ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:49ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ގާތް ފަރާތްތަކާއި އިސް ސިޔާސީ ފަރާތްތައް ސަރުކާރުގެ ތެރެއިން އެކަހެރިކޮށް ބާކީކުރަމުންދާކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މިގޮތުން ރައީސް ޔާމީނާއި އަހުމަދު ނާޒިމް އަދި މުހައްމަދު ރަމީޒް ފަދަ ބޭފުޅުންނަށް އަމާޒުކޮށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ މިކަމުގެ ހެއްކެއް


ރައީސް ޑރ. މުަހައްމަދު މުއިއްޒު | ރައީސް އޮފީސް
ކޮންމެ ވެރިކަމެއްގައި ވެސް ބާރުގަދަ ވަކި ވަޒީރުންތަކެއް ތިބެ އެވެ. ވެރިކަން ދަމަހައްޓަނީ އެމީހުން ކަމަށް ވެރިޔާ ގަބޫލު ކުރެ އެވެ. އެ ވަޒީރުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރުވަ އެވެ. ވެރިކަން ވެއްޓުނަ ނުދީ ހިފަހައްޓާ ކައްތިރިން ކަމަށް ބަލައިގެންނެވެ. އެވަޒީރުންނާހެދި އެހެން މީހުންގެ އޮފް ކެނޑިދެ އެވެ. ނޫންނަމަ އެމީހުންގެ ބޭނުން ވެސް ކެނޑިދެ އެވެ. އިސާހިތަކު އެތެރެކޮއިލުންނާއި މުޅި ސަރުކާރުގެ ވަސް ހިސާބުން ވެސް އެބަޔަކު އެކަހެރި ކުރެ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު އެކަން ފެށުނެވެ. އެހެން ވެރިންނަށްވުރެ އަވަހަށެވެ. ވެރިކަމަށް ގެނައުމަށް މަރުދަންޖެހުނު މީހުން އެއްފަރާތް ކުރަން ފެށުނެވެ. އަތްމައްޗަށް މަޖިލިސް އެރުމާއެކު އެކަން މެކުހަށް ޖެއްސެވި އެވެ. ވެރިކަން ހޯދައިދޭން ގުރުބާންވީ މީހުން ނަގާ އެއްލާލި އެވެ.
ރައީސް ޔާމީނާ ހަމައިން ފަށާނަމެވެ. ގާތުގައި މިހާރު ގެންގުޅޭ ކުދިންކޮޅު ލައްވައި ކިތައްމެ އެއްޗެއް ގޮވިއަސް މުއިއްޒުގެ ވެރިކަމަކީ "ރައީސް ޔާމީން" ޖެހި ހުސްގޮނޑިއެއް ވިއްކައިގެން ގެނައި ސަރުކާރެކެވެ. އެއްވެސް ރަށެއްގައި އެއްވެސް ސްޕީޗެއް އެމަނިކުފާނުގެ ނަންފުޅު ނުގެނެސް މުއިއްޒު ފަށްޓަވާފައެއް ނުވެ އެވެ. ނިންމަވާލައްވަމުންނާއި މެދު ތެރެއިން ވެސް އެމަނިކުފާނުގެ ވާހަކަ ގެންނަވަ އެވެ.
ވެރިކަމުގައި ރަނގަޅަށް ފައިހަރުލުމާއެކު ޔާމީން އެހެރީ ހަފޮޅުން ބޭރުވެފަ އެވެ. މުއިއްޒުގެ ބަހުންނަމަ "ހަރާމް ހުކުމެއްގައި" ހުންނެވި ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ޔާމީން އެ ހުންނެވީ ޝަރީއަތް ހިނގަހިނގާއޮތް " ވާނުވާ" އެއްގަ އެވެ. އަދުތޯ މާދަން ވެފަ އެވެ. ނުވިތާކަށް ޔާމީނާ ގުޅުވައިގެން އޭރު އިދިކޮޅު މީހުން ދެއްކި ވާހަކަތައް ނަފީކުރި މީހުން މުއިއްޒު ގާތުގައި ތިބެ އެދަނީ އެއީ ހަގީގަތް ކަމަށް ބުނެ އެކަންކަމުގެ އަސްލު ތަފްސީލްތައް ކިޔައިދެމުންނެވެ. މުއިއްޒުގެ އަތެއް ނެތި އެއީކީ އެވެރިންނަށް ވެވޭނޭ ކަމެއް ނޫނެވެ.
މޭޔަރުކަމަށް ވަޑައިގެންނެވުމާއެކު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ މަސައްކަތް ފެއްޓެވި އެވެ. އެކަމުގައި އެންމެ އަރިސް އެއް ބޭފުޅަކީ ރަމީޒެވެ. ޕީޕީއެމް ތެރެއިން ޓިކެޓް ހޯދުމުގަ އެވެ. އޭނާގެ މަސައްކަތާ ހުރެ ޕާޓީން ބޭރު ވެސް ކުރެވުނެވެ. އެކަމަކު ކުޑަތަންކޮޅެއް ދޫވެސް ނުކޮށް ރަމީޒް ކުރި މަސައްކަތާއެކު ޓިކެޓް ކަށަވަރުކުރި އެވެ. އެކަމުގެ ރޭވުންތަކާއި ހަގީގީ މަސައްކަތްތައް ދިމްޔާތުގައި ކުރިއަށް ގެންދިޔައިރު އެންމެ އިސް އެކަކީ ރަމީޒެވެ.
ރަމީޒް ބޭރުކުރީ ހިތި އެހާމެ ނިކަމެތި ގޮތަކަށެވެ. ގެންގޮސް ޖަލުގެ ތޭރިތަކުގެ ފަހަތައް ރަމީޒް ނުލިނަމަވެސް ރަމީޒްގެ ގާތުންބޯ ވަރުގެ ދަރިފުޅުގެ މަންމަ އެދަރިއާ ވަކިކޮށް ޖަލުގައި ބޭއްވި އެވެ. ކުދަދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ވެސް ނެތް އިހާނެތި ގޮތުގަ އެވެ. ރަމީޒުވެސް ބޭރުކޮށްލީ އެވެ.
މަޖިލިސް ވެރިކަމަށް ގެނައުމުގައި އިސްރޯލެއް ކުޅުނު އަދި ފަހުން މަޖިލިސް ތެރެއިން ވެސް ވެރިކަން ހިފެހެއްޓުމުގައި މުހިއްމު ރޯލެއް ކުޅުނު މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް އެވަނީ އެކަހެރި ކުރެވިފަ އެވެ. އޭނާގެ ގޮނޑިއާމެދު ވެސް އަދުތޯ މާދަންތޯ ކުރުވާފަ އެވެ. އިތުރަށް އުޅެވޭ ގޮތަކުން ޕާޓީން ބޭރުކޮށް ގޮނޑި ވެސް ގެއްލުވާނެ ކަމުގެ ބިރު ދައްކަފަ އެވެ.
މިހާރު އަލުން ފެނަށް ދިރިފައި ހުއްޓަސް މަޖިލިސް ރައީސް އަބްދުއް ރަހީމް ވެސް އިހަށް ދުވަހާ ހަމައަށް ހުރީ ވަރަ ކޮށާލާފަ އެވެ. ޕާޓީ ހިންގުމުން އެއްފަރާތް ކުރުވާ އަނގައިގައި ޓޭޕް އަލުވާފަ އެވެ. ވަޒީރުކަމުން ދަރިފުޅު ދުރުކުރުމުން ވެސް އިތުރު ގޮތެއްނެތި އަބްދުއް ރަހީމް ވެސް އެ ހުންނެވީ ހަމަ ކިރިޔަ ކިރިޔާ އެވެ.
ކޮންމެއަކަސް މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ލިސްޓު ދިގުކުރުމުގެ ބޭނުމެއްނެތެވެ. ބުނާތީ އަޑުއަހަމެވެ. މުއިއްޒުގެ ކެބިނެޓުން ބައެއް މީހުން ޖާގަ ހޯދީ ބޮޑު އަގުދީފައި ގަނެގެންނެވެ. ބާރުގަދަވެ އިސްމީހުންނަށްވީ އެހެން ވެގެންނެވެ. އެ އިސްވަޒީރުން ނުރުހުނީމާ ބޭރުކުރި މީހުން މަދެއް ނޫނެވެ. އެވެރިން ނުރުހިގެން ޖަލަށް ދާން ޖެހުނު މީހުންނާ ވެސް އެކުގަ އެވެ. މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު ގުރުބާނީއެއްވީ މީހުން އެވަނީ އެއްލާލެވިފަ އެވެ. އޭގެ ދިރިހުރި އެއް މިސާލަކީ އަމިއްލަ ގޭގައި ކޯލް ސެންޓަރު ހަދައިގެން މުއިއްޒަށް ތާއީދު ހޯދި ވެމްކޯގެ ޖެނެރަލް މެނޭޖަރު ކަމުން ވަކިކުރި ފާތިމަތު ފަޒްލާ އެވެ.








