ކޮލޮމްބޯގެ ޕޯޓް ސިޓީ އަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް މާލޭގައި ފޯރަމެއް ބާއްވައިފި
16 އޯގަސްޓު 2026 | އާދީއްތަ 06:29ޕޯޓް ސިޓީ ކޮލަމްބޯގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ދިވެހި ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި މި ފޯރަމުގައި، އެ ސަރަހައްދުން ލިބޭ ޓެކްސް އިނާޔަތްތަކާއި އިންފްރާސްޓްރަކްޗާގެ މައުލޫމާތު ހިއްސާކުރެވުނު. މި ބައްދަލުވުމުގެ ސަބަބުން ރިއަލް އެސްޓޭޓާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަވެ، ދިވެހި އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް މަގުފަހިވެގެންދާނެ

މި ފޮޓޯއަކީ 2021 ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު ނަގާފައިވާ، ސްރީލަންކާގެ ކޮލަމްބޯގައި ތަރައްގީކުރަމުންދާ ކޮލަމްބޯ ޕޯޓް ސިޓީ މަތިން ފެންނަ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް | ޒިންހުއާ
ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނާއި، ސީ.އެޗް.އީ.ސީ (CHEC) ޕޯޓް ސިޓީ ކޮލަމްބޯ ލިމިޓެޑް ގުޅިގެން، "ޕޯޓް ސިޓީ ކޮލަމްބޯ އިންވެސްޓަރ ފޯރަމް" މާލޭގައި ބާއްވައިފި އެވެ.
2026 އޮގަސްޓް 10 ގައި ބާސެލޯ ނަސަންދުރަ ގައި އޮތް މި ބައްދަލުވުމަކީ ދައުވަތު އެރުވުނު ފަރާތްތަކަށް އެކަނި ބޭއްވި މި ފޯރަމެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުރުން ޑިވެލޮޕަރުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ފޯރަމަކީ ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބައްދަލުވުން އިންތިޒާމު ކުރި ފަރާތުން ވަނީ ހާމާކޮށްފަ އެވެ. މިއީ ސިންގަޕޫރު، ޔޫ.އޭ.އީ އަދި އޮމާންގައި މިއަހަރު ބޭއްވުނު ކާމިޔާބު ފޯރަމްތަކަށްފަހު، ސަރަހައްދީ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ޕޯޓް ސިޓީ ކޮލަމްބޯއިން ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ބައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ފޯރަމްގެ ސަބަބުން ދެކުނު އޭޝިއާގެ ދޮރާށީގެ ގޮތުގައި ބެލެވޭ ޕޯޓް ސިޓީ ކޮލަމްބޯގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދިވެހި ވިޔަފާރިވެރިންނަށް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ފޯރަމްގައި ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަންއާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަދި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒްގެ އިތުރުން ސީ.އެޗް.އީ.ސީ ޕޯޓް ސިޓީ ކޮލަމްބޯގެ އެސިސްޓަންޓް މެނޭޖިންގ ޑިރެކްޓަރު ބައި ޝިއާޕިންގ ވާހަކަފުޅު ދެއްކެވި އެވެ. މި ބައްދަލުވުމުގައި ޕޯޓް ސިޓީ ކޮލަމްބޯގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ދަރަޖައާއި، ޓެކްސްގެ އިނާޔަތްތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާއާ ގުޅޭ މައުލޫމާތު ހިއްސާކުރެވުނެވެ. މީގެއިތުރުން، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު ބައިވެރިން މަޝްވަރާކުރެއްވި އެވެ. ޕޯޓް ސިޓީ ކޮލަމްބޯއަކީ ސަރަހައްދީ ވިޔަފާރީގެ މައި މަރުކަޒަކަށް ހެދުމަށް އަމާޒުކޮށްފައިވާ ތަނަކަށްވާއިރު، މާލޭގައި ބޭއްވުނު މި ފޯރަމްގެ ސަބަބުން ދިވެހި އިންވެސްޓަރުންނާ އޮތް ގުޅުން ވަރުގަދަވެ، ކުރިމަގުގައި ދެ ގައުމު ގުޅިގެން ކުރާ އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެ ކަމަށް ބައްދަލުވުން އިންތިޒާމު ކުރި ފަރާތުން ބުނެފައިވެ އެވެ.






