ނުކުޅެދުންތެރިކަމާއި ނަފްސާނީ ހާލަތަށް ބަލައި ގޭގައި ތައުލީމުދޭ ބިލު މަޖިލީހުން ބަލައިގެންފި
2 ނޮވެމްބަރު 2026 | ހޯމަ 09:47ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ގޭގައި ތިބެގެން ކިޔެވޭނެ އުސޫލެއް ކަނޑައެޅުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި، ދަރިވަރުންގެ ހާލަތަށް ބަލައި ހޯމް ސްކޫލިންގް ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ތަފްސީލުތައް ހިމަނާފައިވޭ. މި ބިލުގެ ސަބަބުން ތައުލީމީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު އިތުރަށް ސާފުވެ، ދަރިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނޭ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | މަޖިލިސް
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ގޮތުން ދަތިތައް ހުންނަ ދަރިވަރުންނަށް ގޭގައި ތިބެގެން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވަނީ ފާސްކޮށްފަ އެވެ.
ހުށަހެޅިފައިވާ އިސްލާހުގައިވާ ގޮތުން، ދަރިވަރެއްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތަށް ބަލައި، ހަދާ ހާއްސަ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް ގޭގައި ތައުލީމު ފޯރުކޮށްދިނުމުގެ (ހޯމް ސްކޫލިންގ) ޕްރޮގްރާމެއް ފެށުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ދަށުން ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ވެސް ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދެއްކެވި ސަރުކާރުގެ މެންބަރުން ވިދާޅުވީ، މިއީ ދަރިވަރުންގެ ހައްގުތައް ކަށަވަރުކޮށްދީ ހިމާޔަތްކުރުމަށްޓަކައި ނުހަނު ބޭނުންތެރި ބިލެއް ކަމަށާއި، މިއީ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، މި ބިލާ މެދު އިދިކޮޅު ފަރާތްތަކުން ނުރަނގަޅު ތަސައްވުރެއް އުފައްދަމުންދާކަން ފާހަގަކޮށް ސަރުކާރު މެންބަރުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި ރައްޔިތުންނާ ސީދާ ގުޅުން ހުރި މިފަދަ މުހިންމު ކަންކަމަށް ބަހުސްކުރާއިރު ހަގީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށް ވެސް މެންބަރުން ގޮވާލެއްވި އެވެ.
މި ބިލުގައި ހޯމް ސްކޫލިންގްގެ އިތުރުން، މަދަރުސީ ތައުލީމުގެ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު ވަރަށް ސާފުކޮށް ތަފްސީލުކޮށްދިނުން ހިމެނެ އެވެ. އަދި މި ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ ވެސް މި ބިލުގެ މައިގަނޑު އެއް މަގުސަދެވެ.










