ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 10:20
އެމްޑަބްލިޔުއެސްސީގެ ރަސްމީއްޔާތެއްގެތެރެއިން
އެމްޑަބްލިޔުއެސްސީގެ ރަސްމީއްޔާތެއްގެތެރެއިން
ރައީސް އޮފީސް
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!
އެމްޑަބްލޮޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގެ އެހީ އަށް ލިބުނުފައިސާގެ އަދަދެއް ނޭނގޭ
ހިއްސާ އަނބުރާ ހޯދުމަށް 40 މިލިޔަން ޑޮލަރު ބޭނުންވޭ
ފެން އަގުހެޔޮކޮށްދެވޭނީ އެމްޑީޕީ ސަރުކާރުން ވިއްކި އެމްޑަބްލިޔުއެސްސީގެ ހިއްސާ އަނބުރާ ލިބުމުން

ކަރަންޓެކޭ އެއްފަދައިން ފެނަކީވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެއާ ނުލައި ނޫޅެވޭނެ ޒަރޫރީ ޚިދުމަތެކެވެ. ރާއްޖޭގައި 25 ބުރީގެ ބޮޑެތި އިމާރާތްތައް އެޅޭއިރު، ފެނުގެ ނިޒާމް ރަނގަޅުވާންޖެހެއެވެ. ރަސްމިއްޔާތެއް ބާއްވައި ރައީސް އަބްދުﷲ  ޔާމީން ކަމެއް އިފްތިތާހުކޮށްދިނަސް އަދި އެއީ ކަމެއް ހައްލުވީކީ ނޫނެވެ.

ކުލި ދައްކައިގެން ފެނުގެ ޚިދުމަތް ބޭނުން ކުރާ އެންމެ ގިނަ މީހުން އުޅެނީ މާލޭގައެވެ. މާލޭގައި ފެނުގެ ޚިދުމަތުގެ އަގު ބޮޑުވާ ވާހަކައަކީ އަބަދުވެސް ރައްޔިތުން ދައްކާ ވާހަކައެކެވެ. އެ ވާހަކަ ދެއްކުން އަދިވެސް ނުހުއްޓެއެވެ. ސަބަބަކީ އަގު ކުޑަވެފައިނުވުމުގެ އިތުރަށް އެހެނިހެން މައްސަލަތަކެއް ވެސް ދިމާވާތީއެވެ.

މާލޭގެ ބައެއް އިމާރާތްތަކުގެ މަތީ ފްލޯތަކުގައި އުޅޭ މީހުން ހުކުރު ނަމާދަށް ދިޔުމަށް ފެންވަރާ ކަމުގައިވާނަމަ ހެނދުނު 10:00 ގެ ކުރިން ފެންވަރަން ޖެހޭ ދުވަސްތައް އެބައާދެއެވެ. އެ ހެން ނޫނީ ހުކުރު ނަމާދު ނިމެންދެން ފެން ލިބުންދަތިވާ ފަހަރު އާދެއެވެ.  ހުކުރު ދުވަހު ހެނދުނުން ފެށިގެން ހުކުރު ވަގުތާ ހަމައަށް ތަފާތު އެކި ގަޑިތަކުގައި ފެނުގެ ޚިދުމަތް ބައެއް ފްލޯތަކަށް ނުލިބިދެއެވެ. މިއީ އަބަދުމެ ރައްޔިތުން ކުރާ ޝަކުވާއެކެވެ.

މާލޭގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތްދޭ ކުންފުނި، އެމްޑަބްލިއުއެސްސީން ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކަންތައްތައް ކުރިގޮތުން ފެނުގެ އަގު ކުޑަ ކުރެވެން ނެތް ކަމަށެވެ. ޒަމީރު ވިދާޅުވީ އެ ސަބަބަކީ ބޭރުގެ ބަޔަކަށް އެކުންފުނީގެ ހިއްސާތަކެއް ވިއްކާލާފައިވާތީ ކަމަށެވެ.

ޒަމީރު ވިދާޅުވަނީ މާލޭގެ ރައްޔިތުންނަށް ފެނުގެ އަގު ކުޑަކޮށްދެވޭނީ އެ ހިއްސާ އަނބުރާ ހޯދައިގެން ކަމަށެވެ. އެ ހިއްސާ އަނބުރާ ހޯދަން 40 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއެވެ.

މިއީ ފެނުގެ ޚިދުމަތުގެ އަގު ކުޑަ ނުކުރަން މި ސަރުކާރުން ދައްކާ ބަހަނާއެވެ. ސަރުކާރުގެ ބަހުންނަމަ އަދިވެސް ކުށްވެރި ވަނީ އެމްޑީޕީ ސަރުކާރެވެ. ކުށްވެރި ވަނީ ރައީސް މުހައްމަދު ނަޝީދެވެ. މިއީފަހެ ބޮޑު ޖޯކަކަށް ނުވޭތޯއެވެ.

40 މިލިއަން ޑޮލަރެއްގެ ވާހަކަ ޒަމީރު މިއަދު ކުއްލިއަކަށް ދައްކާއިރު އެމްޑަބްލިއުއެސްސީއަށް އެހީގެ ގޮތުގައި ލިބިގެން ދިޔަ އެތައް މިލިއަން ޑޮލަރުގެ ފައިސާގެ އެހީ އަށް ވީ ކިހިނެތްތޯއެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ޕެނަލް ބޯޑު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އާ ޕެނަލް ބޯޑުތައް ގަތުމަށް އެހީ ބޭނުންވާ ކަމަށް ސަރުކާރުން އިއުލާންކުރުމާ ގުޅިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދީލަތި ފަރާތްތަކެއް އެހީ ދިޔައީ އޮހެމުންނެވެ. ފައިސާގެ އެހީ ފެށުނު އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރެވެ. އެގޮތުން އެތައް ފަރާތަކުން ވަނީ 100 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ. ޖުމްލަ ލިބުނު އަދަދު ސަރުކާރުން ހާމަނުކުރިނަމަވެސް ހީވެސް ނުކުރާ ވަރުގެ ގިނަ އަދަދެއްގެ ފައިސާ އެހީގެ ގޮތުގައި ލިބުނެވެ.

އަލިފާނުގެ ހާދިސާގައި އެ ކުންފުންޏަކަށް ލިބުނު ގެއްލުން މަރާމާތު ކުރަން ފެން ބިލަށް ދައްކާ ފައިސާގެ އިތުރަށް އެހީގެ ގޮތުގައި ފައިސާ ބޭނުންވާ ކަމަށް ސަރުކާރުން ބުނުމުން އެ އެހީވެސް އެ އޮތީ ލިބިފައެވެ. ސަރުކާރުން ލަފާކުރި ގޮތުން އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، ފެނުގެ ޚިދުމަތް އާންމު ހާލަތަށް ގެންނަން ބޭނުން ވަނީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރެވެ. ނަމަވެސް އެއަށްވުރެ އެތައް ގުނައެއް އިތުރަށް ފައިސާގެ އެހީ ލިބިފައިވާއިރު، އެ ފައިސާ އަށް ވީ ކިހިނެތްބާއެވެ. ޕެނަލް ބޯޑު ގަންނަން ޚަރަދުވީ ކިހާވަރެއްތޯއެވެ. ޕެނަލް ބޯޑު ގަނެފައިބާކީ ވީ ކިހާ ފައިސާއެއްތޯއެވެ. ހަމަ ޔަގީނުން ވެސް ސަރުކާރުން އޭރު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެހީގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ބާކީ ހުންނާނެއެވެ. އެ ފައިސާ އަށް ވީގޮތެއް ރައްޔިތުންނަށް ނޭނގުނެވެ.

މިކަން މިހެން ހުއްޓައި މިއަދު ޓޫރިޒަމް މިނިސްޓަރު ޒަމީރު މި ވިދާޅުވަނީ ކީއްކޭތޯއެވެ. މިދައްކަނީ ކޮން ވާހަކައެއްތޯއެވެ. އެ ވިދާޅުވާ 40 މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ނުލިބެނީތޯއެވެ.

އެހެންކަމުން އެހީގެ ގޮތުގައި އެތަކެއް ގުނަ ފައިސާ ލިބިފައިވާއިރު، އެ ފައިސާއަށް ވީ ގޮތެއް ރައްޔިތުންނަށް ބުނެނުދީ، ކަމެއް ނުކުރެވުނީމަ ކުރީގެ ސަރުކާރުތައް ބަދުނާމުކޮށްލަ ކޮށްލާ ތިބީމަ ނިމުނީތޯއެވެ. މިނިސްޓަރު ޒަމީރެވެ. އެމްޑަބްލިއުއެސްސީއަށް އެހީގެ ގޮތުގައި ލިބުނު ފައިސާއަށް ވީގޮތް ވެސް އެނގޭނީ ހަމަ އެމްޑީޕީ ސަރުކާރަށްތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް