އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި ބްރެންޑާ ފްރިކާ، އުމުރުން 81 އަހަރުގައި މަރުވެއްޖެ
އޮސްކާ އެވޯޑް ހާސިލްކުރި އަޔަރލޭންޑްގެ ފުރަތަމަ ބަތަލާ ބްރެންޑާ ފްރިކާ ވަނީ "މައި ލެފްޓް ފުޓް" އާއި "ހޯމް އެލޯން 2" ފަދަ މަޝްހޫރު ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައި. ދިގު އޭނާގެ ފަންނީ ހަޔާތުގައި ޓީވީ ސިލްސިލާތަކާއި ތިއޭޓަރުގައި ކުޅަދާނަ ހުނަރުތަކެއް ދައްކާފައިވާއިރު، އޭނާ ވަކިވެދިއުމަކީ ދުނިޔޭގެ ފިލްމީ ދާއިރާއަށް ލިބުނު ބޮޑު އުނިކަމެއް

އެކްޓްރެސް ބްރެންޑާ ފްރިކާ | ގެޓީ އިމޭޖަސް
އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އަޔަރލޭންޑްގެ މަޝްހޫރު ފިލްމީ ތަރި ބްރެންޑާ ފްރިކާ، އުމުރުން 81 އަހަރުގައި މަރުވެއްޖެ އެވެ.
ބްރެންޑާ އަކީ 1989 ވަނަ އަހަރު ނެރުނު ފިލްމު "މައި ލެފްޓް ފުޓް" އިން އޮސްކާ ކާމިޔާބުކުރުމުގެ އިތުރުން، "ހޯމް އެލޯން 2" އާއި ބީބީސީގެ ޑްރާމާ ސިލްސިލާ "ކެޝުއަލްޓީ" އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
"މައި ލެފްޓް ފުޓް" ގައި ޑެނިއަލް ޑޭ-ލުވިސްގެ މަންމަގެ ރޯލުން ފެނިގެންދިޔަ ބްރެންޑާ ފްރިކާ، އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ އޮސްކާ އެވޯޑް ކާމިޔާބުކުރީ 1990 ވަނަ އަހަރު އެވެ.
ބީބީސީގެ މަޝްހޫރު ސިލްސިލާ "ކެޝުއަލްޓީ" ގައި ނަރުސް މޭގަން ރޯޗްގެ ރޯލުން 1986 ވަނަ އަހަރުން ފެށިގެން އޭނާ ފެންނަން ފެށިއިރު، އެ ސިލްސިލާގައި އެންމެ ފަހުން އޭނާ ފެނިފައިވަނީ 2010 ވަނަ އަހަރު އެވެ. މީގެ އިތުރުން 1992 ވަނަ އަހަރު ނެރުނު "ހޯމް އެލޯން" ގެ ދެވަނަ ފިލްމުގައި ސެންޓްރަލް ޕާކުގައި ކާޅުތަކަށް ކާންދޭން އިންނަ އަންހެން މީހާގެ ރޯލުންވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.
ބްރެންޑާގެ އޭޖެންޓް ފިލް ބެލްފީލްޑް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރެންޑާ ފަދަ ހުނަރުވެރި ފަންނާނަކު ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށާއި، އޭނާ ވަކިވެދިއުމަކީ މުޅި ދުނިޔެއަށް ލިބުނު ބޮޑު އުނިކަމެއް ކަމަށެވެ.
އަޔަރލޭންޑްގެ ޑަބްލިންއަށް އުފަން ބްރެންޑާ ފްރިކާގެ އެކްޓިންގ ކެރިއަރު ފެށީ 1960 ގެ އަހަރުތަކުގައި އަޔަރލޭންޑްގެ ފުރަތަމަ ސޯޕް އޮޕެރާ "ޓޮލްކާ ރޯ" އިންނެވެ. އޭގެ ފަހުން 1977 ވަނަ އަހަރު އައިޓީވީގެ "ކޮރޮނޭޝަން ސްޓްރީޓް" އާއި 1978 ވަނަ އަހަރު ޑޭވިޑް ހެއާ ލިޔުނު "ލިކިންގ ހިޓްލަރ" ފަދަ ޓީވީ ޑްރާމާތަކާއި ތިއޭޓަރުގެ އެކި ރޯލުތަކުން އޭނާ ފެނިގެން ގޮސްފައިވެ އެވެ.
ބީބީސީގެ މެޑިކަލް ޑްރާމާ "ކެޝުއަލްޓީ" 1986 ވަނަ އަހަރު ފެށުނުއިރު، އޭގެ ފުރަތަމަ އެޕިސޯޑުން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ އެ ސިލްސިލާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން އެ ސިލްސިލާގެ ރޯލުތަކުން އޭނާ ފެނިފައިވެ އެވެ.
ޖޫލިއާ ރޮބަޓްސް އާއި އެންޖެލިކާ ހަސްޓަން ފަދަ ހޮލީވުޑްގެ މަޝްހޫރު ތަރިންނާ ވާދަކޮށް، 1990 ވަނަ އަހަރު އެކަޑަމީ އެވޯޑް (އޮސްކާ) ކާމިޔާބުކޮށް، ބްރެންޑާ ވަނީ އެ އެވޯޑް ހާސިލްކުރި އަޔަރލޭންޑްގެ ފުރަތަމަ ބަތަލާގެ ގޮތުގައި ތާރީޚުން ޖާގަ ހޯދާފަ އެވެ.
"މައި ލެފްޓް ފުޓް" އަކީ ސެރެބްރަލް ޕަލްސީ ބަލި ތަހައްމަލު ކުރަމުންދިޔަ، އަދި ހަމައެކަނި ވާތު ފައި ބޭނުންކުރެވޭ އަޔަރލޭންޑްގެ ރައްޔިތެއް ކަމަށްވާ ކްރިސްޓީ ބްރައުންގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގައި ކްރިސްޓީގެ ރޯލު ކުޅުނު ޑެނިއަލް ޑޭ-ލުވިސް ވެސް ވަނީ އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ހާސިލްކޮށްފަ އެވެ.
ބްރެންޑާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އަނެއް ރޯލަކީ، އޭގެ ދެ އަހަރު ފަހުން "ހޯމް އެލޯން 2" ގައި މެކައުލީ ކަލްކިން ކުޅުނު ކެވިންގެ ރޯލާ ގާތް ގުޅުމެއް ބާއްވާ، ދޫނިތަކަށް ކާންދޭން އުޅޭ ގެދޮރު ނެތް އަންހެން މީހާގެ ރޯލެވެ.
އޭނާ މަސައްކަތް ކޮށްފައިވާ އެހެނިހެން ފިލްމުތަކުގެ ތެރޭގައި 1993 ވަނަ އަހަރުގެ "ސޯ އައި މެރީޑް އެން އެކްސް މާޑަރާ"، 1994 ވަނަ އަހަރުގެ "އޭންޖެލްސް އިން ދަ އައުޓްފީލްޑް"، 1996 ވަނަ އަހަރުގެ "އޭ ޓައިމް ޓު ކިލް" އަދި 2003 ވަނަ އަހަރުގެ "ވެރޯނިކާ ގުއެރިން" ހިމެނެ އެވެ.
އެހެންނަމަވެސް، އޮސްކާ އެވޯޑް ލިބުމުގެ ސަބަބުން އޭނާގެ ކެރިއަރަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި، އެ އެވޯޑް ނުލިބުނު ނަމަ މިއަށްވުރެ ރަނގަޅު ކެރިއަރެއް ބިނާކުރެވުނީސް ކަމަށް ފަހުން އޭނާ ބުނެފައިވެ އެވެ.
އަޔަރލޭންޑަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު އެޑްވަރޑް ވޯލްޝް ވަނީ ބްރެންޑާ ފްރިކާއަކީ "އަޔަރލޭންޑްގެ ފިލްމީ ދާއިރާގެ ތޫނުފިލި ޝަޚްސިއްޔަތެއް" ކަމަށް ސިފަކުރައްވައި، "މައި ލެފްޓް ފުޓް" ފިލްމުގައި އޭނާ ދެއްކި "ހަނދާނުން ފޮހެލަން ދަތި" މޮޅު ހުނަރަށް ތައުރީފު ކުރައްވާފަ އެވެ.




