ކޮލަމްބިއާގެ ބާރުގަދަ ބިންހެލުމުގައި މަދުވެގެން 111 މީހުން މަރުވެއްޖެ
11 އޯގަސްޓު 2026 | އަންގާރަ 02:18ކޮލަމްބިއާގެ ޗޮކޯ ޕްރޮވިންސަށް އައި ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ކާރިސާގެ ހާލަތު އިޢުލާނުކުރައްވާފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން
ކޮލަމްބިއާގެ ހުޅަނގު ސަރަހައްދަށް އައި ބާރުގަދަ 7.4 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ އިމާރާތްތައް ބިމާހަމަވެ، މަދުވެގެން 111 މީހުން މަރުވެއްޖެއެވެ. މި ބިންހެލުމުގައި ސަތޭކައަށްވުރެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ނުވަތަ މުޅިން ސުންނާފަތިވެފައިވާއިރު، އިމާރާތްތަކުގެ ކުނިބުނީގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ | ސޯޝަލް މީޑިއާ
ކޮލަމްބިއާއަށް ފަހުގެ ތާރީޚެއްގައި އައި އެންމެ ބާރުގަދަ ބިންހެލުމުގައި މަދުވެގެން 111 މީހުން މަރުވެ، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި އެވެ.
ހޯމަ ދުވަހުގެ މި ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ބިމާހަމަވެފައިވާއިރު، ގިނަ ބަޔަކު އެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ޔުނިވަރސިޓީ ހޮސްޕިޓަލުގެ އިމާރާތް ވެއްޓޭ މަންޒަރު
ކޮލަމްބިއާގެ ޖިއޮލޮޖިކަލް ސާވިސްއިން ބުނި ގޮތުގައި، ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 07:34 (ޖީއެމްޓީން 12:34) ގައެވެ. މި ބިންހެލުން އައިސްފައިވަނީ ޗޮކޯ ޕްރޮވިންސްގެ 103 ކިލޯމީޓަރު (64 މޭލު) އަޑިއަށެވެ. ކޮލަމްބިއާގެ ހުޅަނގުގެ އެތައް ސަތޭކަ މޭލެއްގެ ސަރަހައްދަކަށް މި ބިންހެލުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.
މި ހާދިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ކޮލަމްބިއާގެ ކޮފީ އުފައްދާ ސަރަހައްދެއް ކަމަށްވާ ޕެރެއިރާ ސިޓީންނެވެ. މީގެ އިތުރުން އެ ސިޓީއާ އިންވެގެން އޮންނަ ރަށްތަކަށާއި ވޭޔޭ ޑެލް ކައުކާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ބިންހެލުން އުފެދުނީ ޗޮކޯ ޕްރޮވިންސްގެ ސަން ހޯސޭ ޑެލް ޕަލްމާ އަވަށާ ކައިރީގަ އެވެ. ނަމަވެސް، އެ އަވަށަށް ވަދެ ނިކުމެ ހަދާ މަގުތަކަށް ގެއްލުން ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާކަމަށް އެ ރަށުގެ މޭޔަރު ލިއޯން ފަބިއޯ މާރިން މޮންކާޑާ ވިދާޅުވި އެވެ.
ބިންހެލުން އުފެދުނު ހިސާބާ ގާތްގަނޑަކަށް 55 ކިލޯމީޓަރު (34 މޭލު) ދުރުގައި އޮންނަ ޕެރެއިރާ ސިޓީއަކީ މި ބިންހެލުމުގައި އެންމެ ބޮޑަށް ސުންނާފަތިވި އެއް ސިޓީ އެވެ.
ބީބީސީން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސިޓީގެ މައި މައިދާން ކަމަށްވާ ޕްލާޒާ ބޮލީވާރުގައި ހުރި މަދުވެގެން އެއް އިމާރާތް ވަނީ ބިމާހަމަވެފަ އެވެ. އަދި ގިނަ ބަޔަކު އެއްވެ ތިބި އެ ހުސް މައިދާނުގެ އެކި ސަރަހައްދުތަކަށް އިމާރާތުގެ ބައިތަކާއި ހިރަފުސް ވަނީ ފެތުރިފަ އެވެ. އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިޓީގެ މެޓްރޯޕޮލިޓަން ސަރަހައްދުން އެކަނިވެސް 40 މީހުން ވަނީ މަރުވެފަ އެވެ. އަދި 65 އިމާރާތެއް ވެއްޓިފައިވާއިރު، އޭގެ ތެރެއިން 15 އިމާރާތެއްގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
މި ހާދިސާއާ ގުޅިގެން ޕެރެއިރާ ސިޓީގެ ބައެއް ސަރަހައްދުތަކުގައި އަންގާރަ ދުވަހުގެ ފަތިހު 05:00 އާ ހަމައަށް ކާފިއު ވަނީ އިޢުލާނުކޮށްފަ އެވެ.
ޕެރެއިރާގެ ދެކުނުން 160 ކިލޯމީޓަރު ދުރުގައި އަދި ބިންހެލުން އުފެދުނު ސަރަހައްދާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ކާލީ ސިޓީން 32 އިމާރާތެއް ވަނީ ވެއްޓިފަ އެވެ.
ލަންޑަނަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެން ކަޓްލަރ އަކީ އޭނާގެ ބައިވެރިޔާއާއެކު ދަތުރެއްގައި ކޮލަމްބިއާގައި އުޅޭތާ ދެ މަސް ވެފައިވާ މީހެކެވެ. ބިންހެލުން އައި ވަގުތު އޭނާ ހުރީ ކާލީ ސިޓީގަ އެވެ.
ބިންހެލުމުގެ ސަބަބުން ނިދިން ހޭލެވުނު ކަޓްލަރ ބީބީސީއަށް ކިޔައިދިން ގޮތުގައި، މީގެ ކުރިން ދުވަހަކުވެސް މިފަދަ ބިރުވެރި ތަޖުރިބާއެއް އޭނާ ކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން މެނިޒާލެސް، ކިބްޑޯ، މެޑެލިން އަދި މުޅި ޗޮކޯ އާއި ވޭޔޭ ޑެލް ކައުކާ ސަރަހައްދުން ވެސް މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. ކޮލަމްބިއާގެ އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި، ޕެރެއިރާ، މެނިޒާލެސް، ކިބްޑޯ، އަރްމީނިއާ، ކާޓާގޯ އަދި ބުއެނަވެންޗޫރާގެ ސަރަހައްދީ އެއާޕޯޓްތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ވެރިރަށް ބޮގޯޓާގައި ގަސްތަކާއި ޓްރެފިކް ބައްތިތައް ވަރަށް ބާރަށް ލޮޅުން އައި އިރު، ބައެއް އިމާރާތްތަކުގައި ރެނދުލާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ސިޓީގެ މައިގަނޑު އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.
މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި ވެނެޒުއޭލާ، އިކުއެޑޯ އަދި ޕެނަމާއަށް ވެސް ވަނީ އިހުސާސް ކުރެވިފަ އެވެ.
މި ބިންހެލުން އައިސްފައި މިވަނީ، ވެނެޒުއޭލާގެ އުތުރު ސަރަހައްދަށް އައި ދެ ބިންހެލުމެއްގައި 6,300 އަށްވުރެ ގިނަ މީހުން މަރުވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ. ކޮލަމްބިއާގެ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ވަނީ މުޅި ގައުމުގައި ކާރިސާގެ ހާލަތު އިޢުލާނުކުރައްވާފަ އެވެ. މިއާއެކު، ކުއްލި ހާލަތަށް އިޖާބަދިނުމަށްޓަކައި ބަޖެޓު އަލުން ކަނޑައެޅުން ފަދަ ޚާއްޞަ ބާރުތަކެއް ސަރުކާރަށް ލިބިގެންދާނެ އެވެ.
ވޭތުވެދިޔަ ހުކުރު ދުވަހު މަގާމާ ހަވާލުވެވަޑައިގަތް އާ ރައީސަށް، މިއީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިމަގު ބައްޓަންވެގެންދާނެ ފަދަ ބޮޑު އިމްތިހާނެކެވެ.
މަރުވި މީހުންގެ އިތުރުން، 1,500 އަށްވުރެ ގިނަ ގެދޮރަށް ގެއްލުން ލިބިފައިވާކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ހާމަވަމުންދާއިރު، ދުނިޔޭގެ ލީޑަރުން ދަނީ ކޮލަމްބިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅަމުންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ބިންހެލުމުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި ޔޫރަޕްގެ އިއްތިހާދުގެ ވެރިޔާ އުރުސުލާ ފޮން ޑަ ލޭޔަން ވިދާޅުވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އީޔޫގެ ކޮޕަރނިކަސް ސެޓެލައިޓްގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެލް ސަލްވަޑޯރުގެ ރައީސް ނަޔިބް ބުކޭލޭ ވަނީ ކޮލަމްބިއާގެ ރައްޔިތުންނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވިސްއިން އަންދާޒާކުރާ ގޮތުގައި، ރިކްޓަރ މިންގަނޑުން 7 ގެ ބާރުމިނުގައި ހުރި މި ބިންހެލުމުގެ ގަދަ ލޮޅުންތައް ގާތްގަނޑަކަށް 1.5 މިލިއަން މީހުންނަށް ވަނީ އިހުސާސް ކުރެވިފަ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި، ހޯމަ ދުވަހު އައި ބިންހެލުން ފަދަ ބިމުގެ ވަރަށް އަޑިން އަންނަ ބިންހެލުންތަކަކީ، ބިމުގެ މަތީ ފަށަލައާ ކައިރިން އަންނަ ބިންހެލުންތަކާ އަޅާބަލާއިރު ނުރައްކާ ކުޑަ ބިންހެލުންތަކެކެވެ.
ނަމަވެސް، މިފަދަ ބިންހެލުންތަކުން ބޭރުވާ ހަކަތައިގެ ސަބަބުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. އަދި މިފަދަ ބިންހެލުންތަކަށްފަހު އަންނަ އާފްޓަރޝޮކްސް މަދުވި ނަމަވެސް، އެ ލޮޅުންތަކުގެ ބާރުގަދަވުމުގެ ފުރުސަތު އޮވެ އެވެ.










