ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް އަޅާ ގެތަކުގެ މަސައްކަތަށް ރައީސް މުއިއްޒު ދެއްވި ޑެޑްލައިން ހަމަވާން ގާތްވެފައިވާއިރު ވެސް އެއްވެސް މަސައްކަތެއް ކުރަމުންނުދޭ: ހަނިމާދޫ ކައުންސިލްގެ ރައީސް
21 ސެޕްޓެމްބަރު 2026 | ހޯމަ 14:00ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށްޓަކައި އަޅާ ގެތަކުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާކަމަށް ހަނިމާދޫ ކައުންސިލުން ވަނީ ބުނެފައި. އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށޭއިރު، ހިރިމަރަދޫ ކައުންސިލަށް ދެ ޕޮލިޓިކަލް ޑައިރެކްޓަރުން އައްޔަނުކޮށްފައިވާކަން ވެސް އެ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައި

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްއަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ ދެއްވި އިންޓަވިއު | ރާއްޖެ އެމްވީ
ސަރުކާރުން ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް އަޅާ ގެތަކުގެ މަސައްކަތް ނިންމާ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޑެޑްލައިން ހަމަވާން ގާތްވެފައިވާއިރު ވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ މިކަން ހާމަކުރެއްވީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގަ އެވެ. އެގޮތުން ރައީސް މުއިއްޒު 18 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވި ނަމަވެސް، 18 މަސް ދުވަސް ވާން ގާތްވެފައިވާއިރު އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އެތަނުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުށްގަސް ނެގުމުގެ މަސައްކަތް އެ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. އަދި އެނޫން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.
އަންގާފައި އޮންނަނީ ހިރިމަރަދޫގެ ވާހަކަ އަހާފިއްޔާ ބުނާށޭ ވަރަށް ބާރަށް މަސައްކަތް ކުރިއަށް ދެޔޭ. އެހެންނެ ނުބުނެވޭނެ ދޯ، ނުދޭ ކުރިއަކަށް، އެއްވެސް މަސައްކަތެއް ނުކުރޭއަލީ އިބްރާހީމް
ހދ. ހިރިމަރަދޫ ރައްޔިތުންނަށް އެ އަތޮޅު ހަނިމާދޫގައި ގެ އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ރައީސް މުއިއްޒު ހަވާލުކުރެއްވީ 2025 ވަނަ އަހަރު އޮގަސްޓް މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ހިރިމަރަދޫގެ ދުއިސައްތައެއްހާ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި ގޯއްޗެއް އޮތް ކޮންމެ ރައްޔިތަކަަށް ހަނިމާދޫއިން ގޯއްޗެެއް ދެއްވާނެ ކަމަށާއި އެ ގޯތީގައި ގެއެއް ވެސް އިމާރާތްކޮށް ދެއްވާނެ ކަމަށެވެ. އަދި 18 މަސްދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ހަނިމާދޫގައި ވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ކައުންސިލްގެ ރައީސް އަލީ ފާހަގަކުރެއްވި އެވެ. އަދި ކައުންސިލްގެ ފަރާތުން މި މަޝްރޫއަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން އުވާލައްވާފައިވާ ހިރިމަރަދޫ ކައުންސިލަށް ދެ ޕޮލިޓިކަލް ޑައިރެކްޓަރުން އައްޔަނުކުރެއްވިކަން އަލީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ފުރަތަމަ ސިޓީ ފޮނުވީ ފަހަރަކު ބޭފުޅެއްތާ ސިޓީ ފޮނުވާނީ ޖުވޭރިއާ އަންނާތީ ދެން އަޅުގަނޑުމެން ހީކުރީ އެކަކެއް ކަމަށް އެކަމަކު ދެން ފަހުން ބަލާލިއިރު އެނގިއްޖެ ދެ ބޭފުޅުންކަން، ދެ ޖުވޭރިއާއެއް މި އައްޔަނު ކުރީ އައްޔަނުކޮށްފައި މިއޮތީ ކުރީގެ ވެސް ކައުންސިލް މެންބަރަކާއި ޑަބްލިއުޑީސީ ރައީސާ އާއި އެއީ ޕީއެންސީއަށް. އެބޭފުޅުންގެ ފަރާތުން ގުޅާލީމަ އެނގުނު އަދި އެއް ބޭފުޅަކު އައްޔަނުކުރާކަން ދޯ ކައުންސިލުން ގުޅާފައި އެންގީމަ ބުނި އަދި އެއްބޭފުޅަކު އައްޔަނުކުރާނެ އޭއަލީ އިބްރާހީމް
އަލީ އިތުރަށް ވިދާޅުވީ ހިރިމަރަދޫ ކައުންސިލަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ތިބެވޭނެހެން އެ ރަށު ކައުންސިލް އިމާރާތުގައި ސިސްޓަމް ލާފައި ކެބިން ތައްޔާރުކުރަން އެންގުމުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.




