ޗިލީގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގައި ރޯވެ 16 މީހުން މަރުވެއްޖެ
13 ސެޕްޓެމްބަރު 2026 | އާދީއްތަ 04:02ޗިލީގެ އަރައުކޭނިއާގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ވަނީ މިފަދަ މަރުކަޒުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުއްލި ފިޔަވަޅުތަކެއް އެޅުމަށް އަމުރުކުރައްވާފައެވެ.


ޗިލީގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބައިތިއްބާ މަރުކަޒެއްގައި ރޯވެ އަނދާފައިވާ ސަރަހައްދުގައި އަލިފާން ނިއްވާ ޓީމުގެ މީހުން ހަރަކާތްތެރި ވަނީ | އޭއެފްޕީ
ޗިލީގެ ދެކުނުގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ތަނުގައި ދިރިއުޅެމުން ދިޔަ 16 މީހަކު މަރުވެ، އިތުރު ބަޔަކަށް ހަސްފަތާލުގައި ފަރުވާދޭން ފަށައިފި އެވެ.
ވެރިރަށް ސެންޓިއާގޯއާ ގާތްގަނޑަކަށް 640 ކިލޯމީޓަރު ދުރުގައި އޮންނަ އަރައުކޭނިއާ ސަރަހައްދުގެ ޕިޓްރޫފްކެންގައި ހުންނަ މި މަރުކަޒުގައި އަލިފާން ރޯވީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަލިފާން ނިއްވާ މީހުންނަށް މި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
އެ ސަރަހައްދުގެ ސަރުކާރުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ މަރުކަޒުގައި އުމުރުން ދުވަސްވީ 26 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ސަލާމަތްވި 10 މީހަކަށް މިހާރު އެ ސަރަހައްދުގެ ހަސްފަތާލެއްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަމިއްލަ ފަރާތަކުން ހިންގާ މި މަރުކަޒަކީ ގަވާއިދާ ޚިލާފަށް ހިންގަމުން ދިޔަ ތަނެއް ކަމަށާއި، 2019 ވަނަ އަހަރުން ފެށިގެން އެ ތަނާ ދެކޮޅަށް އިދާރީ ފިޔަވަޅުތައް އަޅައި ޖޫރިމަނާ ކުރަމުން ގޮސްފައިވާ ކަމަށް ސަރަހައްދީ ސިއްހީ އޮފިޝަލެއް ކަމަށްވާ ހޯސޭ ބްރާވޯ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ ވަގުތުގައި މުޅި އިމާރާތުގައި އަލިފާން ހިފާފައިވާއިރު، އަލިފާން ނިއްވާ މީހުން ދިޔައީ ފެން ބޭނުންކޮށްގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ސިޓީ ކައުންސިލުން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ. ޕިޓްރޫފްކެންގެ މޭޔަރު ޖެކޮލިން ރޮމޭރޯ ވިދާޅުވީ، ކައުންސިލްގެ ސިއްހީ އަދި އާންމު ރައްކާތެރިކަމާ ބެހޭ ޓީމުތަކާއި، އަލިފާން ނިއްވާ މީހުންގެ އިތުރުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އަނިޔާ ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އަދި، އެ މަރުކަޒުން ގަވާއިދުތަކަށް އަމަލުނުކުރާކަން ފާހަގަކުރެވި، ސިއްހީ މިންގަނޑުތަކާ ޚިލާފުވުމުގެ މައްސަލަތަކެއް ހުރުމުން، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެ ތަން އިންސްޕެކްޓްކޮށް ބަލައި ފާސްކުރުމަށް އެދި ފެބުރުވަރީ މަހު ކައުންސިލުން ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ. އެ ސަރަހައްދުގެ ޕްރޮސިކިއުޓަރު ހޯހޭ ގްރަނާޑާ ވިދާޅުވީ، ތަހުގީގު ކުރާ ފަރާތްތަކުން އެ ސަރަހައްދު ބަލައި ފާސްކުރަމުންދާ ކަމަށާއި، އަލިފާން ރޯވި ގޮތާއި މި ކަމުގައި އެއްވެސް މީހެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް މީހުންނާ ސުވާލު ކުރަމުންދާ ކަމަށެވެ.
ޗިލީގެ ރައީސް ހޯސޭ އެންޓޯނިއޯ ކާސްޓް ވިދާޅުވީ، މި މަރުތަކާ ގުޅުންހުރި ހުރިހާ ކަމެއް ފުރިހަމައަށް ތަހުގީގު ކުރުމަށް ގޮވާލައްވާފައިވާނެ ކަމަށެވެ. އަދި، ޗިލީގެ އެކި ކަންކޮޅުތަކުގައި ހުރި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މި ފަދަ މަރުކަޒުތަކުގެ ހާލަތު ވަޒަންކުރުމަށާއި، މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް "ކުއްލި ފިޔަވަޅުތަކެއް" އެޅުމަށް އަމުރުކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ، އެފްއައިއެސް މާސްޓާސް އަލްޕައިން ސްކީންގ ވޯލްޑް ކަޕްގެ ބައިވެރިން ތަމްރީނު ހެދުމަށް މަޑުކޮށްގެން ތިބި ޗިލީގެ ހޮޓެލް އަލްޓޯ ނެވާޑޯސްގައި އަލިފާނުގެ ހާދިސާއެއް ހިނގިތާ ހަފުތާއެއް ވެސް ނުވަނީހެވެ.
މަސްދަރު: އަލް ޖަޒީރާ









