ތެލުގެ އަގު ފީފާއަކަށް 107 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
14 ސެޕްޓެމްބަރު 2026 | ހޯމަ 04:40ހޫޘީން ސައުދީ އަރަބިއްޔާގެ ތެޔޮ ހޮޅިތަކަށާއި އުޅަނދުފަހަރަށް ދޭންފެށި ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން އިންސައްތައަށްވުރެ މައްޗަށް އުފުލިއްޖެ. ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެފައިވަނީ ސައުދީގެ މުހިންމު ޕައިޕްލައިނެއް ބަންދުކުރުމުން، ދުނިޔެއަށް ބޭރުކުރާ ތެލުގެ ހަތަރެއް އިންސައްތައަށް އޭގެ ނުރައްކާ އޮތުމުން

ކެރީބިއަންގެ ބާބަޑޯސްގެ ބްރިޖްޓައުންގައި ތެލާއި ކެމިކަލް އުފުލާ "ޓްރޭޑްވިންޑް އެޑްވެންޗަރ" ނަމަކަށް ކިޔާ ޓޭންކަރެއް ބަނދަރުކޮށްފައި އޮތް މަންޒަރު. | އެލަމީ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހޯމަ ދުވަހު ތިނެއް އިންސައްތައަށްވުރެ މައްޗަށް އުފުލިފައިވާއިރު، ބްރެންޓް ކުރޫޑްގެ އަގު 3.21 ޑޮލަރު ނުވަތަ 3.1 އިންސައްތަ އިތުރުވެ، ގްރިނިޗް މީން ޓައިމުން 03:40 ހާއިރު ތެޔޮ ފީފާއެއްގެ އަގު ވަނީ 107.82 ޑޮލަރަށް އަރާފަ އެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއު.ޓީ.އައި) ކުރޫޑްގެ އަގު ވެސް ވަނީ 3.17 ޑޮލަރު ނުވަތަ 3.2 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 103.22 ޑޮލަރަށް އަރާފަ އެވެ.
ތެލުގެ އަގަށް މި ބަދަލު އައިސްފައިވަނީ، ހޫޘީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދޭން ފެށި އާ ހަމަލާތަކާއި ގަލްފް ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، ޑްރޯން ހަމަލާއަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް އޮއިލް ޕައިޕްލައިން ވަގުތީގޮތުން ބަންދުކުރުމަކީ ވެސް އަގު އުފުލުމަށް މެދުވެރިވި ސަބަބެކެވެ.
ހުރްމުޒް ބޭނުންނުކޮށް ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މި ޕައިޕްލައިން ބަންދުކުރުމުގެ ސަބަބުން، ދުނިޔެއަށް ސަޕްލައިކުރާ ތެލުގެ ހަތަރެއް އިންސައްތައަށް ނުރައްކާވެދާނެ ކަމަށް ބެލެވެ އެވެ.










