސަ ހާލަތެއްގެ ދަށުން ގޭގައި ތައުލީމު ފޯރުކޮށްދެވޭނެ އިންތިޒާމުތައް މިހާރު ހުރި ގާނޫނުތަކުގެ ތެރޭގައި ވެސް އެބަހުރި ކަމަށެވެ.
އެހެންކަމުން، ތައުލީމީ ގާނޫނަށް ގެނައި އިސްލާހުގައި ފޮރުވިފައިވާ މަގުސަދުތަކެއް ހުރި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ކަމަށާއި އެކަންކަމުގެ މައްޗަށް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.











