ވާދޫގައި ފެން ބޮޑުވެ ކައުންސިލްގެ މަސައްކަތް ހުއްޓުމަކަށް!
14 އޮކްޓޯބަރު 2026 | ބުދަ 16:21ބޯކޮށް ވާރޭވެހި ގދ. ވާދޫ ކައުންސިލް އިދާރާ އަށް ފެންވަދެ ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ އިދާރާގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައި. ރަށުގެ މަގުތަކުން ފެންހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ވަނީ ކޮށްފައި


އަންގާރަ ދުވަހުން ފެށިގެން ގދ.ވާދޫ އަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ގިނަ ގެއްލުންތަކެއް ލިބިފައި | ރާއްޖެ އެމްވީ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ވާދޫ ކައުންސިލް އިދާރާއަށާއި ސްކޫލުގެ އިތުރުން ބައެއް އާންމު ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އަންގާރަ ދުވަހުން ފެށިގެން އެ ރަށަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ކައުންސިލް އިދާރާގެ އެތެރޭގައި ފެންބޮޑުވެ ވަރަށް ގިނަ ގެއްލުންތައް ވަނީ ލިބިފަ އެވެ. ވާދޫ ކައުންސިލް އިދާރާއިން މައުލޫމާތު ދިން ގޮތުގައި، އެ އިދާރާއަށް ފެން ވަނުމުގެ ސަބަބުން ބައެއް ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި، އޮފީހުގެ ފަރުނީޗަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ގެއްލުންތަކާ ގުޅިގެން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް އަސާސީ ޚިދުމަތްތައް ކުރިއަށް އޮތް ދެތިން ދުވަހު މެދުކެނޑިދާނެ ކަމަށް އަންގާރަ ދުވަހު އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.

ގދ. ވާދޫގެ ގެއަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ | ސޯޝަލް މީޑިއާ
ވާދޫ ކައުންސިލްގެ ރައީސް ލައްމާން ވަހީދު ރާއްޖެއެމްވީ އަށް ވިދާޅުވީ، ވިއްސާރަވާ ކޮންމެ ފަހަރަކުވެސް ކައުންސިލް އިދާރާއަށް ފެންވަދެ މިފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ ކައުންސިލް އިމާރާތަކީ ވަރަށް ކުރީގެ އިމާރާތަކަށް ވެފައި، ބިންގަނޑު ވަރަށް ބޮޑަށް ތިރިކޮށް ހުރުމަކީ ފެންވަންނަން މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަންގާރަ ދުވަހުން ފެށިގެން ގދ. ވާދޫއަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި، އެ ރަށު ކައުންސިލް އިދާރާއަށް ފެންވަދެފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ
ވާދޫގެ މަގުތަކަކީ އަޑިގުޑަން ބޮޑު، ވަޅުގަނޑުތައް ގިނަ މަގުތަކަކަށް ވުމުން، މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށްވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ގދ. ވާދޫގެ މަގުތަކުގައި ހެދިފައިވާ ފެން ހިންދުމުގެ މަސައްކަތް ކުރަނީ | ސޯޝަލް މީޑިއާ
ރަށުތެރޭގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ އަމަލީ މަސައްކަތް އަންގާރަ އަދި ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ވާދޫ އާރުޑީސީގެ މުވައްޒަފުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ފުލުހުން އަދި ރައްޔިތުން ގުޅިގެންނެވެ. އެގޮތުން، އާރުޑީސީގެ މި ޓީމުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ ބުރަ މަސައްކަތްކޮށްފަ އެވެ.
ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.











