ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކާ ގުޅޭ މައްސަލައިގައި 53 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި
15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:57މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކެއް އަތުލައިގަނެ، 826 ފުޅި ބަނގުރަލާއެކު ދިވެއްސަކާއި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި. މި މައްސަލައިގައި އިސްކޮށް އުޅުނު ހ. ކަރޯގެ މުހައްމަދު ރަޝްވާން އައްބާސްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، މި ނެޓްވޯކާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ ތަހުގީގު ފުލުހުން ދަނީ ކުރަމުން


މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު ހައްޔަރުކުރުން | ޕޮލިސް
މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކާއި ބޭރުގެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި އޮޕަރޭޝަންގައި ހެންވޭރުގެ ގެއަކާއި އެ ނެޓްވޯކާ ގުޅުންހުރި އިތުރު ތަންތަން ބަލައި ފާސްކޮށް، ޖުމުލަ 826 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވެނީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް (53އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 އޮކްޓޫބަރު 13 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރުކޮށްފަ އެވެ. މި ތިން މީހުންނަކީވެސް މި ނެޓްވޯކްގެ ތެރެއިން ބަނގުރާ ވިއްކުމާއި އުފުލުމުގައި އަމަލީގޮތުން ބައިވެރިވާ މީހުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންވެސް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ މާލޭގައި ގަވާއިދާ ޚިލާފަށް ބަނގުރާ ވިއްކާ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކީ މާލޭގެ އެކި ސަރަހައްދުތަކަށް ބެހުމަށް ތައްޔާރުކޮށްފައި ހުރި ތަކެތި ކަމަށް ބެލެވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި ނެޓްވޯކްގައި އިތުރު ބަޔަކު ބައިވެރިވާކަން ނުވަތަ ނޫންކަން ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.





