Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
އައު ފިލްމް

ޖުލައި މަހު ބަލާލަން ރަނގަޅު 5 ފިލްމް

މި ޖުލައި މަހު ރިލީޒްކުރާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިނިއަންސް އެންޑް މޮންސްޓަރސް" އާއި "އެނޯލާ ހޯމްސް 3" ގެ އިތުރުން ލައިވް-އެކްޝަން ފިލްމު "މޯނާ" ހިމެނެއެވެ. މީގެ އިތުރުން އީރާނުގެ އިންގިލާބަށްފަހުގެ ދިރިއުޅުން ދައްކުވައިދޭ "ރީޑިންގ ލޮލީޓާ އިން ތެހެރާން" އާއި ޓޮމް ހޮލަންޑްގެ އާ ފެށުމެއް ފެނިގެންދާ "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ" އަކީވެސް ބެލުންތެރިންގެ ބޮޑު އިންތިޒާރެއް އޮތް ފިލްމުތަކެއް.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 18:15
ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ - މިއީ މަޝްހޫރު އެކްޓަރު ޓޮމް ހޮލަންޑް، ސްޕައިޑަރ-މޭންގެ ރޯލުން ފެނިގެންދާ ހަތަރުވަނަ ފިލްމް.

ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ - މިއީ މަޝްހޫރު އެކްޓަރު ޓޮމް ހޮލަންޑް، ސްޕައިޑަރ-މޭންގެ ރޯލުން ފެނިގެންދާ ހަތަރުވަނަ ފިލްމް. | ސޮނީ ޕިކްޗާސް

މިނިއަންސް އެންޑް މޮންސްޓަރސް އިން ފެށިގެން ސްޕައިޑަރ-މޭން އާ ހަމައަށް: މި ޖުލައި މަހު ބަލާލަން ރަނގަޅު 5 ފިލްމުގެ ކުރު ޚުލާސާ އެއް ތިރީގައި އެވަނީ އެވެ.

1. މިނިއަންސް އެންޑް މޮންސްޓަރސް

މިނިއަންސް އެންޑް މޮންސްޓާސް
މިނިއަންސް އެންޑް މޮންސްޓާސް

މިނިއަންސް ސީރީޒްގެ ތިންވަނަ ފިލްމު، އަދި "ޑެސްޕިކަބަލް މީ" ފްރެންޗައިޒްގެ ހަތްވަނަ ފިލްމުގައި، ރީނދޫ ކުލައިގެ މި ކުދި މަޚްލޫގުން ފެނިގެންދާނީ އާދަޔާ ހިލާފު ބަދަލަކާއެކުގައެވެ. މިފަހަރު އެ ތަކެތި އުޅެނީ ނުލަފާ މީހުންނާއެކުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެ ސޮރުމެން އުޅެނީ 1920 ގެ އަހަރުތަކުގެ ހޮލީވުޑްގެ އެކްޓަރުންނާއި ޑައިރެކްޓަރުންނާއެކުގައެވެ. މި ފިލްމު އެ ދުވަސްވަރަށް ބިނާކުރުމުގައި ހަމަޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ މި ފިލްމުތަކުގައި ފެންނަ ހަރަކާތްތަކުން މަޖާކޮށްދޭ "ސްލެޕްސްޓިކް" ކޮމެޑީ އާއި ބަސް ނުބުނެ ހެއްވާ މަޖާ ކަންކަން ފެންނަ ސައިލެންޓް ކޮމެޑީ ނުވަތަ އަޑުނެތް ފިލްމުތަކުގެ ދުނިޔެއާ ވަރަށް ބޮޑަށް ގުޅޭ ކަމަކަށް ވާތީއެވެ. ފިލްމުގެ ޑައިރެކްޓަރު ޕިއެރޭ ކޮފިން "އެމްޕަޔަރ" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިނިއަންސްގެ ހުރިހާ ކަމަކީވެސް ސައިލެންޓް ފިލްމުތަކުގެ ތަރިންގެ ކިބައިން އިންސްޕިރޭޝަން ހޯދައިގެން ތައްޔާރުކޮށްފައިވާ ކަންކަން ކަމަށެވެ. އަދި އެ ތަކެތި ދައްކާ ވާހަކަ ސާފުކޮށް ފަހުމް ނުވި ނަމަވެސް، އެ ބުނާ އެއްޗެއް ބެލުންތެރިންނަށް އޮޅުންފިލުމަކީ މި ފިލްމުގެ އެންމެ ހާއްސަ ސިފަ ކަމަށް އޭނާ ފާހަގަކުރިއެވެ. މި ފިލްމުގައި ފެނިގެންދާ އަނެއް ބަދަލަކީ، މިނިއަންސް އަމިއްލައަށް ބިރުވެރި "މޮންސްޓަރ" ފިލްމެއް އުފައްދަން ނިންމުމެވެ. އަދި އެކަމަށްޓަކައި އަސްލު ދިރިހުރި މޮންސްޓަރެއް ހޯދުމަށް އެސޮރުމެން އެކަހެރި ރަށަކަށް ދަތުރުކުރެއެވެ.

މި ފިލްމު ބައިނަލްއަގުވާމީ ގޮތުން ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ޖުލައި 1 އިން 3 އަށެވެ.

2. އެނޯލާ ހޯމްސް 3

އެނޯލާ ހޯމްސް 3
އެނޯލާ ހޯމްސް 3

ޝާލޮކް ހޯމްސްގެ ކޮއްކޮ އެނޯލާ ހޯމްސް (މިލީ ބޮބީ ބްރައުން) އަނެއްކާވެސް ހަލުވި އަދި ފޯރިގަދަ އެޑްވެންޗަރަކަށް މިވަނީ ތައްޔާރުވެފައެވެ. ޖެކް ތޯން ސްކްރީންޕްލޭ ލިޔެ، "އެޑޮލެސެންސް" ގެ ޑައިރެކްޓަރު ފިލިޕް ބަރަންޓީނީ ޑައިރެކްޓްކުރާ މި ފިލްމުގައި އެނޯލާ މިހާރު ފެންނާނީ ފުރާވަރުގެ ކުއްޖެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ މިހާރު އޭނާގެ ލޯބިވެރިޔާ ލޯޑް ޓިއުކްސްބަރީ (ލޫއީ ޕާޓްރިޖް) އާ ކައިވެނިކުރަން ތައްޔާރުވަމުންދާ ޒުވާން އަންހެނެކެވެ. ނަމަވެސް މި ދަނޑިވަޅުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ، މަޝްހޫރު ތަހުގީގީ މާހިރު ޝާލޮކް ހޯމްސް (ހެންރީ ކެވިލް) ރަހީނުކުރުމެވެ. އެހެންކަމުން، ޝާލޮކްގެ އެހީތެރިޔާ ވޮޓްސަން (ހިމޭޝް ޕަޓޭލް) އާއި އެނޯލާގެ މަންމަ (ހެލީނާ ބޮންހަމް ކާޓަރ) އާ ގުޅިގެން، ބޭބެ ސަލާމަތްކުރުމުގެ މަސައްކަތް އެނޯލާ ފަށައެވެ. ލިޔުންތެރިޔާ ތޯން "ރޭޑިއޯ ޓައިމްސް" އަށް ބުނިގޮތުގައި، މިލީ ބޮބީ ބްރައުންއާ ފުރަތަމަ ބައްދަލުވިއިރު ހުރި ސިފަ އާ މިހާރު އޭނާގެ ހުރި ސިފަތައް މުޅިން ތަފާތެވެ. އެހެންކަމުން އާ ސްކްރީންޕްލޭ ބިނާކޮށްފައިވަނީ ބޮޑުވެފައިވާ އެނޯލާ ހޯމްސްއެއްގެ ދިރިއުޅުން ދައްކުވައިދޭ ގޮތަށެވެ. މީގެ އިތުރުން، މި ފިލްމުތަކަކީ ވިކްޓޯރިއަން ޒަމާނުގެ ތާރީޚީ ފިލާވަޅުތަކެއް ކަމަށްވެސް ތޯން ފާހަގަކުރިއެވެ. އެގޮތުން ފުރަތަމަ ފިލްމުގައި ވޯޓުލުމުގެ ހައްގާ ބެހޭގޮތުން ދެއްކިއިރު، ދެވަނަ ފިލްމުގައި ދެއްކީ މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެދުނު ގޮތެވެ. އަދި މި ތިންވަނަ ފިލްމުގައި ބަލާލާނީ އިސްތިއުމާރީ ތާރީޚަށެވެ.

މި ފިލްމު ޖުލައި 1 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރާނެއެވެ.

3. މޯނާ

މޯނާ ގެ މަންޒަރެއް
މޯނާ ގެ މަންޒަރެއް

ޑިޒްނީން މީގެ ކުރިންވެސް އެ ކުންފުނީގެ މަޝްހޫރު ކާޓޫންތައް އަސްލު އިންސާނުން ބޭނުންކޮށްގެން "ލައިވް-އެކްޝަން" ފިލްމުތަކުގެ ގޮތުގައި އުފައްދާފައިވެއެވެ. ނަމަވެސް "މޯނާ" މި ފިލްމު ތަފާތެވެ. މީގެ އަސްލު ކާޓޫން ފިލްމު ނެރުނުތާ އަދި މިވީ އެންމެ 10 އަހަރެވެ. އަދި މީގެ ދެވަނަ ބައި "މޯނާ 2" ނެރުނީ މީގެ ދެ އަހަރު ކުރިން 2024 ގައެވެ. އަނެއްކޮޅުން، ކާޓޫނުގައި ޑްވޭން ޖޯންސަން އަޑު އަޅައިދިން ކެރެކްޓަރު، މި ލައިވް-އެކްޝަން ފިލްމުގައި ކުޅެނީވެސް ހުދު އޭނާއެވެ. އަދި ފިލްމުގައި ފެންނަ އެކި ކަހަލަ މޮންސްޓަރުތަކަކީ ބޮޑެތި ބުދުތަކެއްގެ ބަދަލުގައި ސީޖީއައި ބޭނުންކޮށްގެން އުފައްދާފައިވާ ތަކެއްޗެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، މި ފިލްމަކީ ކާޓޫނާ މާ ބޮޑަށް އެއްގޮތްވެ، ބަލާލަން ވަގުތު ބޭކާރުވާނެ ފިލްމަކަށް ނުވާނެބާވައެވެ؟ ނަމަވެސް ޑައިރެކްޓަރު ތޯމަސް ކައިލް ބުނަނީ އެހެންނެއް ނޫނެވެ. "ޕޮލިގަން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭނާއަކީ ތިއޭޓަރުގެ ދާއިރާއިން އައި މީހެއް ކަމަށާއި، ބާޒާރުގައި ހުރި އެއްޗެއް އާކޮށްގެން ނެރުމަކީ އާންމު ކަމެއް ކަމަށެވެ. އަދި ކުރިން އޮތް ވާހަކައެއް އާ ފެންވަރަކަށް ތަރައްގީކުރުމަކީ ހާއްސަ ކަމެއް ކަމަށާއި، މި ފިލްމުގައި ގިނަ އާ ޑައިލޮގްތަކާއި މަޖާ ކަންތައްތަކެއް ހިމެނޭނެ ކަމަށް އޭނާ ވައުދުވިއެވެ.

މި ފިލްމު ބައިނަލްއަގުވާމީ ގޮތުން ރިލީޒްކުރާނީ ޖުލައި 8 އިން 10 އަށެވެ.

4. ރީޑިންގ ލޮލީޓާ އިން ތެހެރާން

ރީޑިން ލޮލީޓާ އިން ތެހެރާން
ރީޑިން ލޮލީޓާ އިން ތެހެރާން

ލިޔުންތެރިޔާ އަދި އެކަޑެމިކް އާޒާރު ނަފީސީ 2003 ވަނަ އަހަރު ނެރުނު މަޝްހޫރު ހަނދާނީ ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ތަރިއަކީ ގުލްޝިފްތޭ ފަރަހާނީއެވެ. މި ޑްރާމާގައި ދައްކުވައިދެނީ 1980 އާއި 90 ގެ އަހަރުތަކުގައި، އީރާނުގެ އިންގިލާބަށްފަހު އައި ސަރުކާރުން ގައުމުގެ ކަންކަން ހަރުކަށި ކުރަމުންދިޔަ ދުވަސްވަރު ނަފީސީގެ ދިރިއުޅުން ހުރި ގޮތެވެ. ފުރަތަމަ އޭނާ ތެހެރާން ޔުނިވަރސިޓީގައި އަދަބިއްޔާތު ކިޔަވައިދިން ނަމަވެސް، ފަހުން އޭނާއަށް މަޖުބޫރުވަނީ ސިއްރިއްޔާތުގައި އޭނާގެ ގޭގައި ފޮތް ކިޔާ ކްލަބެއް ހިންގުމަށެވެ. ބަންދުކޮށްފައިވާ ދޮރުތަކެއްގެ ފަހަތުގައި ތިބެ، އަންހެނުންގެ ކުޑަ ގްރޫޕަކުން "ލޮލީޓާ" ގެ އިތުރުން "ދަ ގްރޭޓް ގެޓްސްބީ" އާއި "ޕްރައިޑް އެންޑް ޕްރެޖުޑިސް" ފަދަ ފޮތްތައް ދިރާސާކުރެއެވެ. އަދި އެ ފޮތްތަކުގައިވާ ވާހަކަތަކާއި، ދުވަހުން ދުވަހަށް ނުރައްކާވަމުންދާ އެމީހުންގެ އަމިއްލަ ދިރިއުޅުމާ ހުރި ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރެއެވެ. "ސްކްރީން އިންޓަނޭޝަނަލް" ގެ ވެންޑީ އައިޑް ބުނާގޮތުގައި، މިއީ އަނިޔާވެރިކަމާ ކުރިމަތިލާއިރު ހިތްވަރާއި އުނގެނުމަށް އޮންނަ ޝައުގުވެރިކަން ދައްކުވައިދޭ އަސަރުގަދަ ވާހަކައެކެވެ. އަދި ފަރަހާނީގެ އެކްޓިން ވަރަށް ވަރުގަދަ ކަމަށާއި، އޭނާ ހަނުހުންނަ ވަގުތުތަކުގައިވެސް އޭނާގެ މޫނުމަތިން އެތައް ވާހަކައެއް ބުނެދޭ ކަމަށް އައިޑް ފާހަގަކުރިއެވެ.

މި ފިލްމު އެމެރިކާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 10 ވަނަ ދުވަހުއެވެ.

5. ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ

މިއީ ޓޮމް ހޮލަންޑް ސްޕައިޑަރ-މޭންގެ ރަތާއި ނޫކުލައިގެ ހެދުމުގައި ފެންނަ ހަތަރުވަނަ ފިލްމެވެ. ނަމަވެސް ފިލްމުގެ ނަމުން ދޭހަވާ ފަދައިން، މިއީ މުޅިން އާ ފެށުމެކެވެ. މިއީ އަލަށް ފަށާ ތިން ފިލްމުގެ ސީރީޒް ނުވަތަ ޓްރިލޮޖީގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ކުރިން "ޝޭންގް-ޗީ" ޑައިރެކްޓްކުރި ޑެސްޓިން ޑެނިއަލް ކްރެޓަންއެވެ. އޭނާ މި މަގާމާ ހަވާލުވީ ކުރީގެ ޑައިރެކްޓަރު ޖޯން ވަޓްސްގެ ބަދަލުގައެވެ. މި ފިލްމުގައި ޕީޓަރ ޕާކަރަށް ކުރިމަތިވެފައިވަނީ މުޅިން އާ ހާލަތެކެވެ. އެންމެ ފަހުން ނެރުނު ފިލްމުގައި ޑޮކްޓަރ ސްޓްރޭންޖް ހެދި ސިހުރެއްގެ ސަބަބުން، ޕީޓަރ ޕާކަރަކީ ދުނިޔޭގައި އުޅޭ މީހެއްކަން އޭނާގެ އެއްވެސް ރަހުމަތްތެރިއަކަށް މިހާރު ހަނދާނެއް ނެތެވެ. "ސްކްރީންރަންޓް" އަށް ދިން އިންޓަވިއުއެއްގައި ކްރެޓަން ބުނީ، މިއީ އުމުރުން 20 ގެ އަހަރުތަކުގެ މެދުތެރޭގައި ދިރިއުޅުމުގެ ހިތްދަތި ހަގީގަތްތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރު ކަމަށެވެ. ޕީޓަރ މިހާރު ކުރިމަތިލަމުންދަނީ އަމިއްލަ ދިރިއުޅުމުގައާއި ވަޒީފާގެ މައިދާނުގައި ދިމާވާ ބޮޑެތި މީހުންގެ މައްސަލަތަކާ ކަމަށާއި، ފުރަތަމަ ފަހަރަށް އޭނާ މިކަންކަމާ ކުރިމަތިލާން މިޖެހެނީ މުޅިން އެކަނި ކަމަށް ޑައިރެކްޓަރު ބުންޏެވެ. މި މައްސަލަތަކުގެ އިތުރުން، އޭނާއަށް ވަނީ ހަލްކް (މާކް ރަފަލޯ) އާއި، ދަ ޕަނިޝަރ (ޖޯން ބާންތަލް) އަދި ނިންޖާ ގާތިލުންގެ ގްރޫޕަކާވެސް ކުރިމަތިލާން ޖެހިފައެވެ.

މި ފިލްމު ބައިނަލްއަގުވާމީ ގޮތުން ރިލީޒްކުރާނީ ޖުލައި 29 އިން 31 އަށެވެ.

ސްޕައިޑަރ-މޭންމިނިއަންސްއެނޯލާ ހޯމްސްމޯނާޑިޒްނީސިނަމާހޮލީވުޑް

އިތުރަށް ކިޔާލަން

22 ޖޫން 2026

ޓޯއި ސްޓޯރީ 5: ރެކޯޑް އާމްދަނީއަކާއެކު ބޮޑު ކާމިޔާބީއެއް ހޯދައިފި

22 ޖޫން 2026
ޓޯއި ސްޓޯރީ 5: ރެކޯޑް އާމްދަނީއަކާއެކު ބޮޑު ކާމިޔާބީއެއް ހޯދައިފި
06 ޖޫން 2026

އަމްޖޭގެ 50 ވަނަ ފިލްމު "ގިލަން" ރިލީޒްކުރުން މި ޖޫން މަހު 30ގައި

06 ޖޫން 2026
އަމްޖޭގެ 50 ވަނަ ފިލްމު "ގިލަން" ރިލީޒްކުރުން މި ޖޫން މަހު 30ގައި
23 ޖެނުއަރީ 2026

އޮސްކާ 2026: ނޮމިނޭޝަން ފުލް ލިސްޓް

23 ޖެނުއަރީ 2026
އޮސްކާ 2026: ނޮމިނޭޝަން ފުލް ލިސްޓް
14 މެއި 2023

"ލޯބިވެވިއްޖެ" ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް - "ހުރީ ވަރަށް އުންމީދުގައި"

14 މެއި 2023
"ލޯބިވެވިއްޖެ" ފިލްމް ބަލާލަން ބޮލީވުޑްގެ ބަތަލް އާފްތާބް ރާއްޖެ އަށް - "ހުރީ ވަރަށް އުންމީދުގައި"
05 ޖޫން 2018

ޕަދްމާވަތު ޝަންހާއީ ފިލްމް ފެސްޓިވަލްގައި ވާދަކުރަނީ

05 ޖޫން 2018
ޕަދްމާވަތު ޝަންހާއީ ފިލްމް ފެސްޓިވަލްގައި ވާދަކުރަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު